ޅެމެއްގެ ދޭހަ : މި ދުނިޔެ

އަލްއުސްތާޒު އާދަމް ނަސީރު އިބްރާހީމްގެ ލިޔުއްވުމެއްގެ ނަކަލެއް

ޅެމެއްގެ ދޭހަ : މި ދުނިޔެ

މި ދުނިޔެ       

އާދަމް ނަޞީރު އިބްރާހީމް (2008)

1-    ދުނިޔޭގެ އުނުފޭރާމަކީ، މަކަރާއި ޙީލަތްތެރިކަމޭ

             އެކަމުން ފޮރުވި ފަރުދާވަނީ،  ކުލުނާއި  އިޚްލާޞްތެރިކަމޭ

އދ. ގެކުރީގެ ސެކްރެޓްރީ ޖެނެރަލް،  ކޯފީ އާނާނުގެ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.  ޤުދުރަތުން ދުނިޔޭގައި ލައްވާފައިވާ ތަނަވަސްކަމުގެ %86 ބޭނުންކުރަނީ ދުނިޔޭގެ އެންމެ މުއްސަނދިންގެ 1/5 މީހުންނެވެ.   އެންމެ ފަގީރުންގެ 1/5 މީހުން ބޭނުން ކުރުމަށް، ދުނިޔޭގެ ތަނަވަސްކަމުގެތެރޭން އެމީހުންނަށް ލިބިފައިވަނީ، އެންމެ  %1.3އެވެ.  ދުނިޔޭގެ އެންމެ މުއްސަނދި 225 މީހުންގެ ރައުސުލްމާލު 1 ޓްރިލިޔަނަށްވުރެ މައްޗަށް އަރައެވެ. މިއީ، މުޅި ދުނިޔޭގެ އަބާދީގެ %47މީހުންގެ 1 އަހަރު ދުވަހުގެ މުސާރަޔަށް ފުދޭހާ މިންވަރެވެ. ހަމަ އެހެންމެ ދުނިޔޭގެ އެންމެ މުއްސަނދި 3 މީހުންގެ އެސެޓް ނުވަތަ މިލްކިއްޔާތު އެއްކޮށްލުމުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ 48     ޤައުމުގެ GDP އާ ނުބައްދަލެވެ.
ސުވާލަކީ، އެމީހުން  މި ކުރިއެރުން ހޯދީ ކިހިނެއްހެއްޔެވެ؟ 6.5 ބިލިޔަނަށްވުރެ ބޮޑު އާބާދީއެއް އޮތް މި އަދުގެ ދުނިޔޭގައި ދެބައިކުޅަ އެއްބައި މީހުން މި އަދުވެސް ތިބީ ހައިހޫނުކަންމަތީގައެވެ.  ބޯހިޔާވަހިކަމެއް ނެތެވެ. އެހެންކަމަށްވަނީނަމަ އެމީހުންނަށް މި މުދާވެރިކަން މިގޮތުގައި ޙައްޤުވެގެންވޭހެއްޔެވެ؟ އެމީހުން އަދާކުރަންޖެހޭ އިޖްތިމާޢީ އިންސާނީ ޙައްޤުތައް ކޮބައި ހެއްޔެވެ؟  ފުންކޮށް ވިސްނާލާއިރު، މި ޒަމާނުގައިވެސް ފެންނަނީ ހަކުރާ ޖަހައިގެން ކާށި ކާ މީހުން މަދަސް، މަކަރާ ޖަހައިގެން ދުނިޔެކާ މީހުންގެ ޢަދަދު ގިނަކަމެވެ.

2-    ދުނިޔޭގެ މޮޅު ކާނާޔަކީ،  ޣަދަރާ ޚިޔާނާތްތެރިކަމޭ

              އެކަމުން އަނދާ އަޅިޔަށްވަނީ، ލޯތްބާ   އަމާނާތްތެރިކަމޭ

ޚިޔާނާތްތެރިވުމަކީ އަމާނާތްތެރި ނުވުމެވެ. ޣަދަރުވެރިވުމަކީ، ތެދުވެރި ނުވުމެވެ. މި ދެސިފަޔަކީވެސް ދުނިޔޭގެ އެންމެ އިސް މަޤާމުތަކާ ހަމައިން ފެންނަމުންދާ ދެސިފައެވެ. ގިނަބައެއްގައި ހުންނަ ދެސިފައެވެ. ޢިރާޤު މިނިވަންކުރުމުގެ ނަމުގައި އެމެރިކާއިން ޢިރާޤުގައި ހިންގި ޢުދުވާނުގައި އޭރު އދ. ގެ ސެކްރެޓްރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ކޯފީ އަނާނުގެ ދަރިކަލުންގެ ކިބައިންވެސް މި އައިބު ދެސިފަ ފެނިގެން ދިޔައެވެ. ''ތެލުގެ ބަދަލުގައި ކާނާއާއި ބޭސް'' މި ޝިޢާރުގެ ދަށުން ހިންގި ޕްރޮގްރާމުގެ ފައިސާގައި އޭނާ ޖެހިވަޑައިގަތްވާހަކަ މަޝްހޫރުވެގެންދިޔައެވެ. ކޮރަޕްޝަނަށް ބަލާއިރު ދުނިޔޭގައި އެންމެ ކޮރަޕްޓް ޤައުމެއްގެ ގޮތުގައި ވޯލްޑްބޭންކުގެ ރިޕޯޓެއްގައި ފާހަގަ ކޮށްފައިވަނީ އިސްލާމީ ޤައުމެއްކަމުގައިވާ ނައިޖީރިޔާއެވެ. ނައިޖީރިޔާއަކީ، އެގައުމުގެ ރައްޔިތުންނަށް ކާނާއާއި ބޯފެނުގެ ދަތިކަން އޮތް ގައުމެކެވެ. ކުޑަކުދިންނަށް ޖެހޭ ތަފާތު ބަލިތަކުގެ މައްސަލަ ކުރިމަތިވެފައިވާ ޤައުމެކެވެ. ޢިރާޤުގެ މުޅި ރައްޔިތުންނަކީ، މިއަދު ހާލުގައިޖެހިފައިވާ ބައެކެވެ. މީން އެނގެނީ، ޚިޔާނާތްތެރިކަމާއި ޣަދަރުވެރިކަން އާންމުވުމަކީ، އިންސާނީ ކުލުނާއި ލޯބި ނެތިގެންދާ ކަމެއްކަމެވެ. އާމާނާތްތެރިކަން ނެތިގެންދާ ކަމެއްކަމެވެ.
ދުނިޔޭގައި ކަންހިނގާ އާންމު އުސޫލަށް ބަލާއިރު ޣަދަރާއި ޚިޔާނާތްތެރިކަން މިއަދުވަނީ ގިނަ ބައެއްގެ އިރުކޮއްތުކަމުގައިވެފައެވެ. މާނަޔަކީ، ތިންއިރު ކާ ކެއުމަކީވެސް މިހާރު މި ޚިޔާނާތުން ހޯދި ފޯރުންތެރިކަމުގެ އެހީގައި ލިބިގަންނަ އެއްޗަކަށްވެއްޖެއެވެ. އިސްލާމީ ގައުމުތަކުގެ ޙާލަތު ބަލައިލުމުން މިކަމަށް ދަލީލު ލިބިގެންދާނެއެވެ. ވޯލްޑްބޭންކުގެ އިސްވެދެންނެވުނު ރިޕޯޓް ބުނާގޮތުން ދުނިޔޭގެ ކޮރަޕްޓް ގައުމުތަކުގެ  3ވަނައިގައި ހިމެނިފައި އޮތީ ރަޙްމަތްތެރި އިސްލާމީ މެލޭޝިޔާއެވެ. 
ޚިޔާނާތްތެރިވަނީ އެނެކުންގެ މައްޗަށް ލޯބި ނުހުންނާތީއެވެ. ކީރިތި ރަސޫލާ ހިޖުރަޔަށް ވަޑައިގެންނެވިރޭ މުޝްރިކުންގެ މުދާ އަމާނާތްތެރިކަމާއެކު އެމީހުންނާ ހަވާލު ކުރެއްވުމަށް ސައްޔިދިނާ ޢަލީގެފާނާ ހަވާލުކުރެއްވުމުގައި ހިމެނޭ އެއްސަބަބަކީ، އެމީހުންގެ މައްޗަށް އެކަލޭގެފާނުގެ ހިތްޕުޅުގައި އުފެދިފައިވާ މަތިވެރި ރަޙުމާއި ލޯތްބެވެ.  އެހެނީ އެކަލޭގެފާނަކީ '' އައްރައޫފުއްރަޙީމް'' އެވެ.

3-    ދުނިޔޭގެ އަތުގެ ސަލާމަކީ،  ޡުލްމާއި އަނިޔާވެރިކަމޭ

               އެކަމުން މޮޑެވި ވެއްޔަށްވަނީ،  އަމްނާ ސަލާމާތްތެރިކަމޭ

މީޑިޔާ މެދުވެރިކޮށް ޚަބަރުތައް ބަލަމުންދާއިރު، ދުނިޔޭގެ ސިޔާސީ މަސްރަޙުން ވަރަށް ހެއްވާ މަންޒަރެއް ފެންނާނެއެވެ. ގައުމުތަކުގެ ވެރިން ހިނިތުންވެ އަތާއަތްޖޯޑުކޮށް ސަލާމްކުރާމަންޒަރެވެ. ބަދަހި އެކުވެރި ގުޅުންތަކުގެ ރަމްޒެއްގެ ގޮތުންނެވެ. މި ސަލާމް އިސްރާއީލުގެ ވެރިންނާއި ފަލަސްޠީނުގެ ވެރިންގެ މެދުގައިވެސް ކުރެވޭތަންފެނެއެވެ. އެމެރިކާގެ ރައީސްގެ އަތްޕުޅުވެސް ހަމަ އެފަދައެވެ. ހުރިހާ ގައުމެއްގެ ވެރިންގެ މެދުގައިވެސް މިކަން އޮވެއެވެ. އެހެންނަމަވެސް އެއާ ވިދިގެން ދެން ކިޔާ ޚަބަރުގައި ހަމަ އޭގެ އެއް ޤައުމު އަނެއްޤައުމަށް ހަމަލާ ބަދަލުކުރިވާހަކަ ގޮވާނެއެވެ. ކުޑަ ކުދިންނާއި އަންހެނުން މަރުވިވާހަކަ ގޮވާނެއެވެ. އެހެންކަމަށްވާނަމަ މި ސަލާމުގެ މާނަޔަކީ ކޮބައި ހެއްޔެވެ؟ އަނިޔާއާއި ބޭއިންސާފު ނޫންހެއްޔެވެ؟  ހަމަ އާދައިގެ ދުޝްމަނާގެވެސް ޢަމަލު ހުންނަނީ މިހެނެވެ. ވަޅި ހެރިޔަސް ހަރަނީ ސަލާމަށް އަތްދިއްކޮށްފައެވެ.  މިފަދަ ޢަމަލުތަކުގެ ނަތީޖާއަކީ،  ދުނިޔޭގެ އަމްނު އަމާންކަމާއި ސަލާމަތްތެރިކަން ނެތިގެންދިޔުމެވެ.

4-    ދުނިޔޭގެ ހިތުގެ ''އަރާމަކީ'' ޖިންސާއި ޝަހުވަތްތެރިކަމޭ

                 އެކަމުން ކަފުންވެވެމުންދަނީ،  އަބުރާއި ޢިއްފަތްތެރިކަމޭ

މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވީ އޭނާ އުޅެންވީ ޠާހިރު މަގުދައްކަވާފައެވެ. އެކަމަށްޓަކައި އެތައް ރަސޫލުންނެއް، ނަބިއްޔުއްނެއް ފޮނުއްވިއެވެ. އެކަމަކު މި ދުނިޔޭގައި އިންސާނާ ވެފައިވަނީ ޝަހުވަތްތެރިކަމުގެ އަޅަކަށެވެ. ސަލާމްލެއްވި ނޫޙުގެފާނު 950އަހަރު ދީނަށް ގޮވާލެއްވީމާވެސް އެކަލޭގެފާނަށް ތަބާވިކަމަށް ބުނެވެނީ އެންމެ 9 މީހުންނެވެ.އިންޓަރނެޓުގެ %70 އަކީ ބަދުއަޚުލާޤަށް ހިތްވަރުދޭ ފަދަ ފާޙިޝް އުފެއްދުންތަކެވެ. ބައެއް ގައުމުތަކުގައި ވިޔަފާރި އިންޑަސްޓްރީއެއްގެ ގޮތުގައި ފާޙިޝް ޢަމަލުތައް ޕްރޮމޯޓްކުރަމުންދެއެވެ. ތައިލެންޑުގެ ބެންކޮގެ %58 އަންހެނުންނަކީ، ކަސްބީންނެވެ. ދެކުނު އެފުރިކާގެ ނިޞްބަތަކީ %75 އެވެ. ކެނެޑާގައި %74އެވެ. އަދި ކޮލަމްބިޔާގެ %86 އަންހެނުންނަކީ، ކަސްބީންނެވެ. ބަޔަކުމީހުންނަށް މިކަންކަމަކީ ހިތަށް ހަމަޖެހުން ގެނެސްދޭ ޢަމަލުތަކެއްކަމުގައި ހީކުރެވުނަސް، ނަތީޖާއަކީ އެތައް ބައެއްގެ ޢިއްފަތްތެރިކަން ގެއްލުމެވެ. އަބުރުވެރިކަން އޮޔާލުމެވެ. އޭޑްސްއާ ތަފާތު ބަލިތަކުގެ ވަބާތައް އާންމުވެ އަހަރަކު އެތައް މިލިޔަން އިންސާނުންނެއް ހިތްދަތިކަމާއި ގިލަންވެރިކަން އިޙްސާސްކުރަންޖެހުމެވެ. 
ދިރާސާތަކުން ދައްކާގޮތުގައި ފާޙިޝް ޢަމަލުގެ ވިޔަފާރީގެތެރޭގައި  ދުނިޔޭގައި އުޅޭ އަންހެނުންގެ ތެރޭން %82 އަކީ، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ބޮޑެތި ގެއްލުންތައް ތަޙައްމަލްކުރަމުންދާ ބައެކެވެ. ހިތްދަތި ވޭންތައް އިޙްސާސްކުރަމުންދާބައެކެވެ. ހަމަ އެހެންމެ އެއްވެސް މުޖުތަމަޢެއްގައި އެއީ ކުޑަވެސް އިޙްތިރާމެއް ލިބިގެންވާ ބައެއް ނޫނެވެ. އެހެންކަމުން އޭގެތެރޭން %87 މީހުން މި ހަލާކުން ދުރުހެލިވާން ބޭނުންވެއެވެ.

5-    ދުނިޔޭގެ ޒާތީ މަޖަލަކީ،    ޤަތުލާ އިހާނާތްތެރިކަމޭ

            އެކަމުން ފަނާވެ އެ ނެތިދަނީ، ނަސްލާ  ކާރާމާތްތެރިކަމޭ

ދުނިޔޭގައި އެންމެ ފުރަތަމަ އުފެދުނު ފިތުނަވެސް ނިމިގެން ދިޔައީ ޤަތުލަކުންނެވެ. ސަލާމްލެއްވި އާދަމުގެފާނުގެ ދެބޭފުޅުންކަމުގައިވާ ޤާބީލާއި ހާބީލާ ދެމެދު އުފެދުނު ފިތުނަ އެވެ.  ޤާބީލްގެ އަތްޕުޅުން ހާބީލް އަވަހާރަކޮށްލެވުނެވެ. ޤާބީލްގެ ހިތްޕުޅަށް ހަމަޖެހުމެއް އައީ މަރުގެ މި ޢަމަލުން ޙާޞިލްވި  ނަތީޖާއަށްފަހުގައެވެ.
ދެވަނަ ބޮޑު ހަނގުރާމައިގައި ހަމަ އެކަނި ޗައިނާއާއި ޗައިނާޔާ ގުޅުނު ސަރަހައްދުތަކުންވެސް 3.5 މިލިޔަން ސިފައިން މަރުވެގެންދިޔައެވެ. އާންމުންގެ 10.2މިލިޔަންމީހުން މަރާލެވުނެވެ. ޖަރުމަނުގެ 3.5 މިލިޔަން ސިފައިން މަރުވިއިރު، އާންމުންގެ 3.8 މިލިޔަންމީހުން މަރާލެވުނެވެ. އެމެރިކާ ސިފައިންނަށް އެންމެ މަޖަލާއެކު ދެއަތް ދެއަތާއެކު ޖަހާލެވުނީ ހީރޯޝީމާގެ ލާއިންސާނީ ޢަމަލަށްފަހުގައެވެ.  ތިންބުޝްގެ ތުންފަތްޕުޅަށް އެންމެ ތަނަވަސް ހިނިތުންވުމެއް އައީ ޞައްދާމު ޙުސައިންގެ ދެދަރިކަލުންކަމުގައިވާ ޢުދައްޔާއި، ޤުޞައްޔު އަވަހާރަކޮށްލެވުނުތާ ދުވަސްގަނޑެއްފަހުން، ޞައްދާމު ޙުސައިން ވެސް  ދަންޖައްސާ އަވަހާރަ ކޮށްލެވުމުންނެވެ. އެހެންވީމާ އިހާނެތި ޤަތުލުތަކާ އެފަދަ ޢަމަލުތަކުގެ ސަބަބުން އިންސާނީ ނަސްލު ނެތިގެންދަނީއެވެ. އިންސާނީ ކާރާމާތުގެ އަގެއްނެތެވެ. އެކަމަކު މިއީ މި ޢަމަލުތައް ހިންގާ ފަރާތްތަކަށް  އެންމެ މަޖާ އެންމެ ހިތްގައިމު މަންޒަރުތަކެވެ.

6-    ދުނިޔޭގެ ތާޖާ ތަޚުތަކީ،  މުދަލާއި، ފޯރުންތެރިކަމޭ

            އެކަމުން ފެނަށް ގިރިގެންދަނީ، ޢަދުލާއި، އިޙްސާންތެރިކަމޭ

ތާޖަކީ، ކީރިތިކަމާއި މޫރިތިކަމުގެ ރަމްޒެކެވެ.  ތާޖުން ރަމްޒުކޮށްދެނީ ޢިއްޒަތްތެރިކަމާއި މާތްކަމެވެ. ތަޚުތަކީ، އާރާ ބާރުގެ ރަމްޒެކެވެ. ތަޚުތުން ރަމްޒުކޮށްދެނީ ނުފޫޒާއި ބާރުވެރިކަމެވެ. ހައިބަތްތެރިކަމެވެ. ހުރިހާކަމެއް ފުދިގެންވުމެވެ. މުދާވެރިކަމާއި، ފޯރުންތެރިކަން ލިބިއްޖެނަމަ އެމީހަކަށް އެވަނީ ޢިއްޒަތްތެރިކަންވެސް ލިބިފައެވެ. ބާރާ ނުފޫޒުވެސް ލިބިފައެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ މުޅި ދުނިޔޭގައިވެސް އެންމެ މުއްސަނދި ރައުސުލްމާލެއް އޮތީ ތިބާގެ އަތުގައި ކަމަށްވެއްޖެ ހިނދެއްގައި ތިޔައީ ދުނިޔޭގެ ރަސްގެފާނެވެ.
ރޮށިފިހާ މީހަކު އޭނާގެ ދޭފަތުން ރޮށި އެއްފުށުން އަނެއްފުށަށް ޖަހާ ބީދައިން، ތިބާގެ ފައިސާވެރިކަން ބޭނުންކޮށްގެން މުޅި ދުނިޔެ ތިބާ ބޭނުން އަތަކަށް ފުރޮޅިދާނެއެވެ. އެކަމަކު އެފަދަ ޙާލަތެއްގައި ޢަދުލު އިންސާފު ނެތިދާނެއެވެ.  އެމެރިކާއަކީ، ތާރީޚެއް ޘަޤާފަތެއް އޮތް ގައުމެއް ނޫނެވެ. އެކަމަކު ބާރާއި ނުފޫޒު އޮތް ޤައުމެކެވެ. ވަސީލަތަކީ ފައިސާއެވެ. ފުދުންތެރިކަމެވެ. ނަތީޖާއަކީ، އަދުގެ ދުނިޔެއަށް އެމީހުން ބޭނުން ގޮތެއް ހަދަމުންދާކަމެވެ. ބައެއް ތަންތާނގައި މަހާނަ ހަދަމުން،  ބައެއް ތަންތާނގައި ކާނިވާ ހަދަމުން މުޅި ދުނިޔޭގެ މައްޗަށް ގަދަބަސް ބުނަމުންދާއިރު، ދުނިޔެ މިއޮތީ ޗުއްޕުވެސް ބުނަންނުކެރިފައެވެ. 

7-    ދުނިޔޭގެ ދުލުގެ ދުޢާޔަކީ،   ޖަދަލާ ޢަދާވާތްތެރިކަމޭ

                 އެކަމުން މަރުވެ ވެއްޔަށްވަނީ،  ރަޙުމާ އުޚުއްވަތްތެރިކަމޭ

ދޭދޭ ދެމީހުންގެ މެދުގައިވެސް ހިނގާ ކަމެކެވެ. ވަރަށް ގިނަ ޖަލްސާތަކުންވެސް އިވޭނެ އަޑެކެވެ. އެކި ކަހަލަ އެކި ފެންވަރުގެ ބައްދަލުވުންތަކުންނެވެ. މަތީ ފެންވަރުގައާއި، މެދުފެންވަރުގައާއި ދަށުފެންވަރުގައެވެ.  ވާހަކަ ކޮޅު ނިންމާލަމުން ބައެއްފަރާތްތަކަށް ހެޔޮ އެދުމުގެ ޝުޢޫރުތަކާ ދުޢާތައް ރައްދުކުރެއެވެ. ބައްދަލުވުމުންނާއި ވަކިވަމުންވެސް މި ޝުޢޫރުތައް ފާޅުކުރެއެވެ. އެކަމަކު އެ ޢިބާރާތްކޮޅު ފިޔަވައި ދެކެވުނު ވާހަކަތަކުގައި އާންމުކޮށް އޮންނާނީ ބަހުގެ ޙަމަލާތައް ދިނުމެވެ. ޖަދަލުކުރުމެވެ. ތިމާގެ މޮޅުކަން އެހެންމީހުނަން ދައްކައިދެވޭތޯ މަސައްކަތްކުރުމެވެ. ނަތީޖާއަކީ ޢަދާވާތްތެރިކަމުގެ ހުޅުގަނޑު ރޯވުމެވެ. ރަޙްމަތްތެރިކަމުގެ ގުޅުމަށް ބުރޫއެރުމެވެ.  ރަޙިމުގެ ގުޅުންކެނޑުމެވެ.  އުޚުވަތްތެރިކަމުގެ ރޫޙުމަރުވެ ބަރުބާދުވުމެވެ. 

8-    ދުނިޔޭގެ ވަގުތާ ޢުމުރަކީ،   ވަހުމާއި ވަސްވާސްތެރިކަމޭ

                  އެކަމުން ހަލާކުވެގެންދަނީ،  ޝަރަފާ  ޢިބާދާތްތެރިކަމޭ   

ދުނިޔޭގެ ޢުމުރަކީ، 10 ބިލިޔަން އަހަރުކަމަށް ސައިންސްވެރިން ލަފާކުރައްވައެވެ. އޭގެތެރޭން 4.5 ބިލިޔަން އަހަރު ފާއިތުވެއްޖެ ކަމަށްވެސް ލަފާކުރައްވައެވެ. މިއީ މާދިގު މުއްދަތެއްކަމަށް ބައެއް މީހުންނަށް ހީކުރެވެއެވެ. އަދި މީގެ ތެރޭން، ދުނިޔޭގައި ދިރިއުޅެން އާންމު އިންސާނަކަށް މިލިބޭ ފަސްދޮޅަހަކަށް އަހަރުގެ ދިގުކަމާ މެދުވެސް ފަޚުރުވެރިވެވެއެވެ. އެހެންނަމަވެސް މިއީ ކުށް ހީތަކެކެވެ. ވަހުމާއި ވަސްވާސްތަކެކެވެ. އިންސާނާގެ ޢުމުރުގެ ތެރޭން ޅަފަތުގެ ޢުމުރާއި، މުސްކުޅި ޢުމުރާއި، ބަލިހާލުގައިވާ ދުވަސްތަކާއި، ނިދީގައިވާ  ވަގުތުތައް ކަނޑާލައިފި ނަމަ އޭނާ މިބިމުގައި ހަމަ ނޭވައެއްލާން ލިބެނީ ކިހާ ވަގުތުކޮޅެއްތޯ ނިކަން ހިސާބު ކޮށްލައްވަ ބައްލަވާށެވެ! މި ގޮތަށް ފިކުރު ނުކުރައްވާނަމަ، ބޭކާރު ޢަމަލުތަކުގައި ތިމާގެ ޝަރަފު އޮޔާލެވިދާނެއެވެ. މާތް ﷲ އަށް އަޅުވެތިވުމުގެ ވާޖިބަށް އިހުމާލުވެވިދާނެއެވެ. ބުއްދިވެރިންގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު ގެއްލިގެން ހިނގައިދާނެއެވެ. 

9-    ދުނިޔޭގެ އާންމު ޝިިޢާރަކީ،   ކިބުރާއި އާފާތްތެރިކަމޭ

                 އެކަމުން ޙަޔާތާ ވަކިވަނީ،    އަގަލާއި ޙުރުމަތްތެރިކަމޭ   

މިހާރު މި ޅެމުގެ މަސައްކަތްކުރަމުން ދާއިރުވެސް، މުޔައްމާޔަށް އެރި ބާރުގަދަ ޠޫފާނެއްގައި 2.5 މިލިޔަން މީހުން ހާލުގައި ޖެހިފައި އެބަތިއްބެވެ. 128000 (އެއްލައްކަ އަށާވީސް ހާސް) މީހުން މަރުވެގެންދިޔައެވެ. ރިކްޓަރ މިންގަނޑު 7.8ގައި ޗައިނާއަށް އައި ބިންހެލުމެއްގައި ބައިލައްކައަށްވުރެ ގިނަ މީހުން މަރުވެގެން ދިޔައެވެ. 2.8 މިލިޔަން މީހުން ހާލުގައި ޖެހިފައި އެބަތިއްބެވެ. މިއީ ދުނިޔޭގެ މުޞީބާތްތަކާއި އާފާތުގެ ކުޑަކުޑަ ދެ މިސާލެވެ. އެކަމަކު އިންސާނުންގެ ކިބުރުވެރިކަން ހުރި މިންވަރު ދެކޭށެވެ. މުޔައްމާާޔަށް އެހީދިނުމަށް ބޭނުންވާ  ބޭރުގެ ފަރާތްތަކުން އެގައުމަށް އައުމުގެ ހުއްދަ އެގައުމުގެ އަސްކަރީ ސަރުކާރަކުން ނުދިނެވެ. ކިބުރުވެރިކަމާއި ބޮޑާކަމުގެ ސަބަބުން އިންސާނީ ކުލުނާއި އަގަލުކެނޑިފައިވާކަމުގެ މިއީ ކިހާ ރީތި މިސާލެއް ހެއްޔެވެ؟ 26 ޑިސެމްބަރ 2004ގައި ކުރިމަތިވި ސުނާމީ ކާރިސާގައި އެހީތެރިވުމަށް ރާއްޖެއައި، ބޭރުގެ  ބައެއް ފަރާތަކުން ހާލުގައި ޖެހިފައިވާ މީހުންގެ މެދުގައި ނަޞާރާދީން ފަތުރަން މަސައްކަތްކުރިއެވެ. އެހެންމީހުންގެ ޝުޢޫރުތަކަށް ކުޑަކޮށްވެސް ޙުރުމަތެއް ދޭނަމަ މި ފަދަ ދަނޑިވަޅެއްގައި އެމީހުންގެ އަމިއްލަ މި ފަދަ އެޖެންޑާއެއް ކުރިޔަށް ނެރޭނެތޯއެވެ؟

10- ދުނިޔޭގެ އަސްލު މަޤާމަކީ،   ކުންޏާއި ޢިބްރަތްތެރިކަމޭ

               އެކަމުން ލިބެންހުރި އުފަލަކީ، ޖަންނަތުގެ ޢިއްޒަތްތެރިކަމޭ

އިސްވެދެންނެވުނު ތަފާތު ނުބައި އޮއިވަރާއެކު ދުނިޔެއޭ މިކިޔާ ބޯޅައިގެތެރޭގައި އިންސާނާ ފުރޮޅެމުންދާއިރު، ޙަޤީޤަތުގައި މި ދުނިޔެއަކީ ކޮންތަނެއްހެއްޔެވެ؟  ޚިޔާނާތާއި، ޢަދާވާތާއި، ޝަހުވަތާއި، ކިބުރުވެރިކަމާއި، މިފަދަ ކަންކަމުން މީރުކަމެއް ލިބެން އޮތްތަނެއް ހެއްޔެވެ؟ ނޫނެކެވެ. އެއްގޮތަކަށްވެސް އެހެނެއް ނޫނެވެ. ޙަޤީޤަތުގައި މި ދުނިޔެއަކީ އާޚުރަތުގައި ލިބެންހުރި އުފާތަކާ އަޅާބަލާއިރު، ހަމަ ކުނިގަނޑެކެވެ. ނުވަތަ ކުނިގޮނޑެކެވެ. ކީރިތި ރަސޫލާގެ މާތް ޙަދީޘްފުޅެއްގެ މާނައިގައި އޮންނަ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. '' ދުނިޔެއަކީ ކުނިތަކެކެވެ. އެއަށް ދަހިވެތިވާނީ ކުއްތާތަކެވެ.'' 
އެހެންވީމާ، މި ދުނިޔެއަކީ ފިލާވަޅުގެ ގޯއްޗެކެވެ. އަނިޔާވެރިކަމާއި  ފުރެދުންތެރިކަން ކުރިޔަށް ނެރެންވި މައިދާނެއް ނޫނެވެ. މި ދުނިޔޭގައި ހެޔޮކަންތައްތައްވެސް ލައްވާފައިވެއެވެ. ނުބައިކަންތައްތައް ފެތުރިފައިވާލެއް ވެސް އެހާމެ ގިނައެވެ.  ދުނިޔޭގެ މި ޠަބީޢަތުން ފިލާވަޅު ލިބިގަނެ ޢިބްރަތް ހާޞިލްކުރަންޖެހެއެވެ. ޢަމަލުތައް ހަރުދަނާކޮށް ސީދާކުރަންޖެހެއެވެ. رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ އޭ ދަންނަވަމުންނެވެ. މި ގޮތުގައި ދުނިޔެ ދޫކޮށްފި އަޅަކަށް އާޚިރަތުގައި އޮތް އިނާމަކީ ސުވަރުގެއެވެ. ނަބިއްޔުން، ޝަހީދުން، ޞިއްދީޤުންނާއި، ޞާލިހުންނާއެކު އެމާތް ޢިއްޒަތުގައި އުފާކޮށްކޮށް ހުރެވޭނެއެވެ. ނިމުމެއް ނެތް ދިގު އުމުރެއްގައެވެ. އެކަމަށްޓަކައި ގަދަ އަޅައި މަސައްކަތްކުރަން އޮތް ދުނިޔެއަކީ މި ދުނިޔެ އެވެ.
އެޑިޓަރގެ ނޯޓް: މިލިޔުމަކީ އަލްއުސްތާޒު އާދަމް ނަސީރު އިބްރާހީމް 19 ޖަނަވަރީ 2009ގައި ލިޔުއްވާ ފަންވަތް ވެބްސައިޓް https://fanvai.info ގައި ޝާއިއު ކުރައްވާފައި ލިޔުމެކެވެ. މިލިޔުން ބަހަވީ ބޭނުމަށްޓަކައި މިނޫހަށް ނަގުލުކުރީ އަސްލަށް އެއްވެސް ބަދަލެއް ނުގެނަސް އޮތް ގޮތަށެވެ.