މަޖިލީހުގައި އެމްޑީޕީ މެންބަރުންގެ އަދަދު 54އަށް
ކާށިދޫ ދާއިރާގެ މެންބަރ އަބްދުﷲ ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގަތުން
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރި 13 މެންބަރަކު އެމްޑީޕީން ވަކިވީ ހުސްވި މަހުއެވެ. އޭގެފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އައްޑޫ ހިތަދޫ މެންބަރެއް ކަމުގައިވާ އަހުމަދު ރަޝީދު (އަރާއިރު) ވެސް ވަނީ އެމްޑީޕީން ވަކިވެފައެވެ. 15 މެންބަރުން އެމްޑީޕީ ވަކިވިޔަސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.
15 މެންބަރަކު ވަކިވެ ވަޑައިގަތަސް އިތުރު ދެ މެންބަރަކު އެމްޑީޕީއާ ވަނީ މިހާރު ގުޅިވަޑައިގެންފައެވެ. ފ. ނިލަންދޫ ދައިރާގެ މެންބަރު ޖޭފޯ އެމްޑީޕީއާ ގުޅިވަޑައިގެންތާ މާގިނަ ދުވަހެއް ނުވެ ކާށިދޫ ދާއިރާގެ މެންބަރ އަބްދުﷲ ޖާބިރު އެމްޑީޕީއާއި މިއަދު ގުޅިވަޑައިގެން މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރާ މެންބަރުންގެ އަދަދު 54 އަށް ވަނީ ބަދަލު ކޮށްލާފައެވެ. އަދިވެސް އިތުރު މެންބަރުން ގުޅިވަޑައިގަންނަވަނެ ކަމަށް ރައީސް ސޯލިހު ޔަގީން ކުރައްވައެވެ.
ޖާބިރު އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ފަހު މެމްބަރުޝިޕް ފޯމް ހަވާލު ކުރެއްވީ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރަހީމް މުހައްމަދު ސޯލިހާއެވެ. ކުލަގަދަ ރަސްމިއްޔާތެއްގައެވެ. ރައީސް ސޯލިހު ޖާބިރު ސިފަ ކުރައްވަނީ ޒުވާނުންގެ ލީޑަރގެ ގޮތުގައެވެ.
އެމްޑީޕީއާ ޖާބިރު ގުޅިވަޑައިގަތުމުގެ ދައުވަތު ދެއްވީ އެމްޑީޕީގެ ޗެއާރ ޕާސަން ފައްޔާޒް އިސްމާއިލެވެ. ޖާބިރަށް އެ ދައުވަތު ފައްޔަޒު ދެއްވީ އެމްޑީޕީ ދެން ހިންގަވާނީ ޖާބިރު ކަަމަށް ވިދަޅުވެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވި މަލާމަތަކާ ގުޅިގެންނެވެ.
އެމްޑީޕީއަށް ސޮއެކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވީ، މި ވެރިކަމުގައި ރާއްޖެއަށް ތަރައްގީ ގެނެސްދީފި ކަމަށެވެ. ކޮންމެ ރަށަކީ މިހާރު ރިސޯޓެއް ކަމަށާއި ރައްޔިތުންގެ ތާއީދު އޮންނާނީ ރަށްތައް ފައިވް ސްޓާ ފެންވަރުކޮށްދިން ވެރިޔަކަށް ކަމަށެވެ.
ރާއްޖޭގެ ރައީސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދިވެސް ހޮވަން ބޭނުންފުޅުވެ ވަޑައިގަންނަވާތީ އެ ޕްލެޓްފޯމުގައި މަސައްކަތް ކުރައްވަން އަނބުރާ އެމްޑީޕީއަށް ވަޑައިގެން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ފުލްކެޕޭސިޓީގައި އެ މަސައްކަތް ކުރައްވާނެ ކަމަށާއި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވި ވަޑައިގަންނަވާނެ ކަމަށް %100 ޔަގީން ކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.