އާޒިމާއަށް: ޔާމީނާ އެއްގޮތަށް ހުމާމާ ޝަހުމް ވެސް ވާދަކުރާނެތަ!
އާޒިމާ ބުނަނީ މުޖުރިމުންނަށް އިންތިހާބުގައި ވާދަކުރަން ފުރުސަތު ދޭންޖެހޭ ކަމަށް
މަޝްހޫރު ދީނީ އިލްވެރިޔާ އަވަހާރަ ކުރުމުގެ ކުށުގައި ހުމާމު ކިޔާ ޒުވާނަކު މަރަން ހުކުމް ކޮށްފައިވެއެވެ. އަހުސަން ބަޝީރު ކިޔާ ޒުވާނަކު މަރާލުމުގެ ކުށުގައި ޝަހުމް ކިޔާ ގާތިލަކަށް މަރުގެ ހުކުމް ކޮށްފައިވެއެވެ. ބޮކްސާ ތެރޭގައި ޑްރަގް ޓްރެފިކް ކޮށްގެން 25 އަހަރުގެ ޖަލުހުކުމެއް ހިތަދޫ ހުސެއިން މުޖުތަބާއަށް މިއަހަރު ކޮށްފައިވެއެވެ. ރިޝްވަތާ މަނީލޯންޑަރ ކުރުމުގެ ކުށުގައި ޔާމީނު އަބްދުލްގައްޔޫމު ކިޔާ މީހަކަށް 11 އަހަރުގެ ޖަލުހުކުމް ކޮށްފައިވެއެވެ. މި ފާޑުގެ ބޮޑެތި އެތައް ކުށްވެރިންނެއް ރާއްޖޭގައި ހުކުމް ތަންފީޒު ކުރަމުން އެބަދެއެވެ.
ކިތަންމެ ބޮޑު ހުކުމެއްގައި ތިއްބަސް އެ މީހުން ދެކެ ލޯބިވާ މީހުން ތިބޭނެއެވެ. އެ މީހުންގެ ފުށުން އުންމީދު ތަކެއް ކުރާ ބަޔަކު ތިބޭނެއެވެ. އެ މީހުނަށް ތާއީދު ކުރާ ބަޔަކުވެސް ތިބޭނެއެވެ. އެހެނެކޭ ކިޔާ އެ މީހުން ބޭނުން ވާހާ ކަމެއް ކުރުމަށް ފުރުސަތު ދިނުމަކީ ގައުމީ މަސްލަހަތަކަށް ނުވާނެއެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް ފޯރުކޮށް ދެވުނު ކަމަށް ވާނީ ހުކުމް ތަންފީޒު ކުރާހާ މުޖުރިމުންނަށް އިންތިހާބުގައި ވާދަ ކުރާން ފުރުސަތު ދިނުމަކުން ނޫނެވެ.
މުޖުރިމް ޔާމީނެކޭ އެއްގޮތަށް ހުމާމާއި ޝަހުމުވެސް ތިިބީ ރިޔާސީ އިންތިހާބުގައި ވާދަކުރާން އުންމީދު ކޮށްގެން ކަމަށްވެއެވެ. ހިތަދޫ މުޖުތަބާ ވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލާން ބޭނުމެވެ. އެ މުޖުރިމުންނަށް ވާދަ ކުރުމުގެ ފުރުސަތު ނުލިބޭ ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށް އުފެދުމުގައި ވެސް ބާތިލު ގާނޫނީ ރައުޔު ނެރުއްވާ ފުންނާބު އުސް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު އެބަ ވިދާޅުވެއެވެ.
އާޒިމާ ވިދާޅުވާ ގޮތުން މިނިވަން އިންސާފުވެރި އިންތިހާބެއް ފޯރުކޮށް ދިނުމަށް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތަކެއް ހުރެއެވެ. އެ ގޮތުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ބޮޑެތި ހުކުމްތަކުގައި ތިބި މުޖުރިމުންނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ގާނޫނީ ޝަރުތުތައް ފުރިހަމަވުން މުހިންމު ނޫން ކަމަށް އާޒިމާމެން ވިދާޅުވާ ކަހަލައެވެ. ގާނޫނީ މާހިރުން ގާނޫނު މުގުރަން ފެށީމާ ގާނޫނުގެ ހުކޫމަތު އޮތުމުގެ ބޭނުމެއް ނެތެވެ. އޭރުން ވެރިކަމުގައި ތިބެން ޖެހޭނީ ހުމާމާއި ޝަހުމާއި މުޖުތަބާ މެންނެވެ.
އާޒިމާއެއް ކަމަކު އޮޅުވާ ނުލާށެވެ. 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ޝަރުތު ހަމަނުވަނީސް ކެނެރީގޭ މުހައްމަދު ނަޝީދަށް ވާދަ ކުރެއްވުނީ އޭރު ވެރިކަމުގައި ހުންނެވި މައުމުނާ ދެ މީހުން ހެދި ޑީލަކުންނެވެ. އެކަން ކުރަން އިސްވެ އުޅުނީ އާޒިމާ ޝުކޫރެވެ. ވެރިކަމަށް އެލިޖަބަލް ނުވާ ވަރުގެ ކުށެއް ސާބިތުވެ ހުކުމެއް ތަންފީޒުކޮށްފައި އޮވެގެން މުހައްމަދު ނަޝީދަށް ކުރިމަތި ނުލެއްވޭހެން އޭރުވެރިކަމުގައި ހުންނެވި މައުމޫނަށް ވެސް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވެއެވެ. ގާނޫނު އަސާސީގެ ދަށުން ދެ ދައުރު ވެރިކަން ކޮށްފައިވާ މީހަކަށް ވެރިކަމަށް ކުރިމަތި ނުލެވޭތީ މައުމޫނު ވެރިކަމަށް ކުރިމަތިލެއްވުމަށް ބޭނުންފުޅު ވެގެން ބާރުގައި ތިއްބެވި އާޒިމާމެން ނަޝީދަށް ވެސް އެފުރުސަތު ފަހިކޮށް ދެއްވީއެވެ. ގާނޫނާ ހިލާފަށެވެ.
ޝަރުތު ހަމަ ނޫން ދެ މީހުން ކަމުގައިވާ މައުމޫނާއި ނަޝީދުއަށް 2008 ވަނަ އަހަރު ގާނޫނު އަސާސީ އާއި ހިލާފަށް އަޒިމާމެން ހޯދާދިން ގައިރު ގާނޫނީ ފުރުސަތުން ގައުމު އަދިވެސް މިއުޅޭނީ އަރައި ނުގަނެގެންނެވެ. އާޒިމާމެންގެ ފެން ނުހިފޭ ގާނޫނީ ހަމައިގައި ރިޔާސީ އިންތިހާބަށް މައުމޫނު ކުރިމަތި ލައްވާން ވުމުން އައު ގާނޫނު އަސާސީގެ ދަށުން ދެ ދައުރު ރައީސްކަން ކުރި މީހަކަށް މައުމޫނު ނުވިއެވެ. އައު ގާނޫނު އަސާސީގެ ދަށުން ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ވުމުން މައުމޫނު އައު ގާނޫނު އަސާސީގެ ދަށުން ރައީސް ކަން ކުރެއްވި ބޭފުޅަކަށްވެ އިނާޔަތް މައުމޫނަށް ހައްގެވެއެވެ.
ބޭސިކް ޑިމޮކްރެޓިކް ޕްރިންސިޕަލްއަށް ވެގެން ހުރިހާ އެންމެނަށް ބައިވެރިވެވޭ އިންތިހާބެއް ބާއްވަންޏާ ޔާމީނެކޭ އެއްގޮތަށް ޝަހުމާއި ހުމާމަށް ވެސް އެފުރުސަތު ދޭން ޖެހޭނެއެވެ. އާޒިމާގެ ބަންޑާރަ ނައިބު ކަމުގައި މައުމޫނު ސަރުކާރުން ކޮމްޕްރަމައިޒްވީ މައުމޫނަށް ވެރިކަން ހޯދުމުގެ ދަހިވެތިކަން އޮތްލެއް ބޮޑުކަމުންނެވެ. ރައްޔިތުންނަށް ހެވެއް އެދިގެން ކުރި ކަމަކަށް އެކަމެއް ނުވެއެވެ.