ޕީޕީއެމުން އަފްރާޝީމަށް ދިންކެހި ރިޒާއަށް ދޭނެ!

ޕީޕީއެމުން އަފްރާޝީމަށް ދިންކެހި ރިޒާއަށް ދޭނެ!

ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާހީމް ރިޒާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

މަރުހޫމް ރިޒާއަކީ މަޑުމައިތިރި ކެއްތެރި ހިތްހެޔޮ ބޭފުޅެކެވެ. ގަބޫލު ކުރައްވާ ސިޔާސީ ފިކުރާހެދި ޕްރޮފެޝަނާއި މަގާމް ކޮމްޕްރަމައިޒް ކުރެއްވި ބޭފުޅެއްނޫނެވެ. ހަގީގީ ޑިމޮކްރޭޓެކެވެ.

ޕީޕީއެމްގައި ހުންނެވިޔަސް ލޯޔަރ ރިޒާ ބަޅުރުކުގެ އަޅަކަށް ވެވަޑައި ނުގަންނަވައެވެ. މަޖިލިސް މެންބަރ ރިޒާގެ ވަކިވެވަޑައި ގަތުމަކީ ގެއްލުމެކެވެ. އެކަމާ މެދު ހިތާމަ ކުރުން ހައްގު ވަކިވެ ވަޑައިގަތުމެކެވެ.

ވަކިވެދިޔަ އިއްޒަތްތެރި މެންބަރ ރިޒާގެ ހަނދާނުގައި ހިތާމަ ފާޅުކޮށް ތައުބީނުގެ ޖަލްސާ ބާއްވާ ރިޒާގެ ޝަރަފުގައި ދާއިރާގެ މަޖިލިސް ޓިކެޓް މަރުހޫމް ރިޒާގެ ކޮއްކޯފުޅަށް ޕީޕީއެމުން އެރުވުމަކީ އިހުލާސްތެރިކަން އޭގައި އޮތްނަމަ ކިތަންމެހާވެސް ރަނގަޅުކަމެކެވެ. އެހެނަސް ގުރައިދޫ ދައިރާގެ ޓިކެޓް ރިޒާގެ ކޮއްކޯފުޅަށް ޕީޕީއެމުން އެރުވުމުން ކައިރި މާޒީގެ ހިތި ހަނދާނެއް ކެކިއަރައިގެންފިއެވެ. 

ޕީޕީއެމްގައި ދެވަނައެއް ނެތް ޑރ. އަފްރާޝީމް އަލީގެ ހަނދާނެވެ. އަފްރާޝީމް ވަކިވެ ވަޑައިގަތުމުން ޕީޕީއެމުން ނުކުރަނީ ކީއްހެއްޔެވެ. އަފްރާޝީމްގެ ހަނދާނުގައި ކުރި ހުރިހާ ކަމަކީވެސް އެ މަނިކުފާނުގެ ނިސްބަތުގައި ހައްގު ކަންކަމެވެ. އަފްރާޝީމަށްޓަކައި ޕީޕީއެމުން ކުރި އެންމެ މުހިންމު އެއްކަމަކީ އަފްރާޝީމްގެ ކޮއްކޯފުޅު އިބްރާހީމް އަމީނަށް ދާއިރާގެ ޓިކެޓް ދީގެން ހަމްދަރުދީގެ ވޯޓުން ރައްޔިތުންގެ މަޖިލިސްގެ މެންބަރު ކަމަށް އަފްރާޝީމްގެ ކޮއްކޯފުޅު އިބްރާހީމް އަމީން ހޮވުމެވެ.

އިބްރާހީމް އަމީން މަޖިލީހަށް ހޮވިވަޑައިގަތީ މެންބަރު ކަމަށް ކުރިމަތިލުމުގެ ގާނޫނީ ހުރިހާ އުންސުރެއް ހަމަވެގެން ކުށެއް ބުށެއް ނެތިއެވެ. ރެކޯޑްތައް ވަރަށް ސާފުކޮށް އޮވެގެންނެވެ. ދާއިރާގެ ލޯތްބައި ހަމްދަރުދީއާއި އެކުގައެވެ. 

ޑރ. ވަހީދުގެ ބަގަވީ ވެރިކަން ނިމި ރައީސް ޔާމީނުގެ ވެރިކަން ފެށުނު އިރުވެސް އުގޫފާރު ދައިރާގެ އިއްޒަތްތެރި މެންބަރަކީ އަފްރާޝީމްގެ ކޮއްކޯފުޅު އިބްރާހީމް އަމީނެވެ. ޕީޕީއެމްގެ އަރާ ބާރު އޮވެ ވެރިކަމުގެ ކުރީކޮޅު އެންމެ ފުރަތަމަވެސް ޔާމީނު ހަމަލާ ދިނީ އަފްރާޝީމްގެ ކޮއްކޮ އުގޫފާރު ދައިރާގެ މެންބަރު އަމީނަށެވެ. މެންބަރ އިބްރާހީމް އަމީނަށް މަޖިލިސް ގޮނޑިގެއްލުވާލުމަށްވުރެ އިސް އެއްވެސް އެހެންކަމެއް ރައީސް ޔާމީނުގެ ނެތެވެ. މެންބަރ ކަމުގެ މަގާމުގައި ހުންނަވައިގެން އަމީނު ކުރެއްވި ކުޑަވެސް ކުށެއްނެތިއެވެ. "ކުޑައިރު ގުއިކެއުން" ކަހަލަ މައްސަލައެއް ހޯދައިގެން ފްރޭމްކޮށްގެން މެންބަރު އަމީންގެ މައްޗަށް ހިޔާނާތުގެ ކުށެއް ސާބިތު ކުރުވީ ދައުރު ފުރިހަމަ ނުވަނީހެވެ. ރަހުމެއް ކުލުނެއް ނެތި މަޖިލިސް ގޮނޑި ގެއްލުވާލާ މެންބަރ އަމީނުގެ މުޅިހަޔާތް ޕީޕީއެމުން ބަނގުރޫޓް ކޮށްލީއެވެ. ޑރ. އަފްރާޝީމް ނެތުމުގެ ހިތާމައިގައި ތިބި އެ އާއިލާ މެންބަރު އަމީނަށް ދިން ވޭން ދެނިވި އަނިޔާއިން އިތުރަށް ބިކަކޮށްލީއެވެ.

 މެންބަރ ރިޒާގެ ޝަރަފުގައި ކަމަށް ބުނެ ލަވަކިޔާފައި ޕީޕީއެމުން މެންބަރު ރިޒާގެ ކޮއްކޯފުޅު އުސްތާޒު ހުސައިން ރިޒާއަށް ޓިކެޓް ދީފިއެވެ. ކުރިން ޑރ. އަފްރާޝީމްގެ އާއިލާއަށް ދިންކެހި ޕީޕީއެމުން މިފަހަރު އުސްތާޒް ރިޒާގެ އާއިލާއަށް ނުދީފިއްޔާ ރަނގަޅެވެ. އެދުވަހަކުން ލޮލުން ފެންނުހިކޭނެ ކިތަންމެ ބަޔަކު ތިބޭނެއެވެ. 

ސިޔާސީ މަންފައަށްޓަކާ ޕީޕީއެމުން ކުރިން ގުރުބާން ކުރީ މެންބަރު އަމީނެވެ. މި ފަހަރު ކަތިލެވޭ ކަންބަޅިޔަކީ ލޯޔަރ ހުސައިން ރިޒާއަށް ނުވުމަށް ވުރެ ވުން ކައިރިއެވެ. ހަމަތެދެކެވެ. ވަކި ވަރަކަށް ވުރެ ބަޅުރުކަކުން ތެދު ގުޅިއެއް ހޯދަން ވަކަރަށް ޖަހާނީ މޮޔައެކެވެ.