ދީފައިވާ ގޯތިތައް މާލޭމީހުންނާ މުއިއްޒު ހަވާލެއްނުކުރާނެ
ހައިދަރު ކުރާ ހުވަޔަކީ ކަމުން ރެކެން މީހުންގެ ލޮލުގައި އަޅުވާ އަނދުނެއް
ކަމެއް ނުކުރާން ވެއްޖެއްޔާ ދައްކާނެ ބަހަނާ ބައިބަރު އޮންނާނެއެވެ. މާލެ ސަރަހައްދުން ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް އޭގެ ވެރިފަރާތްތަކަށް ދިނުމަކީ ރައީސް މުއިއްޒު ބޭނުންވާ ކަމެއްނޫނެވެ. އެކަން ނުކުރުމަށްޓަކާ ފުރަތަމަ ދެއްކި ހުއްޖަތަކީ ރަސްމާލެއެވެ. ބަޖެޓް ކުރެވިފައި އެކަމަށް ފައިސާ ނެތަސް ވުޖޫދުގައި ނެތް ބިމެއް ހިއްކައިގެން ގޯތިދޭން އުޅުނީ މާލެ ސަރަހައްދުން ގޯތި ނުދޭންވެގެންނެވެ. މާލެ ސަރަހައްދުގެ ބިންތައް ވިއްކާ ވިޔާފަރިކޮށްގެން ސަރުކާރުގެ ވެރިންގެ ޖީބުތައް ފުރާލުމުގެ ބޭނުމުގައެވެ.
މާލެ ސަރަހައްދުން ދީފައިވާ ގޯތިތައް ހަވާލުކުރަން ހައުސިންގ މިނިސްޓަރު ހައިދަރު އެކިފަހަރު އެކިބަހަނާ ދައްކައިގެން ފަސްޖެހެނީ ރައީސް މުއިއްޒު އެކަން ކުރަން ބޭނުން ނުވާތީއެވެ. ގޯތިދޭން ޖެހެނީ ހިއްކާފައި އޮތް ބިމަކުން ކަމަށްވަންޏާ ނުދިނުމުގެ ބަހަނާއަކަށް ދައްކަނީ ލޭންޑްޔޫސް ޕްލޭން ނުނިމޭ ވާހަކައެވެ. މަގަށް ގޯތި އަރާ ވާހަކައެވެ. ގޯތިތަކުގެ އަޑީގައި ހޮޅިތަކެއް އޮތް ވާހަކައެވެ. ހޮޅި ވެރިކަމެއްގައި ދެއްކޭނީވެސް ހުސްހޮޅި ވާހަކައެވެ. ފަޅު ހިއްކައިގެން ދޭން ކަނޑައެޅި ގޯތިތައް ނުދޭން ދައްކާ ބަހާނައަކީ ކަނޑުން ގޯތިދީފައި އޮވެގެން ގޯތިތައް ހަވާލު ނުކުރެވިގެން އުޅޭ ވާހަކައެވެ. ހުސްވެސް ބަހަނާއެވެ. ލަސްކޮށް ފަސްކޮށް ނުކުރާން އަޅާހަމައެވެ.
އެންމެ ރަނގަޅެވެ. ގޯތިދެވެން އޮތީ ހިއްކައިގެންނެވެ. މުއިއްޒުގެ ވެރިކަމަށް އަހަރުވާން ދާއިރު ގޯތިތައް ނުހިއްކާ ތިޔަ ތިބެނީ ކޮން ރަލެއް ބޮވިފައި ހެއްޔެވެ. ބާޑި ޖަހައިގެން ގޯތިތައް ހިއްކަން ހަވާލު ކުރިނަމަވެސް އެތަންތަން ހިއްކައިގެން ބޭނުން ކުރާހާ ދުވަސްވީއެވެ. މާލޭ މީހުންނަކީ ބާޑިޖަހައިގެން ވެސް ގޯތި ހިއްކައިގެން ބޯހިޔާވަހިކަން ހޯދަން ފަރިތަ ބައެކެވެ.
މިޒަމާނަކީ ހަފްތާއަކުން ވިހިތިރީސް ހެކްޓަރުގެ ބިން ފުން ވިލުތަކުންވެސް ހިއްކާލުމުގެ ގާބިލުކަން ލިބިފައިވާ ޒަމާނެކެވެ. މުއިއްޒުގެ ތެދުވެރި ނިޔަތެއް އޮތްނަމަ ނުހިކި އޮތް މަދު ގޯތިކޮޅު ހިއްކާލާފައި ގޯތިތައް ހައްގުވެރިންނަށް ހަވާލުކުރާނެތާ ކޮން ދުވަހެއް ހެއްޔެވެ. ލޭންޑް ޔޫސްޕްލޭނޭ މަގޭ ހޮޅިއޭ ކަނޑޭ ކިޔައިގެން ގޯތިތައް ނުދީ ނުތިބީހެވެ.
މާތް ކަލާނގެ ގަންދީ މަތިމައްޗަށް ހައިދަރު ހުވާކުރިޔަސް ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކެއް ހަވާލެއް ނުކުރާނެއެވެ. މަގާމާ ހަވާލުވާން ކުރި ހުވަޔަށް އިހުތިރާމް ނުކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ބަޔަކު ކުރާ ހުވަޔަކީ ކަމުން ރެކެން މީހުންގެ ލޮލުގައި ވަގުތީ ގޮތުން އަޅުވާލާ އަނދުނެކެވެ. ކުރީ ސަރުކާރުން ދީފައިވާ ގޯތިތައް މާލޭ މީހުންނާ މުއިއްޒު ހަވާލެއް ނުކުރާނެއެވެ.