36 ހާސް މީހުންގެ ޕީޕީއެމް އަށް މަޖިލިސް ހަރާން

ގައްސާނާ ޝިޔާމްގެ ސިޔާސީ މަގާމަށްޓަކާ ޕީޕީއެމަށް މަޖިލިސް ގެއްލެނީ!

36 ހާސް މީހުންގެ ޕީޕީއެމް އަށް މަޖިލިސް ހަރާން

ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް)އެވެ. ޕްރޮގްރަސިވް ކޯލިޝަންގެ މައި ޕާޓީއަކީ ވެސް ޕީޕީއެމްއެވެ. ޕީޕީއެމްގެ މައްޗަށް ކޯލިޝަންގައި ހިމެނޭ މައިނޯރިޓީ ޕާޓިން އަތްގަދަކޮށް ޕީޕީއެމްގެ ބާރުކަނޑުވާ ލައިގެން އުޅޭ އުޅުމަކީ ސީރިއަސް މައްސަލައެވެ. 

ޕީޕީއެމާއި ޕީއެންސީއަކީ ގާނޫނީ ދެ ޝަހުސެވެ. ކޯލިޝަނެއް ހަދައިގެން އުޅުމަކީ ސިޔާސީ ޕާޓީއަކަށް ގާނޫނީ ގޮތުން އޮންނަ ރުކުންތައް ހަމަނުކޮށް އޮތުމަށް އޮތް ލައިސަންސެއް ނޫނެވެ. ކޮންމެ ޕާޓީއަކަށްމެ އޮންނަ ހައްގުތަކުގައި މަރުތަޅު އެޅެން ޖެހޭ ކަމެއްނޫނެވެ. 

2023 ވަނަ އަހަރު ނިމުނުއިރު ޕީޕީއެމްގައި 36223 މެންބަރުން އެބަތިއްބެވެ. ސިޔާސީ ގޮތުން އެ 36223 މީހުންނަށް ލިބިދޭ ގާނޫނީ ހައްގުތަކެއް ވެއެވެ. ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގައި މެންބަރުން ތިބޭ އަދަދަށް ބަލައިގަނެގެނެވެ. ވަކި މަދު ބައެއްގެ ބާރުވެރި ކަމަށްޓަކައި 36000 މީހުންގެ ގާނޫނީ ހައްގެއް ނުހިފެހެއްޓޭނެއެވެ. 

ޕީޕީއެމްއަކީ ރާއްޖޭގައި ވެރިކަން ކުރާޕާޓީއެއް ނޫނެވެ. ވެރިކަން ކުރާ ޕާޓީއަކީ ޕީއެންސީއެވެ. ރާއްޖޭގެ ރިޔާސަތުގައި ޕީޕީއެމްގެ ދައުރެއް ނެތެވެ. ރާއްޖޭގެ ރައީސްއާއި ނައިބު ރައީސްއަކީ ޕީޕީއެމްގެ މެންބަރުންނެއް ނޫނެވެ. ވަޒީރު ކަމުގައި ޕީޕީއެމްގެ ދެ ނައިބު ރައީސުން ތިބުމަކީ ކޯލިޝަން މައިޕާޓިގެ ނިސްބަތުގައި ޕީޕީއެމަށް ހައްގު މިންވަރެއް ނޫނެވެ. 

ޕީޕީއެމްގަ ރައީސް ނެތް ދަނޑިވަޅެއްގައި އާއްމު މެންބަރުގެ ބާރުކެނޑޭ ގޮތަށް ޕީޕީއެމްގެ ދެނައިބު ރައީސުން ވެގެން ގާނޫނާ ހިލާފަށް ޕީޕއެމްގެ 36 ހާސް މެންބަރުންގެ ހައްގުތައް އެ ތިބެނީ ފޭރިގަނެގެންނެވެ. ކުޑަ ޕާޓީއަކުން ބޮޑު ޕާޓީގެ މައްޗަށް ވެރިވެގަނެ ބޮޑު ޕާޓީގެ ވާގި އެ އޮތީ ނައްތާ ލާފައެވެ. 

ޕްރޮގްރަސިވް ކޯލިޝަނުގެ ނަމުގައި ކޯލިޝަނެއް ހަދާ ހިންގީ އިސް ޕާޓީގެ ގޮތުގައި ޕީޕީއެމް އޮވެ އެ ކޯލިޝަނަށް ވެރިކަން ހޯދާ ވެރިކަން ހިންގާށެވެ. ކޯލިޝަން ޕާޓްނަރުން ނަށްވުމަކީ ޕާޓީގެ އާއްމު ހުރިހާ ހައްގުތަކެއް ހިފެހެއްޓުމަށް އޮތް ބާރެއް ނޫނެވެ.

ކޯލިޝަން ޕާޓްނަރުން ނުހިމެނޭ ގޮތަށް ހަމައެކަނި ޕީޕީއެމްގެ ސެނެޓަރުން ހިމެނޭ ސެނެޓް ޖަލްސާއެއް ބޭއްވުމުގެ ބާރެއް މިހާރަކު ޕީޕީއެމަކު ނެތެވެ. ޕީޕީއެމް މެންބަރުންގެ އަދަދަށް ނިސްބަތްކޮށް ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ދޫކުރާ ފައިސާ ބޭނުން ކުރުމުގެ ގޮތް ކަނޑައެޅުމުގެ ބާރެއް ޕީޕީއެމަކަށް ނެތެވެ. ޕީޕީއެމްގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ފުރުސަތެއް ވެސް ޕީޕީއެމް މެންބަރުންނަކަށް ނެތެވެ. ހުރިހާ ކަމެއް ނިންމަނީ ޕީއެންސީއަށް ފަހިވާހެން ކޯލީޝަން ސެނެޓުންނެވެ. 

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމް ޕެރެލައިޒް ކޮށްލާފާ ބާއްވައިގެން ޕީޕީއެމުގެ ފައިދާ ޕީއެންސީން ނަގަމުން ދާއިރު ގާނޫނީ މުއައްސަސާތައް އޮތީ ނިދާފައެވެ. ޕީޕީއެމް ޓިކެޓްގައި އިންތިހާބު ތަކުގައި ވާދަ ކުރުމުގެ ހައްގުން ޕީޕީއެމް މަހުރޫމް ކޮށްފިއެވެ. ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް އޮންނަ އެންމެ ބޮޑު ސިޔާސީ ހައްގަކީ ޕާޓީ ޓިކެޓްގައި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާއި ޕާޓީ ޓިކެޓަށް ވޯޓު ދިނުމުގެ ހައްގެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި ވާދަ ކުރުމުގެ ހައްގުވެސް ވަނީ ޕީޕީއެމަށް ގެއްލުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރު ޕީޕިއެމްގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ނުއިންނާނެއެވެ. އިންތިހާބުގައި ވާދަކުރަން ފުރުސަތު ނުދިނުމުން 20 ވަނަ ރައްޔިތުންގެ މަޖިލިސް ނިމިގެން ދާނީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ އެންމެ މެންބަރަކުވެސް ނެތިއެވެ. ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ބާރު ކަނޑުވާ ލެވޭނީ އެހާކަށް ވަރަށެވެ. 

މިހިނގާ ރިޔާސީ ދައުރަކީ ޕީޕީއެމް ސިޔާސީ ގޮތުން ބާރު ކަނޑުވާލުމުގެ ފަސް އަހަރު ކަމުގައި ވިޔަ ނުދިނުމަށް ޕާޓީ މިނިވަން ކުރަން ނިކުތުމުގެ ވަގުތު ޖެހިއްޖެއެވެ. 36 ހާސް މެންބަރުންނަށް ބަޖެޓުން ދިން ފައިސާއަކީ އެހެން ކުޑަ ޕާޓީއެއް ބާރުވެރި ކުރުމަށް ހޭދަކުރެވޭ އެއްޗަކަށް ވިޔަނުދޭން ތެދުވަން ޖެހިއްޖެއެވެ.