އަމީނަށް: ވާވެއްދިފަޅު ވިއްކަނީ ކެންޕެއިނަށް ފައިސާނެތިގެން؟
ސަރުކާރު ބަދަލު ކުރަން ޖެހިގެން އުޅެނީ ދައުލަތް ގާސިމް ކިހިލި ޖަހާލަން
ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމަށް ގެނެވުނީތީ މިއަދު ލަދުގަންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރުކަން ކުރާ އަމީން އިބްރާހިމް ބުނީމާ އަންނަނީ ހިންޏެވެ. މި ސަރުކާރު ގެންނަން އަމީނު ކުރި ކަމެއް ދެނަހުރި މީހަކު އުޑުބަޅުކުރެއްވި ހިސާބުގައި ނެތެވެ. މޭޑޭގެ ދުވަހު މަތިހަށި ނަގާފައި ފުމެފުމެފާ ބިރުން ފިލާ ރައްކާވެގެން އިނގިރޭސި ވިލާތުގައި ހޯލި މުގުރަން ބޮނދާ އޮވެފައި އައިސް ދުފާ އެއްޗިއްސޭ ނުކިޔާށެވެ.
މަތް ކަލާކޯއެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ކުރިއިރު ވިޔަފާރިވެރިންނަށް އަނިޔާ ކުރާ ވާހަކައެއް މީހަކު ނުދައްކައެވެ. ޔާމީނު ވެރިކަމުގައި ވިޔަފާރިވެރި އަކު ޖަލަށް ލައިގެން އެކަން ބޮޑުވެގެނެއް ނޫޅެއެވެ. އޭރު މީހުން ކަން ބޮޑު ވެގެން އުޅުނީ އިދިކޮޅު ސިޔާސީ ވެރިން ހައްޔަރުކޮށް އަދަބު ދޭތީއެވެ. ފަނޑިޔާރުން ހައްޔަރު ކޮށްގެން އުޅޭތީއެވެ. މަޖިލީހުގެ ފާރުމަތިން މެންބަރުން އުކާލައިގެންނެވެ. ރާއްޖޭގައި ނެތް ކުއްލި ހާލަތެއް އިއުލާނު ކޮށްގެންނެވެ.
ރާއްޖޭގައި މަސްހޫރު އެތައް ވިޔަފާރި ވެރިންނެއް އޭރުވެސް މިހާރުވެސް އެބައުޅެއެވެ، ޗަންޕާ ބްރަދާރސްއާއި ކޮލިގޭ މަހުޖަނުންނާއި ސަންޓްރެވަލާއި ކްރޯން ނަޒީރުމެން ކަހަލަ ކިތަންމެ ކިތަންމެ ބަޔެކެވެ. އެކި ފަންތީގެ އެކި ވަރުގެ މަހުޖަނުން އެބަ ތިއްބެވެ. އެ މީހުނަށް ދަތިކޮށް ޖެއްސުންކޮށް އަނިޔާ ކޮށްގެން މީހަކު ނޫޅެއެވެ. އެކަމާ ކަން ބޮޑު ވެގެން އެ މީހުން އުޅެނީ ހިނގާ ކަމެއް ނަމަތާއެވެ. އިނގިރޭސި ވިލާތުގައި ބޮނދާ އޮތް މީހަކަށް ވީނުވީއެއް ނޭނގޭނެތާއެވެ.
ސިޔާސީ ބޭނުމުގައި ފައިސާ ބޭނުންކޮށްގެން ނާޖާއިޒު ކަންކަން ކުރާ މީހެއްގެ ގޮތުގައި ގާސިމް އޮންނަނީ އަބަދުވެސް މަސްހޫރުވެފައެވެ. ގާސިމްގެ ސިޔާސީ ބަރުވެރި ކަމަކީ އޭނާގެ މުއްސަދިކަމެވެ. ސިޔާސީ ކަންކަމުގައި ފައިސާ އެނބުރުމުގެ ތުހުމަތު އެންމެ ކުޑަކުއްޖަވެސް ގާސިމަށް ކުރާކަމީ އެންމެން ދަންނަ ހަގީގަތެކެވެ. އަމްދުން ހޮދު މުހުތާރު ޔާމީނު ކަހަލަ ވެރިއަކު ގާސިމާ މެދު ޗައްކުގެ ނަޒަރުން ނުދެކޭންވީ ސަބަބެއް ނެތްތާއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ގާސިމާ މެދު ކަންކުރިގޮތާ ވާވެއްދިފަޅުގެ މައްސަލައާއި އަޅުވައިގެން ރައީސް ސޯލިހަށް އަނިޔާވެރިއެއް ކަމުގެ އިނގިލި ދިއްކުރަން އެންމެ ރަނގަޅު މީހަކީ އަމީނުމެން ކަހަލަ ގާސިމުގެ ޕަޕެޓުންނެވެ.
މި ސަރުކާރުން ބިލިޔަނުން ބަދަލު ހޯދާއިރު ތިޔަބުނާ އަނިޔަވެރިކަން ކޮބާހެއްޔެވެ. ގާސިމު ދެއްކި ބަޔަކު ސަރުކާރުގެ ކެބިނެޓްގައި ވަދެތިބެ ސަރުކާރު ދިފައުނުކޮށް ގާސިމަށް ސައިކުރާ ކައްކާދޭއިރު ތިޔަބުނާ އަނިޔާވެރިކަން ކޮބާހެއްޔެވެ. އެންޓި ކޮރަޕްޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހުއްޓުވި ފުރަތަމަ މުއާމަލަތަކީ ވާވެއްދިފަޅު ވިއްކުމުގެ މުއާމަލާތު ހެއްޔެވެ. ކަންކޮންމެ ގޮތަކަށް އޮތަސް ގަސިމު ކުރަން ބެނުންވަކަމެއް ބެނުންހާ ގޮތަކަށް ނުކުރެވުމަކީ ސަރުކާރުން ވިލާ ކުންފުންޏަށް ކުރާ ޖެއްސުމަކަށް ދުށުމުން އަމިއްލަ ކަމަކާޖެހުމުން އަދުލު އިންސާފުގެ ކަންފުޅެއްވެސް ގާސިމުމެންގެ ކިބައިގާ ނެތްކަން ކަށަވަރުވެއެވެ. ގާސިމު ބޭނުން ނުވާގޮތަކަށް ސަރުކާރުން ކަމެއް ކުރާ ކޮންމެ ފަހަރަކީ ސަރުކާރުގެ ކަރަށް މަޅިއެއް ފައްތާ ބާރުކޮށްލާ ބާރުކޮށްލުމެއް ކަމަށް އަމީނަށް ހީވަންޏާ ރައްޔިތުންނޭ ގައުމޭ ކިޔައިގެން އަމީރު އަމީނު ނުހެދި ވަލުހޭޅީން ހޯލި މުގުރަން އުޅޭށެވެ.
ވިލާ ގްރޫޕްގެ ސިޔާސީ ވިންގުން ވިލާ ކުންފުންޏަށް ވިޔަފާރި ހޯދަދަން ދައުލަތު މިލްކިއްޔާތު ނަހަމަ ގޮތުގައި ކުރިއްސުރެ ބޭނުން ކުރި ކުރުން ހުއްޓުވުމަކީ ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް މަގުސަދެވެ. މި ސަރުކާރަކުން ވޯޓު ހޯދަން ވިލާ ކިއްކުރަން ހެއްޔެވެ. އެހެން ބަޔަކަށް ވެސް ފުރައްސާރައެއް ނުކުރާނެއެވެ. ވޯޓު ލިބުނަސް ނުލިބުނަސް ދައުލަތުގެ މިލްކިއްޔާތު ހިމަޔަތްކުރުމުގައި މި ސަރުކާރު ފަހަތަކަށް ނުޖެހޭނެއެވެ. އަމީނު ހިތަމައިން ރޮއި ހޭރި ވެއްޓިފުރޮޅި ގަންނާނެއްބަ ގޮވިޔަސް ފަރުވާލެއް ނެތެވެ. އަމީނު ލަދުން ދެފައިކައިރި ނުވެފާ ހުއްޓަސް ކުރާނެ ކަމެއް ނެތެވެ.
ވާވެއްދިފަޅު ވިއްކާ ނުލެވިގެން ތިޔަހާ ވަރަކުން ތިޔަ އުޅެނީ ގާސިމުގެ ރިޔާސީ ކެންޕެއިނަށް ބޭނުންވާ ވަރަށް ފައިސާ ނެތިގެންނެކޭ ބުނާކަން ނެތީމެވެ. ވާވެއްދިފަޅު ވިއްކަލާ ބޮޑު ތުޖޫރީ ދޮރުފަތް ނައްޓާލައިގެން ގާސިމް ކެންޕޭނު ކުރިޔަސް އަމީނުމެންގެ ދެ އިނގިލި ދޭތެރެއިން ފޭދިގެން ވެސް ރައްޔިތަކާ ހަމަޔަށް ކަންފުޅެއް ވާނެޔެކޭ ހީއެއް ނުވެއެވެ. މީގެ ކުރިއަކުންވެސް ވީއެއް ނޫނެވެ.
ބުނަން ހެއްޔެވެ. ކޮންމެހެން މި ސަރުކާރު ބަދަލު ކުރަން އަމީނުމެންނަށް ޖެހިގެން ތިޔަ އުޅެނީ ވިޔަފާރި ވެރިންނަށް އަނިޔާ ކުރަތީއޭ ނުކިޔާށެވެ. މި ސަރުކާރު ބަދަލު ކުރަން އަމީނުމެނަށް މިހާރު ޖެހިގެން ތިޔަ އުޅެނީ މުޅި ދައުލަތް ގާސިމް އިބްރަހީމް ކިހިލި ޖަހާލަން ބޭނުން ވާތީއޭ ބުނިއްޔާ މާތާހިރުވާނެއެވެ.