ރައީސަށް ހުޅެވި ސިޓީއެއް

ރައީސަށް ހުޅެވި ސިޓީއެއް

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް، 

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

2026 ވަނައަހަރު އެމެރިކާއާއި މެކްސިކޯގައި ކުޅުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް އޮންނާނެ ކަމަށް ގަބޫލު ކުރެވެނީ ރޭގަނޑާއި މެންދަމާއި ފަތިހުގެ ވަގުތު ތަކުގައެވެ. މި ގަޑިތަކުގައި މެޗުތަކަށް އިންސާފު ކޮށް އޮފީސްތަކުގެ މަސައްކަތަށް ހެނދުނު ހާޒިރު ވުމަކީ ވަރަށް ބޮޑު ތަކުލީފަކަށް ވާނެއެވެ.  އަދި އޮފީހަށް ވަގުތަށް ހާޒިރުވި ނަމަވެސް މާ ބިނާކުރުވަނިވި މަސައްކަތަކަށް ސިކުނޑި ހުޅުވާލުމަކީ އިންސާނީ ކުޅެދުން ތަކަށް ބަރުދާސްތު ކުރެވޭނެ ވަރުގެ ތަކުލީފަކަށް ނޫނީ ނުވާނެއެވެ.

މަނިކުފާނަކީވެސް ފައިން ބޫޓު ނެއްޓޭ ބޭފުޅެއް ނަމަވެސް ފުޓުބޯޅައަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެއްކަން މުޅި ދިވެހި ދައުލަތް ގަބޫލު ކުރެއެވެ. ކަން މިހެން އޮތުމާއި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ނަމަވެސް ވޯލްޑް ކަޕުން ލިބިގަންނަ އުފާ ހާސިލު ކުރުމަށް މެޗްތައް އޮންނަ ރޭތަކާއި ވިދިގެން އަންނަ ދުވަސް ތަކަކީ ބަންދު ދުވަސް ތަކެއް ކަމުގައި ހަމަޖައްސަވާ ދެއްވުން އެދި ދަންނަވަމެވެ.

މި މުހުތާދު ފުއްދާދިނުމުގައި ދަތިކަމެއް ވާނަމަ ފީފާ އާއި އެމެރިކާއަށް ގުޅާލައިގެން ނަމަވެސް މެޗުތައް ކުޅޭ ގަޑިތަކަށް ބަދަލު ގެންނެވުމަށް އެފަރާތް ތަކަށް އަންގާ އަމުރު ކޮށްދެއްވުން އެދޭ ވާހަކަވެސް ދެންނެވީމެވެ. 

މަނިކުފާނަކީ ރައްޔިތުން އެދޭ ގޮތަށް ރަނުން ރަނަށް ކަންކަން ކޮށްދެއްވަމުން ވަޑައިގަންނަވާ ބޭފުޅެއް ކަމުން އަޅުގަނޑުމެންގެ މި އެދުން ފުރިހަމަ ކޮށްދެއްވުން އެދި ދެންނެވީމެވެ.