ހިލޭ ޑިގްރީ ޕްރޮގްރާމަކީ ނަޝީދުގެ އުފެއްދުމެއްނޫން!
ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާ ކުރެޑިޓް ރައްދު ކުރައްވަނީ އެމްޑީޕީއަށް

އެމްޑީޕީގެ ސިޔާސަތުތަކަކީ އެކެއްގެ ފިކުރެއް ހިޔާލެއް ނޫނެވެ. އެމްޑީޕީގެ ސިޔާސަތު ތަކަކީ އާދައިގެ ރައްޔިތުމީހާއާއި ހަމައިން އުފަންވެ ތަރުތީބުވެގެން އަންނަ އެއްޗެވެ. އެންމެ ގިނަ ބަޔަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމަށް އިސްކަންދެވިގެން ސިޔާސަތުތައް އެކުލަވާލާ މެނެފެސްޓޯ ތަކުގައި ހިމެނުމަކީ އެމްޑީޕީގެ ސިފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ވާދަކުރާ ކޮންމެ މީހަކު ވާދަކުރަނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކޮށް ދިނުމަށެވެ. 2018ގައި ރާއްޖޭގެ ވެރިކަން ލިބުނީ އެމްޑީޕީ ލީޑްކުރާ ކޯލިޝަނަކަށެވެ. ކޯލިޝަން ލީޑަރުންގެ ގޮތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ލީޑަރ ގާސިމް އިބްރާހީމްއާއި އަދާލަތުގެ ރައީސް އިމްރާން އަބްދުއްލާއާއި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ. ކޯލިޝަންގެ ރިޔާސީ ޕެއަރ އަކީ އިބޫ ފައިސަލްއެވެ.
2018ގައި ރައްޔިތުންނަށް ވިއްކީ ކޯލިޝަން މެނެފެސްޓޯއެވެ. ކޯލިޝަން މެނެފެސްޓޯގައި %80 އަށްވުރެ ބޮޑަށް ހިމެނިފައި އޮތީ އެމްޑީޕީގެ މެނިފެސްޓޯގެ ސިޔާސަތުތަކެވެ. މުޅި ސަރުކާރުގެ %60 ހިއްސާކުރީވެސް އެމްޑީޕީއެވެ. ރައީސުލް ޖުމްހޫރިއްޔާ ނިސްބަތްވީ އެމްޑީޕީއަށެވެ. ހިލޭ ޑީގްރީ ޕްރޮގްރާމަކީވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވި 2018ގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަމެކެވެ. ހިލޭ ޑިގްރީގެ މިލްކްވެރިކަމަށް ދައުވާކޮށްގެން މަވެތިވާކަށް އެއްބަޔަކުވެސް އުޅޭނެކަމެއް ނެތެވެ.
ރައީސް ނަޝީދު ވެރިކަމުގައި ވިޔަސް ރައީސް ސޯލިހުވެރި ކަމުގައިވިޔަސް ކުރެވުނު ހެޔޮ ރަނގަޅު ކޮންމެ ކަމެއްގެ ކްރެޑިޓް އޮތީ އެމްޑީޕީއަށެވެ. ލިބުނު ބަދުނާމަކާއި ހުތުރެއް ވެސް ލިބެނީ އެމްޑީޕީއަށެވެ. ހަގީގަތަކީ މިއީކަމުން އެމްޑީޕީން ކުރާ ހުރިހާ ރަނގަޅުކަމެއްގެ ކްރެޑިޓެއް ރައީސް ނަޝީދަކަށް ހައްގެއް ނޫނެވެ.
އަނެއްކޮޅުން ރައީސް ސޯލިހު ވެރިކަމާއި ގުޅުވައިގެން އެކިބަދުނާމް ރައީސް ސޯލިހަށް ރައްދުކުރާހެން އެވެރިކަމުގައި ތަންފީޒު ކުރެވުނު ހުރިހާ ރަނގަޅު ކަންކަމުގެ ކްރެޑިޓް ރައީސް ސޯލިހަށް ނުލިބި އެހެން މީހަކަށް ލިބެންޖެހޭ ސަބަބެއް ނެތެވެ. ރައީސް ސޯލިހު ވެރިކަމުގައި ހިނގާފައިވާ ހުރިހާ ނުރަގަޅު ކަމެއްގެ ނުބައި ރައީސް ސޯލިހަށެވެ. ރައީސް ސޯލިހު ވެރިކަމުގައި ހިނގާފައިވާ ހުރިހާ ރަގަޅުކަމެއްގެ ކްރެޑިޓް ރައީސް ނަޝީދަށެވެ. މިއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ.
ރައީސް ސޯލިހު ވެރިކަމުގައި ހިންގި ކޮންމެ ރަނގަޅުކަމެއްގެ ކްރެޑިޓް ނަގަމުން ބައިސާ ކަނޑަމުން ރައީސް ސޯލިހު އެބައުޅުއްވާ ހެއްޔެވެ. ނޫޅުއްވައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާ ކުރެޑިޓެއް ރައްދު ކުރައްވާތަން ފެންނަނީ އެމްޑީޕީއަށެވެ. އެމްޑީޕީގެ ކުޅަދާނަ ހިތްވަރުގަދަ މެންބަރުންނަށެވެ.
ވެރިކަމުގައި ކުރެއްވުނު އެންމެ ކާމިޔާބު އެއްކަމެއްގެ ގޮތުގައި ހިލޭ ޑީގްރީ ޕްރޮގްރާމް ހިންގުން ރައީސް ސޯލިހު ފާހަގަ ކުރެއްވުމުން ބަޔަކު ކޮށިއަރައިގެން އުޅެންޖެހޭ ސަބަބެއް ނެތެވެ. ބަޔަކަށް ހަޖަމް ނުވިޔަސް ހިލޭ ޑިގްރީ ޕްރޮގްރާމްގައި ހަގީގީ ކުލަޖައްސާ ތަންފީޒު ކުރެއްވި ރައީސްއަކީ އިބްރާހީމް މުހައްމަދު ސޯލިހަށް ނުވެއެއް ނުދާނެއެވެ.