ގާސިމް ހުވާކުރާގޮތަށް ހުންނާނީ މުލިއާގޭ ބަގީޗާއަށް ފެންދޭން
ގާސިމްގެ މުއްސަދިކަމާއި ބާރުވެރިކަން ގުރުބާން ކޮށްދޭންވީ ނަޝީދު ބާރުވެރިކުރަން
ގާސިމު އަތުގައި ހުރިއްޔާ ހުރި ފައިސާއެއް ހޭދަކޮށްގެން ކުރަން އޮތްހާވެސް ކަމަކީ ރިޔާސީ އިންތިހާބު ފިކުރެއްގެ ދިރުމަށް ކާމިޔާބު ކޮށް ދިނުމެވެ. ފިކުރެއްގެ ދިރުމުގެ ކޮތަރު ސަރުކާރުގެ ރައީސް އަކީ ގާސިމް އިބްރާހީމެވެ. އެސަރުކާރުގައި ގާސިމަކަށް އެހެން އެއްޗެއް ނެެތެވެ.
ގާސިމު ފަކީރު ރައީސް ކަމަށް އިންތިހާބު ވުމާއެކު ހުވާވެސް ނުކޮށް ޖެހެނީ ނަޝީދަށް ބޮޑުވަޒީރުކަން ދޭށެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަޝީދާ އެއްކޮޅަށް ފޮރޮޅާލަދޭށެވެ. މަޖިލިހުން ނިންމައިގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް ދައުލަތް ހިންގުމުގެ ނިޒާމު ބަދަލުކޮށް ދޭށެވެ. އޮތް މަޖިލީހުގެ މެންބަރުންގެ އުމުރު ދިގުކޮށް މެންބަރުންނަށް ވަޒީރުކަމުގެ ހުވަފެން ދައްކައިގެން ބަރުލަމާނީ ވެރިކަމަކަށް ވެރިކަމުގެ ނިޒާމް ބަދަލުކޮށްދޭށެވެ. ކޫރުމެއްވެސް އަޅުވާނުލާ ނަޝީދު ބަހައްޓައިގެން މިހުރީ ހައްތަހާވެސް ގާސިމް ނަޝީދަށް ކޮށްދޭންޖެހޭ ކަންކަމެވެ.
ފިކުރެއްގެ ދިރުން ސަރުކާރުގެ ރައީސަކީ މާބަރުގަދަ ރައީސެކޯލައެވެ. މަޖިލީހުގެ ވަކިވަރެއްގެ ތާއީދު ލިބިގެން އެ ރައީސަށް މަޖިލިސް އުވާލެވެ ޔޯލައެވެ. މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ބަޔަކު އައްޔަނުކުރުމުގެ ބާރު ރައީސަށް އޮންނާނެ ޔޯލައެވެ. ރައީސް އައްޔަނު ކުރިޔަސް ވަޒީރުން ތިބޭނީ ބޮޑުވަޒީރުގެ އަޅުކުދިން ގޮތުގައެވެ. ރައީސަށް ދައުލަތް ހިންގުމުގައި ބާރު އޮންނަނީ މޮހަނަށް ދޯނި ދޭ އުސޫލުންނެވެ. ދައުލަތް ހިންގާނީ ބޮޑުވަޒީރު ނަޝީދެވެ.
ވާނީ އެހެންތާއެވެ. ދިވެހި ރައްޔިތުން ތިބީ ނަޝީދަށް ބޮޑުވަޒީރުކަން ނުދެވިގެން ކެތްމަދުވެފައެވެ. ނަޝީދަށް ދައުލަތް ހިންގުމުގެ ބާރު ނެތިއްޔާ ދިވެހި ދައުލަތެއް ނުއޮންނާނެއެވެ. ގާސިމް އިބުރާހީމްގެ މުއްސަދިކަމާއި ސިޔާސީ ބާރުވެރިކަން ގުރުބާން ކޮށްދޭންވީ ނަޝީދަށް ބާރުވެރިކަން ހޯދާދޭށެވެ. ޖީޓީ މަނިކަށް ޖެހުނު ހާލު ގާސިމަށް ޖައްސަން ނަދުރު ގަނެގެން ހުރި ނަޝީދު މި ފަހަރު އަމާޒު ހިފަފާ އެހުރީ ކަޅުއޮށު ބަނޑުދަށު ބޮޑުވާ ކޮރަކަލީގެ އުސޫލަށެވެ.
2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ހުވާކުރުމުގެ ކުރިން ނިޒާމު ފޮރޮޅާލާ ރައީސް ކަމަށް ހުވާކުރާ ގޮތަށް ގާސިމަށް އޮތީ މުލިޔާގޭ ބަގީޗާއަށް ފެންދޭން ހޮޅި ހިފައިގެން ހުރުމެވެ. އެންމެފަހުން އަަތަށް އަސާގަނޑެއް ދީފާ ސައްޕުޖަހާ މިސްކިތު ދާލައަށް ފޮނުވާ ނުލައިފިއްޔާ ރަނގަޅެވެ.