މުއައްޒަފުން އިތުރުވީ ރަނގަޅަށް ހިދުމަތް ދިނުމަށް: ސައީދު

ފެނަކައިން މުވައްޒަފުން އިތުރުކުރީ ރަށްރަށުގައި ހިންގި މަޝްރޫއުތައް ނިމި، އެ ތަންތަން ހިންގުމަށްކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވެފައިވަނީ ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބީ ރައީސްގެ އޮފީހުން ފެނަކައާ ގުޅޭގޮތުން އާންމުކުރި މައުލޫމާތުތަކަށް ރައްދުދެއްވަމުންނެވެ.
ހުސްވި ހަފްތާގައި އިންތިޤާލީ އޮފީހުގެ ތަރުޖަމާނު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވެފައިވާގޮތުން މިދިޔަ ފަސް އަހަރު ތެރޭ ފެނަކަ ކުންފުންޏަށް 5000 މުވައްޒަފުން ވަނީ އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގައި އެކަނިވެސް 747 މީހުން ފެނަކައަށް އިތުރުވެފައިވާ ކަމަށް އިންތިޤާލީ އޮފީހުން ހާމަކުރިއެވެ.
މިކަމަށް ރައްދުދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުޙައްމަދު ވިދާޅުވީ އެކުންފުނީގެ މުވައްޒަފުންގެ އަދަދު އިތުރުވެގެންދިޔައީ ރަށްރަށުގައި ހިންގި މަޝްރޫއުތައް ނިމި، އެ ތަންތަން ހިންގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދޭންޖެހުމުންކަމަށެވެ. އަދި އެވަޒީފާތައް ދީފައިވާނީ ސިޔާސީ އެއްވެސް ބޭނުމެއް ހާސިލު ކުރުމުގެ މަގްސަދެއްގައި ނޫންކަމަށް ސައީދު ވިދާޅުވިއެވެ.
"ގާނޫނުން ލާޒިމް ކުރާ ގޮތުން ވެސް އަދި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވެސް ނަގަންޖެހޭ މުވައްޒަފުން އެ ޕީރިއަޑުގައި ނަގާނެ. އެއްވެސް ހާލެއްގައި އެއީ ސިޔާސީ ބޭނުމަކަށްޓަކައި ނަގައިފައި ތިބި މުވައްޒަފުންނެއް ނޫން. އިއްތިފާގަކަށް ވެދާނެ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި ދައުރުގައި ފެނަކައާއި ގުޅޭ ގޮތުން ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުކުރެވިފައި ނުވާ ކަމަށާއި ދެން ވެސް އެފަދަ ކަމެއް ސާބިތު ނުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.