ދިވެހި ބަހުގައި އައު ލަފުޒު ހެދުމުގެ އުސޫލު

އައު ލަފުޒު ހެދުމުގައި ގެންގުޅެނީ 19 އުސޫލެއް

ދިވެހި ބަހުގައި އައު ލަފުޒު ހެދުމުގެ  އުސޫލު

1.  މާނަ ފުޅާކުރުން - ރަދީފުގައި އޮތް ލަފުޒަކަށް އައު މަފުހޫމެއް ނުވަތަ މާނައެއް އިތުރުކޮށްގެން އައު އިސްތިޢުމާލެއް ތަޢާރަފުކުރުން.

2.  ލަފުޒުގެ ގިންތި ބަދަލުކުރުން - ބަހުގެ ވަކި ގިންތިއެއްގައި އާންމުކޮށް އިސްތިޢުމާލުކުރާ ލަފުޒެއް އޭގެ ލިޔައަކުރަށް އެއްވެސް ބަދަލެއް ނުގެނެސް އެހެން ގިއްތިއެއްގައި ބޭނުންކުރުން.

3. ސިފައަށް ނިސްބަތްކޮށް ނަން ދިނުން - ވަކި ނަމެއްނެތް އެއްޗަކަށް އެއާ ސިފަ ވައްތަރު އެއްޗެއްގެ ނަން ދިނުން. 

4. ލަފުޒު ފުރޮޅުން - ލަފުޒެއްގެ ލިޔަކުރަށް ބަދަލެއް ގެނެސްގެން އެއަށް ނިސްބަތްވާ އިތުރު މާނައެއް ދޭހަވާ އިތުރު ލަފުޒެއް ހެދުން.

5.  އެކަ އިތުރުކުރުން - އެކައަކީ ލަފުޒެއްގައި އެކުލެވޭ ބައިތަކުގެ ތެރެއިން މާނައެއް ދޭހަވާ، އިތުރަށް ބައިނުކުރެވޭ އެންމެ ކުޑަބައި. މިއީ ލަފުޒަކަށް އެކައެއް އިތުރުކޮށްގެން ލަފުޒެއް ހެދުން. 

6. ލަފުޒުން ބައެއް އުނިކޮށްގެން ލަފުޒު ހެދުން - ލަފުޒުން ބައެއް ނުވަތަ އެކައެއް އުނިކޮށްގެން ލަފުޒެއް ހެދުން.

7. އެކުވި ލަފުޒު ހެދުން - ދެ ލަފުޒު ނުވަތަ އެއަށްވުރެ ގިނަ ލަފުޒު ހިމަނައިގެން އައު ލަފުޒެއް ހެދުން.

8. ލަފުޒު ގެލުން - ދެ ލަފުޒު ނުވަތަ އެއަށްވުރެ ގިނަ ލަފުޒު ދުލަށް ފަސޭހަވާގޮތަށް އެއްކޮށްލައިގެން އައު ލަފުޒެއް ހެދުން.

9. ތަކުރާރުކުރުން - ލަފުޒެއް ނުވަތަ ލަފުޒެއްގެ ބައެއް ތަކުރާރުކޮށްގެން އައު ލަފުޒެއްހެދުން.

10. ހިރިލަފުޒު ހެދުން - ދެ ލަފުޒުގައި ކޭލި ނުވަތަ ހިރި ހަމަވާ ލަފުޒު. ހިރި ލަފުޒު ހެދުމަކީ ލަފުޒަކާއި އެ ލަފުޒެއްގެ އިދި ލަފުޒު ގުޅުވައިގެން އެކަމެއްގެ ޖަމާ ހާމަކޮށްދޭ ލަފުޒެއް ހެދުން.

11. އިސްފަސްބަސް ހެދުން - ބޭނުންވާ މަފުހޫމެއް ދޭހަކޮށްދޭ ދެ ލަފުޒެއް އިސްފަސްކޮށްގެން ހަދާ ލަފުޒު.

12.  އުޅިބަސް ހެދުމާއި އުޅިބަހުން ލަފުޒު ހެދުން - އުޅިބަހަކީ ތާލު ހަމަވާގޮތަށް ހުންނަ ޖަމާ ނަންނަން. މީގެތެރޭގައި އެއް އަކުރަކުން ފެށޭ ތިން ލަފުޒުގެ އުޅިބަހާއި، އެއް އަކުރަމުން ނިމޭ ދެ ލަފުޒުގެ އުޅިބަސް ހުރެއެވެ. އުޅިބަހުން އައު ލަފުޒު ހަދައެވެ. އަދި އުޅިބަހުގެ ބަޔަކުން ވެސް އައު ލަފުޒު ހަދައެވެ. 

13.  ތައްގަނޑު ލަފުޒު ހެދުން- އައު ލަފުޒެއް ހަދަން ބޭނުންވާ ހާލަތުގައި އެ މަފުހޫމަކާ ގުޅޭ ދިވެހި ލަފުޒުގެ އަޑުތައްގަނޑަށް ބިނާކޮށް އައު ލަފުޒު ހެދުން.

14. ހަލި ލަފުޒު ހެދުން - އާންމު އިސްތިޢުމާލުގައި ދުލަށް ފަސޭހަވާގޮތަށް ދިވެހި ނުވަތަ ބޭރު ލަފުޒެއް ކުރުކޮށްގެން ބޭނުންކުރުން ގިނަވުމުން ބަލައިގަންނަ ލަފުޒު.

15. މުލާޑުލަފުޒު ހެދުން - އަލަށް ތަޢާރަފުކުރަން ބޭނުންވާ މަފުހޫމެއް ދޭހަކޮށްދޭ ލަފުޒުތަކެއްގެ މިލާޑު ނުވަތަފެށޭ ބައި ބޭނުންކޮށްގެން އައު ލަފުޒު ހެދުން.

16.  ބޭރު ލަފުޒު ތަރުޖަމާކުރުން - ބޭރު ބަސްބަހުގެ އެކުވި ލަފުޒެއްގައި ހިމެނޭ މަފުހޫމެއް ދިވެހިބަހަށް ގެނައުމަށް ޓަކައި އެ ލަފުޒުގައި ހިމެނޭ ވަކިވަކި ލަފުޒު ތަރުޖަމާކޮށްގެން އައު ލަފުޒު ދުން.

17. ބޭރު ބަސްބަހުގެ ލަފުޒުން ލޯނުލަފުޒު ހެދުން - ބޭރު ބަސްބަހުން ލަފުޒު ގެނެސް ދިވެހިބަހުގެ އަޑުތަކަށް ފެތޭގޮތަށް ބަދަލުކޮށް ބަލައިގަތުން.

18.  އަޑުލަފުޒު ހެދުން - އެއްޗަކުން ނުވަތަ ކަމަކުން އިވޭ އަޑާ ގުޅުވައިގެން އައު ލަފުޒު ހެދުން.

19. ލަފުޒު އީޖާދުކުރުން - ވަކިނަމެއްނެތް އައު އެއްޗެއް ނުވަތަ މަފުހޫމެއް ތަޢާރަފުވާގޮތަށް ގުޅުވައިގެން އައު ލަފުޒުހެދުން.

ލިޔުނީ،،،: އަބްދުއްލާ ސައީދު