މުއިއްޒުގެ މުށުގައިއޮތް ނިޒާމެއްގެ ތެރެއިން މުއިއްޒެއް ނުހުއްޓުވޭނެ!

މުއިއްޒުގެ މުށުގައިއޮތް ނިޒާމެއްގެ ތެރެއިން މުއިއްޒެއް ނުހުއްޓުވޭނެ!

ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު މުއިއްޒުގެ ކުޑަ ކޮމިޓީއަކަށް ދިން ހިސާބުން ރާއްޖޭގައި ރައްޔިތުންގެ ބާރު ކެނޑިގެން ހިނގައްޖެއެވެ. ގާނޫނު ހެދުމާއި ޖަވާދާރީ ކުރުވުމަށް ރައްޔިތުންނަސް އޮތް ބާރު އެހިސާބުން ކަފުން ކުރެވުނީއެވެ. މުއިއްޒުގެ މުށުގައި އޮތް ނިޒާމެއްގެ ތެރޭން މުއިއްޒެއް ނުހުއްޓުވޭނެއެވެ. 

ސްޕްރީމް ކޯޓުގެ ކޮށާލާ ފަނޑިޔާރުގެ މުއިއްޒުގެ މުށުތެރެއަށްލާ ނިމުނީއެވެ. ރާއްޖޭގެ އެއްވެސް ކޯޓަކުން މުއިއްޒުގެ މަސްލަހަތު އޮތް އެއްވެސް ކަމެއްގައި މުއިއްޒާ ދެކޮޅު ހުކުމެއް ނުނެރެވޭނެއެވެ. ކިތަންމެ ފާޅުކަން ބޮޑުކޮށް އޮތްކަމެއްގައިވެސް މުއިއްޒާ ދެކޮޅު ހުކުމެއް ނެރެފިނަމަ އެ ފަނޑިޔާރަކު ދެވަނަ ހުކުމެއް ކުރަން ގޮނޑިއަކު ނުއިންނާނެއެވެ.

އޭސީސީގެ މަސައްކަތަކީ މުއިއްޒު ސަރުކާރުން ފޮރުވާ މަތިއަޅަން ބޭނުންވާ ކަންކަން ފޮރުވާ މަތިއަޅާދިނުމެވެ. މުއިއްޒާއި އޭނާގެ ބައިވެރިން ހިންގާހާ ކޮރަޕްޝަނެއް ފޮރުވާދިނުމާއިއެކު ދައުލަތް ދަވާލަން ޖާގަހަދާދީ ވާދަވެރިން ބަރަހަނާކޮށް އޮފުކެނޑުވުމެވެ. 

ޕްރޮސކިއުޓަރ ޖެނެރަލާއި ފުލުހުންނަކީ މުއިއްޒު ސަރުކާރުގެ ޖަރީމާތައް ބެލުމުގައި ކަނު ބީރު މަންމަން ބައެކެވެ. ފުލުހުންނަކީ ރައްޔިތުންނަށް ރައްކާތެރިކަންދީ ހިދުމަތްދޭ ބައެއް ނޫނެވެ. މުއިއްޒާއި މުއިއްޒުގެ އައުވާނުންގެ މަސްލަހަތުހުރި ބޮޑެތި ބިޔަ ޖަރީމާތަށް ބެލުމުގެ ހިއްވަރެއް ފުލުހުންގެ ނުހުރެއެވެ. ނުފޫޒުހުރި ބާރުގަދަ މީހުންނާއި ގުޅުން ހުރި އެއްވެސް މައްސަލައެއް ބަލާ ފިޔަވަޅު އެޅޭ ބަޔަކަށް ފުލުުހުން ނުވެއެވެ. 

އޮޑިޓަރ ޖެނެރަލް ކުރާ މަސައްކަތަކީވެސް މުއިއްޒަށް ބާރުވެރިކަން ހޯދާދިނުމެވެ. އެވަގުތަކަށް ސަރުކާރުން ބޭނުންވާ ގޮތަކަށް މަންޒަރު ބަދަލުކޮށްލަދޭން ނޫން ގޮތަކަށް އެއްވެސް އޮޑިޓެއް ކުރަނީ އެއްނޫނެވެ. އަހަރުން އަހަރަށް ދައުލަތުގެ މުއައްސަސާތަކުގެ ޕްރޮފިޝަނަލް އޮޑިޓެއް ކުރޭވަރުގެ ހަކަތައެއް ހުންނަކަމަކަށް ނުވެއެވެ. ކޮންމެ އަހަރަކު ބޯޑު ބަޖެޓެއް ހޯދައިގެން ކުރަންޖެހޭ މަސައްކަތް ނުކޮށް ބަޖެޓް ހުސްކޮށްލަނީ ވޯކްޝޮޕްތަކާއި ޓްރޭން ކުރުމާއި ހިންގުމުގެ ނަމުގައެވެ.   

ގައުމުގެ ކަންކަން މިދަރަޖައަށް ވެއްޓުމުން ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިން މުއިއްޒު ބޭނުންނުވާ ގޮތަކަށް ރައްޔިތުން އެދޭ ބަދަލެއް ގެނެވިދާނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. ސިފައިންނާ ފުލުހުންގެ ބާރުގައި މުޅި ދައުލަތް މުއިއްޒު މުށުތެރެއަށް ލައިގެން ހިތުހުރި އެއްޗެއް ހަދަމުން ދާދިޔުން ކުށްވެރި ކުރުމަކުން ނަސޭހަތަކުން އިންތިހާބަކުން ހުއްޓުވޭނެއެވެ.