އިނގިރޭސި ޓެކް ޓައިކޫން މައިކް ލިންޗް އަދިވެސް ނުފެނޭ

ޔޮޓުން ދަތުރުކުރި އެކަކު މަރުވެ، 06 މީހުން ވަނީ ގެއްލިފައި

އިނގިރޭސި ޓެކް ޓައިކޫން މައިކް ލިންޗް އަދިވެސް ނުފެނޭ

ސިސިލީގެ ތޫފާނުގައި ޔޮޓް އަޑިއަށް ދިއުމުން ގެއްލިފައިވާ އިނގިރޭސި ޓެކް ޓައިކޫން މައިކް ލިންޗް އާއި މޯގަން ސްޓެންލީ އިންޓަނޭޝަނަލްގެ ވެރިޔާ އަދިވެސް ނުފެނެއެވެ. އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަދެއެވެ.

އަޑިއަށް ދިޔަ މައިކް ލިންޗްގެ ޔޮޓް ހޯދުމުގެ މަސައްކަތް ކުރަނީ އިނގިރޭސިވިލާތުގެ މެރިން އެކްސިޑެންޓް އިންވެސްޓިގޭޝަން ބްރާންޗުންނެވެ. ސިސިލީގެ ކަނޑުގެ ސަރަހައްދު ހޯދުމުގައި ހޮހަޅަ ޑައިވަރުން (ކޭވް ޑައިވާރސް) ގެ ޓިމެއްވެސް ބައިވެރިވެފައިވެއެވެ.

"ބަޔެސިއަން" ޔޮޓް އަޑިއަށް ދިޔައީ ބާރުގަދަ ތޫފާނެއްގައި އައި ނަގޫރޯޅިއެއްގައި ޖެހިފައި ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސިސިލީ ކަނޑުގެ ސަރަހައްދުގައެވެ.

22 މީހުން ގޮވައިގެން ދަތުރުކުރި މި ޔޮޓުން މިހާތަނަށް އެކަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައިއެވެ. ހަ މީހަކު ވަނީ ގެއްލިފައެވެ. ދެން ތިބި މީހުން ސަލާމަތް ކޮށްފައިވަނީ ކައިރިން ދިޔަ ދޯންޏަކުންނެވެ.

ސިސިލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީގެ ވެރިޔާ ވިދާޅުވާ ގޮތުގައި ގެއްލިފައިވާ މީހުންގެ ތެރޭގައި އިނގިރޭސި ޓެކް ޓައިކޫން މައިކް ލިންޗް އާއި މޯގަން ސްޓެންލީގެ ވެރިޔާއާއި އިނގިރޭސި ލޯ ފާމް ކްލިފް ޗާންސްގެ ވަކީލަކު ހިމެނެއެވެ.

ހަދިސާގައި މިހާތަނަށް ސަލާމަތް ކުރެވުނު އަށް މީހުން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި އެއް އަހަރުގެ ތުއްތު ކުއްޖެއް ވެސް ހިމެނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި  މި ދަތުރަކީ މިސްޓަރ ލިންޗްގެ މައްޗަށް ކުރިއައްދިޔަ މަކަރާއި ހީލަތުގެ ތުހުމަތުގެ މައްސަލަ އޭނާ ކާމިޔާބުކޮށް މިކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން އޭނާގެ ވަކީލުންނާއި ރައްޓެހިންނަށް ބޭއްވި ދަތުރެކެވެ.