އިބޫ ނޫން ގޮތެއް ހޯދައިގެން ކަނީ ރާކަނިމަސް!
މާލޭގެ 9000 އާއިލާ ހިޔާވަހިކަމުން މަހުރޫމްކޮށް ގިއްގަޅުވާލަނީ
ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާފައިވަނީ ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅާ އެކަނި ހެއްޔެވެ. ވެލިދޫ ބިންހިއްކާ ބަނދަރުހަދާ ނަރުދަމާއާއި ފެނާއި ކަރަންޓް ވިއުގަ ގާއިމު ކޮށްފައި އޮތީ ކޮންތާކުން ކާކު ނެރުނު ފައިސާއަކުން ހެއްޔެވެ. އެކަންކަން ކުރަން ފައިސާ ދިނީ މެންބަރު މުހައްމަދު އައްބާސްގެ މައިފުށު މުދަލުން ހެއްޔެވެ. މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް 9000 ގޯތި ދީގެން އެކަމާ ބަނޑު ނުބައިވެގެން މުހައްމަދެއް ކަމަކު އުޅޭނެ ކަމެއްނެތެވެ.
ދައުލަތުން ފައިސާ ހަރަދުކޮށްގެން ފުރަ މާލޭގެ ދެކުނު ފަރާތް ހިއްކާ ހިލޭ ގޯތިދީފައި އޮތީވެސް ވަކިބަޔަކަށެވެ. ރާއްޖޭގެ އެތައް ރަށެއް ޓެކްސް ފައިސާއިން ހިއްކާ އެތައް ބަޔަކަށް ގޯތި ދީފައި އެއޮތީ ހިލެއެވެ. ތުރާކުނުން އައްޑުއަށް ރާއްޖޭގެ ކަންކޮޅުތަކުން ޒަމާނުއްސުރެ ދިރިއުޅުމަށް ގޯތި ދޫކޮށްފައި އޮތީ ހިލެއެވެ. ގުދުރަތީ ގޮތުން އުފެދިފައި އޮތް ބިމަކަސް ހިއްކައިގެން އުފެއްދި ބިމަކަސް ބިން ވާނީ ބިމަށެވެ. ހުޅުމާލޭގެ ދެފޭހުން ދީފައިވާ މަދު ގޯއްޗެއް ފިޔަވާ ރާއްޖެގައި ގޯތި ދީފައި އެހުރީ ހިލެއެވެ.
މާލެ ސަރަހައްދުގެ ބިންތައް ރައްޔިތުންނަށް ނުދީ ބައްކޮށްގެން ސަރުކާރު ހިންގަން އެއިރަކު ތިބޭ ބަޔަކު ދައުލަތް ދަވާލަން އޮތް ވަސީލަތަކަށް މާލެ ސަރަހައްދުގެ ބިންތައް ހަދަން ނޫޅޭށެވެ. ވެލިދޫ މީހުނަށް ވެލިދޫން ހިލޭ ދިރިއުޅެން ބިން ދެންޏާ މާލޭ މީހުނަށް މާލެ ސަރަހައްދުން ބިން ހިލޭ ނުދެވެން ޖެހޭ އެއްވެސް ސަބަބެއްނެތެވެ.
ދިރިއުޅެން ހިލޭ ބިން ނުދެންޏާ ނުދޭންވީ މާލެ ސަރަހައްދުން އެކަންޏެއް ނޫނެވެ. މުޅި ރާއްޖެއިންނެވެ. މިހާރު ދިރެއުޅެން ދޫކޮށްފައިވާ ހުރިހާ ބަންޑާރަ ގޯއްޗެއްވެސް ޖެހޭނީ ގަނެގެން އަމިއްލަ ކުރާށެވެ. ބިން ގަނެ އަމިއްލަ ކޮށްފައިނުވާ ކޮންމެ ބިމަކުންވެސް ދައުލަތަށް މާރކެޓް ރޭޓުން އަގު ލިބެން ޖެހޭނެއެވެ. ކޮންމެ ހަކުރު އަޑުބައެއްގައިވެސް ދެކޮޅު އޮންނާނެއެވެ.
މާލެ ސަރަައްދުން ގޯތި ދިނުމުން އެޗްޑީސީއަށް ބިލިޔަނުން ގެއްލުންވެއޭ ބުނާއިރު އެޗްޑީސީއަކީ ކޮންތަނެއް ހެއްޔެވެ. ހައުސިންގ ޑިވްލޮޕްމަންޓަށް އުފައްދާފައި އޮތް ދައުލަތުގެ ކުންފުންޏެކެވެ. އެޗްޑީސީގެ އިހުތިސާސު ހަނިކޮށް ފުޅާކުރުމުގެ ހުރިހާ ބާރެއް އޮތީވެސް ދައުލަތަށެވެ. އެޗްޑީސީގެ ފައިދާއާއި ގެއްލުމުގެ ސައްތައިން ސައްތަ ހިއްސާ ކުރަނީ ސަރުކާރެވެ. އެހެން ކަމުން ސަރުކާރުގެ ނިންމުންތަކަށް ތަބާވެ އެގޮތަކަށް އަމަލު ކުރުމަކީ އެޗްޑީސީގެ ޒިންމާއެކެވެ. އެހެނީ އެޗްޑީސީގެ ހުރިހާ ދަރަންޏަކާއި ގެއްލުމެއްގެ ޒިންމާ ސަރުކާރުގައި އޮތުމެވެ. އެޗްޑީސީއަކީ ޕަބްލިކް ކުންފުންޏެއްވެސް ނޫނެވެ. އެހެން ކަމުން އެޗްޑީސީއަށް ގެއްލުން ވަނީއޭ ކިޔައިގެން ވާހަކަ ދައްކާކަށް ޖަގައެއް ނެތެވެ.
އަނެއްކޮޅުން ހުޅުމާލެ ސަރަހައްދުން މާލޭ މީހުނަށް ގޯތިދޭން ނަގާ ބިމުގެ ބަދަލުގައި އެޗްޑީސީ ތަރައްގީކޮށް ވިޔާފަރި ކުރުމަށް ބޮޑު ދެފަޅު ދީފައިވެއެވެ. އެކަމަކީ އެބުނާ ގެއްލުން ފޫބެއްދުމަށް ދީފައިވާ އިނާޔަތެވެ. މާލެ ސަރަހައްދު ގޯތި ދިނުމާ ދެކޮޅަށް މުއިއްޒު ސަރުކާރުން ފަތުރާ ޕްރޮޕަގެންޑާގައި އެ ދެފަޅު ދީފައި އޮތް ވާހަކައެއް ނުދައްކައެވެ.
އެކިފަހަރު އެކި ހުއްޖަތާއި ބަހަނާ ދައްކައިގެން މުއިއްޒު ކުރާން އުޅޭހާވެސް ކަމަކީ މާލޭ މީހުނަށް އިބޫ ސަރުކާރުން ދީފައިވާ ގޯތިތައް ހަވާލު ނުކޮށް އެބިންތަކުން ވިޔަފާރި ކުރުމެވެ. މާލޭގެ 9000 އާއިލާ ހިޔާވަހިކަމުން މަހުރޫމްކޮށް ގިއްގަޅުވާލުމެވެ. އިބޫ ލައްވާ ގޯތި ހޯދައިގެން މުއިއްޒު ލައްވާ ގެއަޅުވަން އިބޫ ނޫން ގޮތެއް ހޯދި މީހުނަށް މިހާރު ތިބޭނީ ރާކަނިމަސް ކެވިފައެވެ.