ސާބިއާގައި އަނެއްކާ ބަޑިޖަހައިގެން 8 މީހުން މަރައިފި
އިންޓީރިއާ މިނިސްޓަރުސިފަކުރެއްވީ މި ބަޑިޖެހުމަކީ "ޓެރަރިސްޓް އަމަލެއް" ކަމަށް
ސާބިއާގައި ސްކޫލްކުދިން ތަކެއްގެ ގަޔަށް ބަޑިޖެހުމުގެ ހަމަލާއަށް ފަހު އަނެއްކާވެސް ބަޑި ޖެހުމުގެ އިތުރު ހަމަލާއެއް ހިނގައިފިއެވެ.
ބެލްގްރޭޑްގެ ދެކުނުގައި އޮންނަ އަވަށެއްގައި ކާރެއްގައި ދުއްވަމުން ދިޔަ މީހަކު، މަގުމަތިން ދިޔަ ބައެއްގެ ގަޔަށް ބަޑިޖަހާ 8 މީހަކު މަރުވެފައިވާއިރު، 14 މީހަކު ޒަހަމްވެފައިވެއެވެ. މިއީ މިފަދަ ހިތާމަވެރި ހާދިސާތައް މަދުން ނޫނީ ނުފެންނަ ސާބިއާގައި ހަފްތާއެއްގެ ތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ދުއްވަމުން ހަމަލާ ދިނުމުގެ އަމަލެއް ހިންގާފައި މިވަނީ ބުދަ ދުވަހު ސްކޫލު ކުއްޖަކު ބަޑިޖަހައި އަށް ކުދިންނާއި ސެކިއުރިޓީ ގާޑަކު މަރާފައި ވަނިކޮށެވެ.
ބުރާސްފަތި ދުވަހުގެރޭ ބަޑިޖެހުން ހިނގާފައި ވަނީ ވެރިރަށް ބެލްގްރޭޑްގެ ދެކުނުން 50 ކިލޯމީޓަރު (30 މޭލު) ދުރުގައި އޮންނަ މްލަޑެނޮވާޗް ކައިރީގައެވެ.
ދައުލަތުގެ އާރުޓީއެސް ޓީވީން ބުނިގޮތުގައި ބަޑިޖެހި ކަމަށް ޝައްކު ކުރެވޭ އުމުރުން 21 އަހަރުގެ މީހާ ފުރަތަމަ ބަޑިޖަހާފައި ވަނީ ދޫބޯނާ އަވަށުގެ ސްކޫލް ގޯތިތެރެއަށް ކަމަށާއި އެ ސަރަހައްދުގައި އޭރު ހަރަކާތްތެރިވި އެހެން މީހުންނާ އެކު ފުލުހަކާއި އޭނާގެ ކޮއްކޮ މަރާލާފައިވާ ކަމަށެވެ. ދެން އެއަށްފަހު ބަޑިޖެހި މީހާ ދިޔައީ ކައިރީގައި އޮންނަ މާލީ އޮރާސްޖޭ އާއި ސެޕްސިން ރަށްތަކަށެވެ.
ޑޫބޯނާގެ ރައްޔިތެއް ކަމަށްވާ ޒްވޮންކޯ މްލަޑެނޮވިޗް ނިއުސްތަކަށް ކިޔައިދިން ގޮތުގައި “އަހަރެމެންނަށް ހަވީރު ބަޑިޖަހާ އަޑު އިވުނު ނަމަވެސް އަހަރެން ހީކުރީ އެއީ ފަޔަރވޯކްސް ކަމަށް. ކުޑަކުދިން މޮޔަކަމުން ކުރާކަމެއް ކަމަށް. މިކަހަލަ ކަމެއް ދިމާވެދާނެ ކަމަކަށް އަހަރެންގެ ހިތަކަށް ވެސް ނާރާ،”
ފުލުހުން ވަނީ މިހާރު ބަޑިޖަހަމުން ދިޔަ މީހާ ހައްޔަރުކޮފައެވެ. ފުލުހުން ބުނާގޮތުގައި މިމީހާ ހައްޔަރުކޮފައިވަނީ ފިލައިގެން އުޅެނިކޮށް ސެންޓްރަލް ސިޓީ އެއް ކަމަށްވާ ކްރަގުޖެވާކް ކައިރިން ކަމަށާއި ހަމަލާތައް ދިން ތަނާއި ގާތްގަނޑަކަށް 90 ކިލޯމީޓަރު (56 މޭލު) ދުރުން ކަމަށެވެ. އޭނާ ހައްރު ކޮށްފައިވަނީ އޭނާގެ އާއިލާގެ މީހެއް ގެއިންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހަތަރު ބޮމާއި ގިނަ އަދަދެއްގެ ގަވާއިދާ ހިލާފު ހަތިޔާރާއި ވަޒަންތަކަކާއި އެއްކޮށެވެ.
ސާބިއާގެ އިންޓީރިއާ މިނިސްޓަރު ބްރެޓިސްލާވް ގާސިޗް ވަނީ މި ބަޑިޖެހުމަކީ "ޓެރަރިސްޓް އަމަލެއް" ކަމަށް ވިދާޅުވެފައެވެ.