19ވަނަ މަޖިލީހުގެ އުމުރުހަމަވާނީ ރައީސަކަށް ނަޝީދު ހުރެ!

ގާނޫނާ ހިލާފަށް އަމަލު ކުރުމުގެ ނަތީޖާއަކީ އިތުބާރުގެ މައްސަލަ ނުނިމުން

19ވަނަ މަޖިލީހުގެ އުމުރުހަމަވާނީ ރައީސަކަށް ނަޝީދު ހުރެ!

ތެދެކެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުނު ކަމަށްވާނީ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅުމުންނެވެ. އެހެން ކަމުން އިތުބާރުނެތް ކަމުގެ ގަރާރެއް މަޖިލީހުގެ އިދާރާއަށް ލިބުމުން ހިންގާ ނިންމަން ޖެހޭ އިޖުރާތުތައް ހިންގާ ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މަޖިލީހުން ނިންމަން ޖެހޭ އެހެން ކަންކަން ނިންމުމަކަށް އެއްވެސް ހުރަހެއް ނެތެވެ. ސްޕްރީމް ކޯޓުން ބުނެފައި އެ އޮތީވެސް އެ ވާހަކައެވެ.

މަޖިލީހުގެ ރައީސް ކަމުގައި ހުރި ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމަށް ހުށަހެޅިތާ 3 ދުވަހަށް ފަހު 14 ދުވަހުގެ ނޯޓިސް އޮތީ ދީފައެވެ. ނޯޓިސް މުއްދަތު ހަމަވެ ޖެހިގެން އައި ރަސްމީ ބަންދު ނޫން ދުވަހު ޖަލްސާއެއް ބާއްވާ އިތުބާރުގެ މައްސަލައަށް ގޮތެއް ނިންމުން މަޖިލީހަށް ލާޒިމެވެ. ވަކިމީހަކު ރިޔާސަތުގައި ނެތިގެން އެކަން ނުކޮށް ބޭއްވެން ނެތްކަމަށް ހެދި ހެދުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށްވެ ނިމިއްޖެއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާ ގަރާރު މަޖިލީހުގެ އިދާރާއަށް ލިބޭތާ ރަސްމީ ބަންދު ނޫން 18 ދުވަސް ހަމަވާ ދުވަހު އެކަމަށް ގޮތެއް ނިމިފައި އޮތުން ގާނޫނު އަސާސީ ލާޒިމު ކުރެއެވެ. އެއީ ނޯޓިސް ދޭން 3 ދުވަހާއި، ނޯޓިސްގެ މުއްދަތުގެ 14 ދުވަހާއި ޖަލްސާ ބާއްވާ ގަރާރު ހުށަހަޅާ ގޮތް ނިންމާ ދުވަހާއެކު ބަންދު ދުވަސްތައް ނުލާ ގުޅި ލާމެހިގެން މެދުކެނޑުމެއް ނެތި އަންނަ 18 ދުވަހެވެ. 

ނޯޓިހަށް 14 ދުވަސް ހަމަކޮށް އެންމެ ކުރިން އޮންނަ ރަސްމީ ބަންދު ނޫން ދުވަހު ކޮށް ނިންމަން އޮތްކަމެއް ކޮށް ނިންމި ނަމަ ބަޖެޓްގެ މައްސަލައެއް އިންތިހާބީ ރައީސްގެ ހުވާގެ މައްސަލައެއް އަދި އެނޫންވެސް ބޮޑުކަމެއް ކުރިމައްޗެއް ނުވާނެއެވެ. ވަކިތަރުތީބަކުން ކޮށް ނިންމަން އޮތްކަމެއް ނުކޮށް އޮވެގެން މައްސަލަތަކެއް ދިމާވެ އެކަންކަމާ ހަވާލާދީ ސްޕްރީމް ކޯޓުން ވަކި ގޮތަކަށް ހުކުމެއް ކުރާކަށް ނުޖެހުނީހެވެ. ސްޕްރީމް ކޯޓުގެ ހުކުމް ނެރެވުނަސް ހަގީގީ މައްސަލައަށް ފަރުވާއެއް ނުލިބެއެވެ. މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ނުނިންމާ ގާނޫނާ ހިލާފަށް އަމަލު ކުރުމުގެ ނަތީޖާއަކީ އަދި އަދަށްވެސް މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ނުނިމިއޮތުމެވެ.

ސްޕްރީމް ކޯޓު މެދުވެރިކޮށް ރިޔާސަތު ބަލަހައްޓާނެ ގޮތް ކަނޑައެޅިއްޖެއެވެ. އެހެނަސް މައްސަލައަށް ހައްލެއްނެތެވެ. ގާނޫނާ ހިލާފަށް އަމަލުކޮށްގެން މައްސަލަ ފަސްވެ ލަސްވެފާ ވިޔަސް އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށްގެން ރިޔާސަތުގައި އިންނަން ޖެހޭ މީހަކު އިނދެގެން ޖަލްސާ ފެށިދާނެއެވެ. މަޖިލީހުގެ ޖަލްސާއަށް އިތުބާރު ނެތްކަމުގެ ގަރާރު ހުށަހެޅިދާނެއެވެ. އިތުބާރު ނެތް މައްސަލައަށް ގޮތެއް ނުނިންމޭނެއެވެ. 

ނަޝީދުގެ އިތުބާރު ނެތް މައްސަލައަށް ގޮތް ނުނިންމޭނެ މައިގަނޑު ދެސަބަބެއް ކުރިމަތި ކުރުވާނެއެވެ. އެއް ސަބަބަކީ މަޖީލިހުގެ ރައީސް ޖަވާބުދާރީ ވުމަށާއި ދިފާއުވުމަށް ދޭފުރުސަތުގެ ބޭނުން ކުރުމަށް ޖަލްސާއަށް ހާޒިރުނުވެ ސަލާން ބުނުމެވެ. ގަސްތުގައި ފުރުސަތު ދޫކޮށްލާކަމަށް ނުހަދާ ބަލިހާލު ބޮޑުކަމުން މަޖިލީހަށް ހާޒިރު ނުވެވުމެވެ. މަގްބުލޫ ސަބަބަކާ ހުރެ ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ އިތުބާރު ނެތް މައްސަލައަށް ގޮތް ނުނިންމޭނެ ކަމަށްވެ ގޮތް ނުނިންމިގެން ދާނީއެވެ. 

ދެވަނަ ސަބަބަކީ ގަސްދުގައި ޖަލްސާގެ ނިޒާމު ގެއްލުވާލާ ޖަލްސާ ކުރިއަށް ނުގެންދެވުނީ ކަމަށް ހަދައިގެން ޖަލްސާ ހުއްޓާލުމެވެ. މިގޮތަށް ނިޒާމް ގެއްލުވާލާނީ ރިޔާސަތާ ގުޅިގެން ނަޝީދުގެ ވަފާތެރިންނެވެ. މިގޮތްގޮތަށް އެކިފަހަރު އެކި ގޮތަށް އަމަލުކޮށްގެން ގޮތް ނުނިންމާ ދަންމަލާނީ އިންތިހާބީ ރައީސް ހުވާކުރުމާ ހަމައަށް އެކަންޏެއް ނޫނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވަންދެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އޮންނާނީ ހުއްޓިފައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައަ ގުޅިގެން 9 ނޮވެމްބަރ 2023 ގައި ފައިސަލާ ކުރި ސްޕްރީމް ކޯޓްގެ ހުކުމުން ބާރު ލިބިގެން މަޖިލީހުގެ އެހެން ކަންކަން ބަރާބަރަށް ހިންގަމުން ދާނެއެވެ.