ހުރިހާ ކަމަކަށް އެއްބަހަސް ތިޔަ އަނިޔާއާ ދެކޮޅު
ބޭވަފާތެރިކަމާ ބޭއިންސާފުގައި ހައްދު ފަހަނައަޅާ ދިޔުން
ސަންސިޔާމު ޕޯޑިއަމަށް އަރާ މަޚްރަޖުން ވާހަކަ ދައްކަނީ ހަމަ ހުރެފައެއް ނޫނެވެ. އެއީ މުއިއްޒުގެ ބަފާބެ މަރްހޫމް ޝޭޚް ހިންނަވަރު މުހަންމަދު އިބްރާހީމްގެ މއ. ބާބުލްޢަވާލީގައި ފެންފިހި ލާން އުޅުނު އެ މަދަރުސާގެ ދަރިވަރެކެވެ. ޖަމިއްޔަތުއް ސަލަފްގެ ބިންގަލަކީ އެއީއެވެ.
މީހުން ބުނެ އުޅޭ ގޮތުން ސިޔާމަކީ ސަލަފަށް ބޮޑުކޮށް ފަންޑުކޮށް ފައިސާދޭ މީހެކެވެ. ތެދެއް ދޮގެއް ނޭނގެއެވެ. އެހެން ވިޔަސް އެނގޭ ކަމެއް އެބަ އޮތެވެ. ސިޔާމްގެ ސަންޓީވީ އާ ސަން އެފް އެމުން ޢަލީ ރަމީޒްމެންގެ ދީނީ ޕްރޮގްރާމްތައް ހިތަކަށް ތަޅާ އަޅާފައި އޮތެވެ. އަނެއްކޮޅުން ސިޔާމްގެ ނައިބު އަލީ މައުރޫފާއި ޑރ. މުއިއްޒުއަކީ ހިންނަވަރު ޖަނާބުގެ ދަނބި ދަރިންނަށް ވުމަކީ ސަލަފަށް ހަރަދުކުރުމަށާއި މުއިއްޒަށް ތާއީދުކުރަން ސިޔާމަށް އޮތް މަޖުބޫރެކޭ ބުނާހިތެއް ނުވެއެވެ.
މިފަހަރުގެ އެމްޑީޕީ ކޯލިޝަނުގައި ސަން ސިޔާމް ހުރީ އެއްދޮނުގައި ދިހަބާރަ ބުޅިޖެހުމުގެ ބޭނުމުގައި ރާވައިގެން ކަމަށްވުން ގާތެވެ. އެއް ކޮޅުން އިންތިހާބުގައި ވާދަ ކުރަނީ ސަލަފްގެ ބޮޑު ޅިޔަނު މުއިއްޒެވެ. ސަލަފަށް ވާގިދޭން ސިޔާމާ އެންމެ ކައިރީގައި ހުރީ ސަލަފުގެ ކުޑަޅިޔަނު މައުރޫފެވެ. ސަލަފްގެ މުއިއްޒާ ވާދަކުރަން އަނެއް ކޮޅުގައި އޮތީ އެމްޑީޕީއެވެ.
ރައީސް ޞޯލިޙް އަރިހުގައި މާއިޚްލާޞްތެރި އަކަށް ވެގެން ސިޔާމް އުޅުނީ ކޮންމެ ކޮޅެއް މޮޅުވިޔަސް ސިޔާމްމެންގެ އަސްލު އެޖެންޑާގެ ފަލީތާ އޭގެ ތެރެއަށް ވައްދަން ކަމަށް ވެދާނެއެވެ.
ކުޑަފަރީ ސިޔާމްގެ ގެސްޓް ރޫމް ގިނަޔަސް މާރުޅި އަންނަން ނުހަދާށެވެ. 2008ގައި މައުމޫންގެ ވެރިކަން ވައްޓާލަން އުޅުނުއިރު އައްޑުވަސް މަޖައްލާގައި ސިޔާމަށް ފާޑުކިޔާފައި ލިއުމެއް ލިއުނު ލޯޔަރ ޙަސީންގެ ކޮއްކޮ ޢަބްދުލް ޙަމީދު ޢަބްދުލް ކަރީމަށް މަރުގެ އިންޒާރުދީފައި މެސެޖްތައް ކުރީވެސް ސަންޓްރެވަލްގެ ނަމުގައި ނަގާފައި އޮތް ފޯން ނަމްބަރަކުންނެވެ. ޔާމީނު ރަޝީދު ގަތުލު ކޮށްލިރޭ މިޝަން ނިމިއްޖެކަމަށާ އެކުދިންނަށް ބޭރަށް ފުރުމުގެ ޓިކެޓާއި ޑޮލަރކޮޅު ހަމަޖައްސާލަން ސިޔާމަށް ކުރި މެސެޖެއް ކަމަށް ބުނާ މެސެޖެއް ދައުރުވި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. ލަންކާގައި މަރަލާފައި އޮއްވާ ފެނުނު ރަބަރޭގެ މަރާ ގުޅިގެން ފެތުރުނު ވަހަކަތައް ދައްކާކަށް ނެތީމެވެ. ހިލްޓަން މައްސަލައިގައި ރާއްޖޭގެ މަޝްހޫރު ނޫސްވެރިއަކަށް އިންޒާރުދީ ބިރު ދެއްކިކަން އޮތީ ފަޅާ އަރާފައެވެ.
އެކަމުވެސް ބުނަމެވެ. ސަން ސިޔާމާއެވެ! ބިރެއް ނުގަނެއެވެ. ހަޝިޝް ބޮއެގެން ހައްޝާޝީންނަށް ވެގެން، އެބަސް މީހުން މަރާ އެސޮސިން ކަމުގައި އިނގިރޭސި ރަދީފަށް ވެއްދި ޖާރިޔާއިންނާ ގަހުރަމާނުންނާ މަންޖޯޅިވާ ވިސްނުމާ ދިވެހިން ދެކޮޅެވެ. އެއީ ވިޔާދާ ބައެއް ނޫނެވެ. ހަމަ ހުވައެވެ. ބިރެއް ނުގަނެއެވެ.
ބޭވަފާތެރިކަމާ ބޭއިންސާފުގައި ހައްދު ފަހަނައަޅާ ގޮސް ފުރަތަމަ ބުރުގައި މާމުއި ބޮއެގެން މަސްތުވެހުރެ، ދެވަނަ ބުރުގެ ވޯޓަށް 3 ދުވަހަށް ވީމާ ތިމާގެ ހުރި ގޮތެއް ފޮތެއްނެތް އަނިޔާވެރިކަން އެމްޑީއޭ ކައުންސިލްގެ ނިންމުމަކުންނޭ ކިޔާ ތިޔަހަރަ ބޭޒާރުވީ އަމިއްލަ އަށެވެ. ފުރަތަމަ ބުރުގައިވެސް ސަން ސިޔާމުގެ ފަރާތުން ރައީސް ޞޯލިހަށް ލިބުނު ވޯޓެއް ފެންނާކަށް ނެތެވެ.
ރިސޯރޓް މުވައްޒަފުންނަށް ހަފްތާ އަކު 2 ދުވަސް ޗުއްޓީ ދޭން ރައީސް ޞޯލިޙް ނިންމެވީމާ އަރައިގަތް ރުޅީގާ ދެވަނަ ބުރުގައި މުއިއްޒު ކައިރިއަށް ކީއްކުރަން ހެއްޔެވެ؟ ސަން ސިޔާމް ފޮންނެއްކާއަށް ދިޔަޔަސް ރެސޯރޓް މުވައްޒަފުން ގަނަ ތަޅުވާ އެކަކީ ސަންސިޔާމް ނޫން ކަމުގައި ނުވެއެއް ނުދާނެއެވެ.
ރޯމާ ދުވާލު ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ކުރި އަނިޔާގައި އަތްޖަހާ ހޭން ހުރި އެކަކީ ސަންސިޔާމެވެ.
ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގި މެޑަމް ފާތުންއަށްޓަކާ ސުވަރުގޭގައި އެތައް ގަނޑުވަރެއް ބިނާ ކުރެވޭ ކަމަށް ބުނެ މަލަކޫތީ ޢާލަމް އަކީ ކޮންސްޓްރަކްޝަން ސައިޓަކަށް ހެދި މީހަކީ ހަމަ ތިޔަ ސަންސިޔާމެވެ.
އެމްޑީއޭ ހެދީ އެމްޑީޕީގެ ވަސް ފުހެލަން ކަމަށް ފާޅުގައި ބުނީ ވެސް ތިޔަ ސަންސިޔާމެވެ. ސިޔާމްގެ މުދާވެރިކަން މާތްރަސްކަލާނގެ ޔަދު ގުދުރަތުން އިރުއްވާ ފަޅި ސިކުންތަކުން ނިކަމެތި ކުރައްވަފާނެ ކަމެއް ހިތަކަށް ނާރައެވެ؟
ހިލްޓަނަށް ދޭން ޖެހޭ ފައިސާ އަށް ފިލައިގެން ދެން ނިކަން ސިންގަޕޯރ އަށް އަރާލަ ބަލާާށެވެ. ވާގޮތް އެނގޭނެއެވެ.
ކުޑަފަރީ ސަންސިޔާމް ގާތުގައި ސާފުކޮށް ބުނަމެވެ. ސިޔާސީ ގޮތުން ހުރިހާ ޖަލަކާ ޒުވާބަކާ ވާދަ ކުރަން ވެސް އޯކޭއެވެ. އެކަމަކު ޔާމީނާ މުއިއްޒާ އެކު ކަލޭމެން ދިވެހިންގެ މައްޗަށް އެކުޅަ އަނިޔާވެރިކަން އެނބުރި އަންނާކަށް ދިވެހިން އޯކޭ އެއް ނޫނެވެ.
ސަން ސިޔާމަކީ މުއިއްޒުމެން ކުރި އަނިޔާވެރި ވެރިކަމުގެ ހުރިހާ މާލަމް ތަކަށް ފައު ކުރެއްވި މާތް ސާހިބާ ކަމަށް ހެދިގެން އުޅުނު އެކަކެވެ.
އެސަބަބާ ހުރެ ރައްޔިތުން ވޯޓްލާނީ ނަމްބަރު 3، ރައީސް އިބްރާހިމް މުޙަންމަދު ޞޯލިޙަށެވެ.