13 އަހަރުގެ ކުއްޖަކު އޭނާގެ ކުލާސް ކުދިންތަކެއް މަރާލައިފި
މި ހާދިސާގައި ހަތް އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު މަރުވެފައިވޭ
ސާބިއާގެ ވެރިރަށް ބެލްގްރޭޑްގެ ސްކޫލެއްގައި މިދިޔަ ބުދަ ދުވަހު 13 އަހަރުގެ ކުއްޖަކު އޭނާގެ ކުލާސް ކުދިން ގަޔަށް ބަޑިޖަހައި ބަލްކަންގެ އެ ގައުމު ހިތާމައެއްގެ ތެރެއަށް ވައްޓާލައިފިއެވެ. މި ބިރުވެރި ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހުގެ ހެދުނު ކްލާސްތައް ކުރިއައްގެން ދަނިކޮށް، ސާބިއާގެ ވެރިރަށުގެ މަޝްހޫރު ސްކޫލެއް ކަމަށްވާ ރިބްނިކާ އެލިމެންޓަރީ ސްކޫލުގައެވެ.
މައުލޫމާތު ލިބިފައިވާގޮތުން ސްކޫލަށް މި ކުއްޖާ ވަނުމަށް ފަހު ވަގުތުން ދަބަހުން ފިސްތޯލަ ނަގައި ސްކޫލްގެ ސެކިއުރިޓީ ގާޑެއް ކަމަށްވާ ބެލްގްރޭޑްގެ ފުލުހުންގެ ޗީފް ވެސެލިން މިލިޗް ގަޔަށް ބަޑިޖަހާފައިވެއެވެ. މިކުއްޖާ ދެން ގޮސް ޑިއުޓީގައި ހުރި ސްޓާފް މެމްބަރު ކައިރިއަށް ގޮސް އޭނާގެ މޭޒު ކައިރީގައި އިށީނެވެ. ވަރަށް ހަމަޖެހިލައިގެން އިށީދެގެން އިދެފައި އޭނާގެ މޭޒުކައިރީގައި އިން އަންހެން ކުއްޖާއާއި ޕިއާނޯއެއްގެ ކައިރީގައި ހުރި އަންހެންކުއްޖާގެ ފުރާނަ ދުއްވާލިއެވެ.
އެއަށްފަހު މި ކުއްޖާ ބަޑިޖަހަމުން ކޮރިޑޯއިން ފައިބައިގެން ހިސްޓްރީ ކުލާހާއި ދިމާލަށް ދިޔައެވެ. ކުލާސްއަށް ނުވަދެ ދޮރުކުރިމަތިން ޓީޗަރާއި އޭނާގެ އެކުވެރި ދަރިވަރުން ތަކަކަށް ބަޑިޖަހިއެވެ. އެޔައްފަހު ކްލާސްރޫމުން ނުކުމެ، ސިޑިދަށަށް ހަތިޔާރު އެއްލާލަމުށް ފަހު ސްކޫލް ގޯތިތެރެއައް ގޮސް އޭނާ އަމިއްލައަށް ފުލުހުންނަށް ގުޅައިގެން ހައްޔަރު ކުރެވެންދެން އެތާ މަޑުކޮށްލައިގެން ހުރިކަމަށް އޮފިޝަލުން ބުންޏެވެ.
މި ހާދިސާގައި ހަތް އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު މަރުވެފައިވާ ކަމަށް ވެއެވެ. އިތުރު ހަ ކުދިންނާއި ޓީޗަރަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ސާބިއާގެ މިނިސްޓްރީ އޮފް އިންޓަރނަލް އެފެއާޒުން ބުނެފައިވެއެވެ. އޭނާގެ އަތުގައި ދެ ބަޑި އޮތް ކަމަށް ސާބިއާގެ އިންޓީރިއާ މިނިސްޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.
މި ބަޑިތައް އެ ކުއްޖާ ހޯދައިފައިވަނީ އެ ކުއްޖާގެ ބެލެނިވެރިޔާ ހަތިޔާރުތައް ރައްކާކޮފައިހުރި ތިޖޫރީގެ ކޯޑު ބްރޭކުކޮއްގެނެވެ. މި ކުއްޖާ އަތުގައި އޮތް 3 ފުރޭމުގެ ތެރެއިން ކޮންމެ ފްރޭމެއްގައި 15 ވަޒަން ފުރިފައިވާ ވާކަމަށް ކަމާބެހޭފަރާތްތަކުން މައުލުމާތު ދީފައިވެއެވެ. މި މައްސަލާގަ މި ކުއްޖާގެ މައިބަފައިންވެސް ވަނީ ހައްޔަރުކޮއްފައެވެ.
ޕީޖީ އޮފީހުން ވަނީ ފިރިހެން ކުއްޖާގެ ލޭ ޓޮކްސިކޮލޮޖިކަލް އެނަލިސިސްއަށް ނަގާފައިއެވެ. އެއީ ބަޑިޖެހި ވަގުތު ބަނގުރާ، މަސްތުވާތަކެތި ނުވަތަ އެހެން ސައިކޯއެކްޓިވް މާއްދާތަކެއްގެ ނުފޫޒުގައި ހުރިތޯ ބެލުމަށް ކަމަށް މައުލޫމާތުލިބެއެވެ.