މުއިއްޒު އަޒުލްކޮށް ނަޝީދު ވެރިކަމަށް

އިތުބާރު ނެތްކަމުގެ މައްސަލަ ނަގުވާ ސައްހަ ރައީސެއްގެ ގޮތުގައި އިންނަވާނީ ނަޝީދު

މުއިއްޒު އަޒުލްކޮށް ނަޝީދު ވެރިކަމަށް

ގަދަފައި ވިއްދަވައިގެން ޑރ. މުއިއްޒު ރިޔާސީ ހުވާކުރައްވާ މަޖިލީހުގެ ރިޔާސަތުގައި ކުރީގެ ރައީސް ނަޝީދު ކޮންމެހެން އިންނަވަން އުޅުއްވުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. މަޖިލީހުގެ ރައީސްކަމުގައި އެވަގުތަކު ހުންނަވާ ބޭފުޅަކު އެޖަލްސާގެ ރިޔާސަތުގައި އިންނެވުމުން އައު ރައީސް ކުރައްވާ ހުވާ ސައްހަވާނެއެވެ. ރާއްޖޭގެ ރައީސްކަން ކުރެއްވުމާ ހަވާލުވެ ވަޑައިގަންނަވާ ބޭފުޅުން ރައީސްކަމުގެ ހުވާ ކުރައްވަން ޖެހި ވަޑައިގަންނަވަނީ ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަވާ ޖަލްސާއެއްގައި އެމަނިކުފާނުގެ ކުރިފުޅު މަތީގައި ކަމަކަށް ނޯވެއެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީސްގެ ރައީސްކަމަކީ ހަމައެކަނި ރައީސް ނަޝީދަށް ހާއްސަކުރެވިފައި އޮތް ކަމެއް ކަމަށް ބަޔާން ވެފައެއް ނެތެވެ.

އެހެން ނަމަވެސް އެވަރަކުން އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވަން  އެ އުޅުއްވަނީ ސަމާސާއަކަށް ނޫނެވެ. އެކަމުގެ ފަހަތުގައި ވަރަށް ބޮޑެތި ސިއްރުތަކެއް އެބަ އޮތެވެ. ވާން މި އުޅެނީ ކީއްކަން ވިސްނާ ފިކުރުކުރާ ބަޔަކަށް ފަހުމްވުން ގާތެވެ. ރައީސް ނަޝީދުގެ އަމަލުފުޅުތަކާއި ބަސްފުޅުތަކާއި ވިސްނުން ގެންގުޅުއްވާ ގޮތަށް ނަޒަރު ހިންގާލައިފިނަމަ ބޮޑު މަންޒަރު ސާފުވާނެއެވެ. 

ރައީސް ނަޝީދަކީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް ވެރިކަން ނޫން އެހެން ކަމެއް ބޭނުންފުޅު ބޭފުޅެއް ނޫނެވެ. ނަޝީދު ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ވެރިކަމަށް ވަޑައިގެންނެވެން އެވަގުތަކަށް އޮތްކަމަށް ފެނިވަޑައިގަންނަވާ އެންމެ ފަހި ގޮތަކަށެވެ. ރައްޔިތުންގެ ވޯޓަކުން ރާއްޖޭގެ ވެރިކަން ދެން ނަޝީދަށް ނުހޯއްދެވޭނެ ކަން އެމަނިކުފާނު  ދެނެވަޑައިގަންނަވައެވެ. ބަރުލަމާނީގެ ވާހަކަ ހުއްޓަވާ ނުލައްވާ ދައްކަވަނީ ވެސް ބޮޑުވަޒީރު ކަމުގެ ހުވަފެންފުޅުގައެވެ. 

މިހާތަނަށް ކުރެއްވި އެއްވެސް ކަމަކުން ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނެ ގޮތަކަށް ކަން ފައްސެއް ނުވިއެވެ. އިންތިހާބަކުން ރައީސްކަން ލިބިވަޑައިގަންނަވާކަށް ވެސް ނެތެވެ. ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ނުލެއްވިގެން ބޮޑު ވަޒީރުކަން ކުރެއްވޭކަށް ނެތެވެ. އެކަމަކު ވަގުތީ ގޮތުން ރައީސްކަން ލިބިވަޑައިގަންނަވާ ހަނި މަގެއް ނަޝީދަށް ފެނި ވަޑައިގަންނަވައެވެ. އެމަގު ހޯއްދެވެން އޮތީ މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެންނެވެ. 

ހެދުނު އެއްޗެއް ހައްދަވައިގެން އިތުބާރު ނެތްކަމުގެ ވޯޓު ނެގިޔަނުދެއްވާ ހިފަހައްޓަވާނެއެވެ. އެކަމަކު ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅުވާނެއެވެ. އޭގެފަހުން ޖަލްސާ ކުރިއަށް ގެންދެވޭނެ ހުރިހާ މަގެއް އެކި ހުއްޖަތް ހޯއްދަވައިގެން ބަންދު ކުރައްވާނެއެވެ. 17 ނޮވެންބަރ ގައި އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާ ބޭއްވޭއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރު އޮންނާނީ މަޖިލީހުގެ ތަޅުމަށް ހުށައެޅި ގޮތް ނުނިމިއެވެ. ހުވާ ކުރައްވާ މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ އިތުބާރުނެތް ކަމަށް ހުށަހެޅިފައިވާ ރައީސެވެ. 

އިންތިހާބީ ރައީސް ހުވާކުރާ ޖަލްސާ ސައްހަ ވާނެކަމަށް ސްޕްރީމް ކޯޓުން ނިންމި ހާލަތަކީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް މަޖިލީހުގެ ތަޅުމަށް  ހުށަހެޅިފައި ނެތް ހާލަތެއްގައެވެ. އިންތިހާބީ ރައީސް ހުވާ ކުރައްވާއިރު މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިންނަވާނީ އެހާލަތުގައި ރިޔާސަތުގައި އިނދެވިގެން ނުވާނެ ރައީސެއްކަން އެނގިވަޑައިގެން ހުންނަވާ ގަސްދުގައެވެ. ގާނޫނީ މައްސަލަ ގަނޑެއްގެ ތެރެއަށް އެކަން ވައްޓަވާލެއްވުމުގެ ބޭނުމުގައެވެ. 

އިންތިހާބީ ރައީސް 17 ނޮވެންބަރގައި ހުވާ ކުރެއްވުމުން ރައީސް ނަޝީދަށް ކުޅިފަސް ލިބިވަޑައިގަންނަވާތަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވައެވެ. އެމްޑީޕީގެ އާއްމު މެންބަރުކަން ފިޔަވާ އިސް ލީޑަރުކަމާއި އެމްޑީޕީގެ ހުރިހާ ބާރަކާއި ހައިސިއްޔަތެއް ރައީސް ސޯލިހަށް ގެއްލި ވަޑައިގަންނަވާނެއެވެ. ރައީސް ސޯލިހަށް އެމްޑީޕީގެ ލީޑަރޝިޕް ގެއްލި ވަޑައިގަތުމާއެކު ރައީސް ނަޝީދު އެމްޑީޕީއަށް ސޮއިކުރައްވާ އެމްޑީޕީއާ އަލުން ގުޅި ވަޑައިގަންނަވާނެއެވެ. ރައީސް ނަޝީދު އެމްޑީޕިޢާ ގުޅިވަޑައިގަތުމާއެކު ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުކަން އޮޓަމެޓިކުން ލިބިވަޑައިގަންނަވާނެއެވެ. އެއާއެކު ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ލިބި ވަޑައިގަންނަވާނެއެވެ. އޭރުން އެމްޑީޕީގެ ލީޑަރޝިޕްގެ އެންމެ ފުނަށް ރައީސް ނަޝީދަށް ވެންނެވުނީއެވެ. ހަމަ އެންމެ ސޮޔެއް ކޮށްލައްވައިގެނެވެ. އެ ހިސާބުން މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގުވާ ރަނގަޅު ސައްހަ ރައީސެއްގެ ގޮތުގައި މަޖިލީހުގައި އިންނެވޭނެއެވެ. 

އެމްޑީޕީގައި އިސްލީޑަރ ނެތުމާ ރައީސްއާއި ނައިބު ރައީސް މަގާމު ހުސްކޮށް އޮތުމުން އެމްޑީޕީގެ ރައީސްކަމަށް އެނބުރި ވަޑައިގަތުމަކީ ރައީސް ނަޝީދަށް ދަތިފުޅު ކަމަކަށް އޭރަކުން ނުވާނެއެވެ. ދަ ޑިމޮކްރެޓްސްގެ އިސް މަގާމަކަށް ވާދަ ކުރައްވަން ނޫޅުއްވާ އެ ހުންނަވަނީ އެ ދުވަހަށަޓަކައެވެ. 

ރައީސް މުއިއްޒު ރައީސް ކަމާ ހަވާލުވެ ވަޑައިގެން ކެބިނެޓް އެކުލަވާލާ ކެބިނެޓަށް ރުހުން ދޭ ހިސާބަށް ދާންވާއިރަށް ނަޝީދު އެމްޑީޕީއަށް ވަންނަވާ އިތުބާރު ނެތްކަމުގެ ގަރާރު އަނބުރާ ގެންދަވާ ނިންމެވުމަކީ އަމާޒެވެ. ކަންކަން އެހާ ހިސާބަށް ދާއިރު ޕިޕީއެމް-ޕީއެންސީގެ މަޖިލިސް މެންބަރުންގެތެރެއިން ހައެއްކަ މެންބަރުން މުއިއްޒުގެ ކެބިނެޓްގައި ހިމެނި ވަޑައިގަތުމުން މަޖިލީހުގައި ޕީޕީއެމް - ޕީއެންސީގެ އަޑު އޮންނާނީ މުޅިން ކެނޑިފައެވެ. މަޖިލީހުގައި އޮންނާނީ އެމްޑީޕީއާއި ދަ ޑިމޮކްރޭޓްގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕެކެވެ. 

އެމްޑީޕީއާއި ދަ ޑިމޮކްރޭޓްސްގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން އަމާޒު ހިފާނީ ގައިރު ގާނޫނީ ޖަލްސާއެއްގައި ހުވާކުރައްވައިގެން ހުންނެވި ރައީސަކަށްވާތީ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގާ ރައީސް މުއިއްޒާއި ހުސައިން މުހައްމަދު ލަތީފް އަޒުލްކޮށް މަޖިލިސްގެ ރައީސް ނަޝީދު ވެރިކަމާ ހަވާލުވުމަށެވެ.