މައުރޫފް ޒާކިރު: ވައުދު ފުއްދުމުގައި ނަމޫނާ މެންބަރ

ކެންދޫ ދާއިރާގައި ރަށުޕާލަމެންޓާއި ކޮމިއުނިޓީ ފަންޑެއް

މައުރޫފް ޒާކިރު: ވައުދު ފުއްދުމުގައި ނަމޫނާ މެންބަރ

ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް މައުރޫފް ޒާކިރަކީ ތަފާތު ބޭފުޅެކެވެ. ބަހާއި އަމަލު ދިމާވާ ބޭފުޅެކެވެ. ކުރައްވާ ކަމެއްގެ ނަތިޖާ ހާސިލު ކުރެއްވުމަށް ގަދައަޅާ މަސައްކަތް ކުރައްވާ ބޭފުޅެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވެ ވަޑައިގަތުމަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށްވުރެ އިސް އެއްވެސް ކަމެއް މައުރޫފް ޒާކިރަކަށް މިހާރަކު ނުވެއެވެ. ވައުދު ފުއްދެވުމުގެ މަސައްކަތްޕުޅު މިހާރުވެސް މެކުހަށް ޖައްސަވައިފިއެވެ. 

މައުރޫފް މަޖްލިސް އިންތިހާބުގެ ކެމްޕެއިންގައި ވެވަޑައިގެން ވައުދުތަކާއި، މެންބަރެއްގެ ހައިސިއްޔަތުން ކުރައްވަމުންދާ ކަންކަމާއި، ކުރައްވަންޖެހޭ ކަންކަމާއި، ރައްޔިތުން ދެކޭ ގޮތް ދެނެވަޑައިގަނެ ވައުދުތައް ފުއްދެވުމަށް ކުރައްވަންހުރި ކަންކަމާގުޅޭ ގޮތުން 2 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

މަސައްކަތު ބައްދަލުވުން އޮތީ ކެމެޕޭން ޓީމްތަކާއި ދާއިރާ ރަށްރަށުގެ ކައުންސިލް މެންބަރުންނާއި އެކުގައެވެ. ވަކި ރަށަކަށް އިސްކަން ނުދެއްވުމުގެ ސިޔާސަތުގެ ދަށުން މަސައްކަތު ބައްދަލުވުން އޮތީ ކެންދޫ ދާއިރާގައި ނުހިމެނޭ ރަށެއް ކަމުގައިވާ ބ. މާޅޮހުގެ ހިތްގައިމު މާހައުލުގައެވެ. މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެދެއްވި ބޭފުޅުންނަށް މައުރޫފް ވަރަށް ބޮޑަށްޝުކުރު އަދާކުރައްވައެވެ. 

ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އޮނަރަބަލް މައުރޫފް ޒާކިރު ބޭއްވެވި ދާއިރާ މަސައްކަތު ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މައިގަނޑު 3 ކަމެއްގެ މައްޗަށެވެ. އެ ކަންކަމަކީ ކެންޕޭން ވައުދުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ތިން ކަމެކެވެ.

  • ރަށު ޕާލަމެންޓް

ރަށު ޕާލަމެންޓަކީ މައުރޫފްގެ އެންމެ ބޮޑު އެއްވައުދެވެ. މަސައްކަތު ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ރަށު ޕާލަމެންޓް އޮންނާނެ ގޮތާއި، ރަށު ޕާލަމެންޓް ތަމްސީލް ކުރާ މީހުން އެކަށައަޅާނެ ގޮތާއި، ރަށު ޕާލަމެންޓްގެ މަސައްކަތް ތަރުތީބުކޮށް ނަތީޖާ ހާސިލް ކުރާނެ ގޮތްތަކުގެ މައްޗަށެވެ. 

  • ކޮމިއުނިޓީ ފަންޑް

ކޮމިއުނިޓީ ފަންޑަކީ މައުރޫފްގެ ބޮޑެތި ވައުދުތަކުން އެއް ވައުދެވެ. މަސައްކަތު ބައްދަލުވުމުގައި ކޮމިއުނިޓީ ފަންޑާބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. ކޮމިއުނިޓީ ފަންޑް އެކުލަވާލާނެގޮތާއި، ފައިސާ ހޯދާ ފަންޑް ދަމަހައްޓާނެ ގޮތާއި، ފަންޑުން އެހީތެރިވެދޭނެ ދާއިރާތަކާއި، ގޮތްތައް މަސައްކަތު ބައްދަލުވުމުގައި ނިންމުނެވެ. 

  • މެންބަރު ބައިވެރިވާ ރައްޔިތުންގެ ބައްދަލުވުން

ދައިރާގެ މެންބަރު ބައިވެރިވެ ވަޑައިގަންނަވާ ރައްޔިތުންގެ ބައްދަލުވުން ތަކެއް ބޭއްވުމަކީވެސް މައުރޫފުގެ ވައުދެކެވެ. މަސައްކަތު ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ރައްޔިތުންގެ އެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި، ރައްޔިތުންނާއި ގާތުން މެންބަރަށް މަސައްކަތް ކުރެއްވޭނެ ގޮތްތަކާ މެދުގައެވެ. 

ރައްޔިތުންގެ މަޖިލިސްގެ މެންބަރާއި ދާއިރާގެ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުގައި ނަމޫނާ ދާއިރާއަކަށް ކެންދޫ ދާއިރާ ހެދުމަށް މެންބަރ މައުރޫފާއި ދާއިރާ ރައްޔިތުން ތިބީ އަތުގުޅާލައިގެންނެވެ.