އަޒާނަށް: މަތިއޮމާންކުރިޔަސް ބޮޑުބުލީގެހަދާން އިންޑިއާނުނެތޭނެ!
މިނިވަންކަމާއި ސިޔާދަތު ކޮންޕްރަމައިޒްކުރިއްޔާ ކުރަން ޖެހޭނީ މުއިއްޒު ސަރުކާރަށް
ރައީސް މުއިއްޒު ސަރުކާރަށް ނިސްބަތްވާ މީހުން މިހާރު މާގިނައެއްކޮށް ބުނާއެއްޗެއް އޮވެއެވެ. ރާއްޖޭގެ ސިޔާދަތީ ރަތްރޮނގު ހުސްކުރަން އެއްވެސް ބަޔަކަށް މި ސަރުކާރުން ފުރުސަތު ނޫދޭނެ ވާހަކައެވެ. މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމް ކުރާ ކޮންމެ ބަޔަކާވެސް ގުޅިގެން ކުރިއަށްދާނެ ވާހަކައެވެ.
ސިޔާދަތީ ރަތް ރޮނގު ހުރަސްކޮށް ރާއްޖެ އަޅުވެތިކޮށްގެން އިންޑިއާއިން އުޅޭކަމަށް ވެގެން އުޑުގަ ޖެހިފަ ބިމުގަ ޖެހުނީ މުއިއްޒާ އޭނާގެ އައުވާނުންނެވެ. ހާސްހާހުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ވެގެން އޭރު އުޅުނެވެ. އިންޑިއާއިން ރާއްޖެ އަޅުވެތިކުރާކަމަށް ބުނެ ހީވީ ފަޔަށް ހިނިއަރައިގެން އުޅުނުހެނެވެ. އިންޑިއާގެ އެތައްހާސް ސިފައިން ރާއްޖޭގައި ތިބެ ރާއްޖެ އަޅުވެތިކޮށްފައި އޮތްކަމަށް ދައްކާ ރައްޔިތުން ބިރުގެންނެވިއެވެ.
ރާއްޖެ އަޅުވެތިކުރަން އެއްވެސް ބަޔަކު ނޫޅޭކަމަށާއި އެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެކަމަށް ނިމިދިޔަ ސަރުކާރުން އޭރުވެސް ރައްޔިތުންނަށް ޔަގީންކަން ދެމުން ދިޔައެވެ. ރާއްޖޭގެ އެއްވެސް ތަނެއްގައި ބޭރު ގައުމެއްގެ ހަތިޔާރުއެޅި އެއްވެސް ސިފައިންގެ ބަޔަކުނެތް ކަމަށް ބުނަމުން ދިޔައެވެ. އެ އަޑެއް އޭރަކު ނީވުނެވެ.
2010 ވަނަ އަހަރު ބައިނަލްއަގުވާމީ ހަމަތަކުގެ މަތީން ރާއްޖެއާއި އިންޑިއާ އާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ސަރަހއްދު ބެލެހެއްޓުމާއި ރެސްކިއު އޮޕަރޭޝަން ތަކުގައި ދިވެހި ސިފައިނަށް އެހީތެރިވުމަށް އިންޑިއާގެ އަސްކަރީ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓެއްގެ އޮޕަރޭޝަން ފެށިގެން އައީ ހިނގަމުންނެވެ. އެ އޮޕަރޭޝަންގައި ހަރަކާތްތެރިވުމަށް ހަތިޔާރުނާޅާ ވަރަށް މަދު އިންޑިއާ ސިފައިން ކޮޅެއް އޭރުއްސުރެ ރާއްޖޭގައި ތިބެއެވެ. އެމީހުން ތިބެނީ އެ އުޅަދުތަކުގެ މުޅި އޮޕަރޭޝަނާއި ބެލެހެއްޓުމުގެ ހުރިހާ ކަމެއް މުޅިން ހިލޭ ކޮށްދިނުމަށެވެ. ދިވެހި އަސްކަރިއްޔާއަށް އެހީތެރިވުމަށެވެ.
އިންޑިއާގެ އަސްކަރީ ދެހެލްކޮޕްޓަރާއި ޑޯނިއާ ބޯޓްގެ މައިގަނޑު މަސައްކަތަކީ އިންޑިއާ ކަނޑުގައި ހިނގާ ވަގުވިޔަފާރިއާއި ޑްރަގާއި ޓެރެރިޒަމާއި ކަނޑުފޭރުމުގެ ހަރަކާތްތަކަށް ރެއާއި ދުވާލު ފާރަވެރިވުމެވެ. ރެއާއި ދުވާލު މެދުނުކެނޑި އެވަރުގެ ބޮޑު އަދި ހަރަދު ބޮޑު އޮޕަރޭޝަނެއް ހިންގުމުގެ ގާބިލުކަމެއް ދިވެހި ދައުލަތަކު ނެތެވެ. އެހެން ކަމުން އެކަން އިންޑިއާ ލައްވާ މިއަދުވެސް އެބަކުރެއެވެ. އިންޑިއާގެ އަސްކަރީ ދެހެލްކޮޕްޓަރާއި ޑޯނިއާ ބޯޓްގެ އޮޕަރޭޝަނާއި ސެނެހިޔާ ހޮސްޕިޓަލަށް އައިސްތިބޭ ހަތިޔާރުނާޅާ 100އަށް ވުރެ މަދު އަދަދެއްގެ އަސްކަރީ މީހުންކޮޅު ނޫނީ ރާއްޖޭގައި ބޭރުގެ އަޝްކަރީ ބަޔަކު އޭރަކުވެސް މިހާރަކުވެސް ރާއްޖެއަކު ނެތެވެ.
އެހެން އެކަން އޮތް އިރު ސިޔާދަތުގެ ރަތްރޮގު ކުރީ ސަރުކާރުތަކުން އިންޑިއާ ހުރަސް ކުރުވިއްޔާ މުއިއްޒު ސަރުކާރުންވެސް އެކަންކޮށްފިއެވެ. ކުރީ ސަރުކާރު ތަކުން އިންޑިއާ އާއިއެކު ކުރިކަމެއް ކުރީ ފިސާރި ހައިބަތާއި ގޮތުގައި ތިބެގެން ދަށުނުވެ އިހުތިރާމާ އެކުގައެވެ. މުއިއްޒު ސަރުކާރުން އިންޑިއާގެ އުނގަށް ވެއްޓީގަތީ ބޮޑާކަމާއި ގޮތްދޫނުކުރުން އިސްކޮށް ވަކި ގައުމަކަށް ބަރޯސާ ނުވާނެ ކަމަށްބުނެ ފުރައްސާރަ ކުރުމަށްފަހު ގޮތް ހުސްވެގެންނެވެ. އެހެން ގައުމަކުން އަޅާނުލުމުންނެވެ. ކިރިޔާވެސް ގޮތެއް އޮތްނަމަ ގަންނާ ކުރައްވާ ލަދުންވެސް އިންޑިއާ ކުރިމަތީގައި ކުޑަކަކޫ ނުޖެހީހެވެ.
ހަމަތެދެކެވެ. ވެރިކަން ހޯދާށާއި ވެރިކަން ލިބުމުން އުޅެގަތް ގޮތުން މިނިވަންކަމާއި ސިޔާދަތު ކޮންޕްރަމައިޒް ކުރިއްޔާ ކުރަން ޖެހޭނީ މުއިއްޒު ސަރުކާރަށެވެ. އަޒާނުމެން މަތި އޮމާން ރީތި ބަސްތަކުން މުލައްމާ ކުރިޔަސް "ބޮޑު ބުލީ"ގެ ހަދާނެއް އިންޑިއާ ނުނެތޭނެއެވެ. އެއީ ހަމަ އެ އިންޑިއާއެވެ. އެ ސަރުކާރެވެ. އެސިޔާސަތެވެ. އޭރުވެސް މިހާރުވެސް އިންޑިއާގެ ބޮޑުވަޒީރަކީ ނަރަންދުރަ މޯދީއެވެ. ހާރިޖީ ވަޒީރަކީ ޖަޔަޝަންކަރެވެ. ރާއްޖޭގައި ހުންނަ އެންބެސެޑަރަކީ މުނޫ މަހާވަރެވެ. އޮޅިގެން އުޅެނީ މުއިއްޒަށެވެ.