މަޖިލިސް ކުރިއަށް ދާނީ ދަ ޑިމޮކްރެޓްސް އުފެދުމުން

ނަޝީދު ރިޔާސަތުން މައިނޯ ރިޓީ ލީޑަރކަމަށް

މަޖިލިސް ކުރިއަށް ދާނީ ދަ ޑިމޮކްރެޓްސް އުފެދުމުން

ދަ ޑިމޮކްރެޓްސް ނުއުފެއްދެނީސް މަޖިލިސް ހިންގާލައިފިނަމަ

  • ރައީސް ނަޝީދު އިންނާނީ މޮސްޓާ ނަޝީދާ އެއް ދަރަޖައިގަައި
  • ރެޓްސް ތިބޭނީ އަމިއްލަ މެންބަރުންގެ ގޮތުގައި
  • ބަހުސުގައި ލިބޭނީ ކުޑަވަގުތު ކޮޅެއް

ދަ ޑިމޮކްރޭޓްސް ރަޖިސްޓްރީ ކުރެވެންދެން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް އެކުލަވާ ލިޔަކަ ނުދޭނެއެވެ. މަޖިލީހުގެ ރައީސް ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުގައި ނެގޭނީވެސް ދަ ޑިމޮކްރެޓްސް ރަޖިސްޓްރީވުމުންނެވެ. ދަ ޑިމޮކްރެޓްސް އުފެއްދެން ދެން ދައުރުން ބޭރުން ވިޔަސް ދައުރުން އެތެރޭން ވިޔަސް ޖަލްސާއެއް ބާއްވާ މަޖިލީހުން ކަމެއް ނިންމުމަކީ ލާހިކު ކުޅަދާނަ ކަމެއް ނޫނެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ ދިނުމަށް އެދުމުން އަމާކީތީ ފަރަށް ދާހެން މަޖިލިސްގައި ކަމަކަށް ކަމެއް މިއަދުވެސް ކޮށްލީއެވެ. ނަމެއްގައި ޖަލްސާއެއް ބާއްވާ ކަމެއް ނުނިންމާ ޖަލްސާ ނިންމާލީއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެމްޑީޕީން ވަކިވެފައި ވާތީ މަޖިލިސް ތަމްސީލު ކުރާ ޕާޓީތަކުގެ ނިސްބަތަށް ބަދަލު އަންނާނެ ކަމަށް ބުނެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ދައުރުން ބޭރުން ބޭއްވި ޖަލްސާ ނިންމާލުމުން މަޖިލީހުގައި ކަމެއް ހިންގިޔަ ނުދޭން ރިޔާސަތުން ބޭނުން ވާވަރު ނިކަން ރަނގަޅަށް އެބަ ފެނޭ ނޫން ހެއްޔެވެ. 

މަޖިލީހުގައި މަރުތަޅު އެޅި، ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ މުހިންމު މަސައްކަތް ތަކެއް ނުނިންމާ ފުނިޖެހިފައި ހުއްޓައެވެ. މަޖިލީހުގެ ދައުރު ނިންމާލާފައި ވަނީ ކޮމިޓީތައް އެކުލެވިގެންވާ ގޮތާ ބެހޭ ގޮތުން ވަކި ގޮތެއް ނުނިންމާ ކަމުން ދައުރުން ބޭރުން ޖަލްސާ ބާއްވާ ދިނުމަށް އެމްޑީޕީ ޕީޖީ ލީޑަރު އެދިވަޑައިގަތުމުން އޮންނަ އުސޫލުން ޖަލްސާއެއް ބާއްވާލީއެވެ. ދާއިމީ ކޮމިޓީތައް އެކުލަވައިލުމާއި މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމާއި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އޮތްތާ އޮތީއެވެ. އެއިން ކަމެއް ނިންމޭނެ މަގެއް ނުދެއްކިއެވެ. އެއް ދުވަހުވެސް ރިޔާސަތުގައި ރެޓުން ބަގުޑި ބެއްދޭތޯ ކުރާ މަސައްކަތަށް މިއަދު ވެސް ބޮޅެއް އިތުރުކޮށް ލީއެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް މިއަދަށް ތާވަލުކޮށް އެޖެންޑާކޮށްފައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށެވެ. ރައީސް ނަޝީދާއި ޗެކްމާކް ރަޝީދު ހުސްވި މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެފައި ވާތީ މަޖިލީހުގައި ޕާޓީތައް ތަމްސީލުވާ ނިސްބަތަށް ބަދަލު އަންނަކަމަށް ބުނެ މަސައްކަތް ހުއްޓާލީ މިހާރު ނޫނީ މެންބަރުން ޕާޓީ ބަދަލު ނުކުރާތީ އައުކަމަކަށް ވެގެން ހެއްޔެވެ. ނޫނެކެވެ. މަޖިލީހުގައި އެމްޑީޕީ ތަމްސީލުވާ ނިސްބަތަށް ބަދަލު އަންނާނެތީ، ދާއިމީ ކޮމިޓީތައް އެކުލަވާލަން މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެންނަންޖެހެންޏާ އެ ބަދަލެއް ގެނައުމާ ބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ނުކޮށް އޮތީ މިއަދުގެ ޖަލްސާ ހުއްޓުވާލުމުގެ ބޭނުން ރިޔާސަތަށް ބޮޑުކަމުންނެވެ. ގަސްދުގައި އެ ކަންކަން ފަސް ޖައްސަފައި އޮތް ސަބަބަކީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރެވެން ދެން ލަސްކުރުމެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކުރެވެނީސް ކޮމެޓީތައް އެކުލަވާ ލެވިއްޖެ ނަމަ ރެޓުން ތިބޭނީ އަމިއްލަ މެންބަރުންގެ ގޮތުގައެވެ. ބަހުސުގެ ވަގުތުގައި ލިބޭނީ މަދު ވަގުތު ކޮޅެކެވެ. ރައީސް ނަޝީދު އިންނާނީ މޮސްޓާ ނަޝީދާ އެއް ދަރަޖައިގައެވެ. ރެޓުންނަށް އެއިއްޔަކީ ހަޖަމު ކުރެވޭނެ ކަންކަމެއް ނޫނެވެ. 

ރައީސް ނަޝީދު ރިޔާސަތުން ތިރި ގޮނޑިއަށް ވެއްޓޭއިރު ވެސް ވެއްޓެން ބޭނުން ވަނީ މައިނޯރިޓީ ލީޑަރުގެ ގޮނޑިއަށެވެ. އެކަން ވާން އޮތީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ވަންދެން މަޖިލިސް ކުރިއަށް ނުގެންގޮސް ދިގު ދަންމައިގެންނެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ވުމުން ރެޓުންނަށް ބަހުސުން ވަގުތު ލިބޭނެއެވެ. މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވާނެއެވެ. ޕީޕީއެމްގެ މައްޗަށް ދަ ޑިމޮކްރެޓްސް ކުރިހޯދާ ޕީޕީޕއެމްގައި އޮތް މެޖޯރިޓީ ލީޑަރުކަން ނަޝީދު ހޯދުމަކީ މަޖިލިސް ނުހިންގާ ލަސްކުރުމުގެ އެއްބޭނުމެވެ.