ޑްރާމާ ހުއްޓާލަން ތައްޔާރު: ނަތަންޔާހޫ
ބޭނުންވަނީ އިޒްރޭލާއި ސައުދީ އަރަބިއްޔާއާ ދެމެދުވެވޭ ސުލްހައިގެ އެއްބަސްވުމެއް
އިސްލާމީ ދައުލަތުގެ ބާރުކަނޑުވާލުމަށް އިޔަހޫދި އައު ހުށަހެޅުމެއް އަނެއްކާވެސް ހުށަހަޅައިފިއެވެ. ސަލާމްލެއްވި އިބްރާހީމް ނަންފުޅުގައި ހީލަތުގެ އަނެއް ޒައިތޫނި ފަތްކޯޅި ދިއްކޮށްލީއެވެ. ސުލްހަޔާއި އަމާންކަމާއި ތަނަވަސްކަމާއި ކުރިއެރުމުގެ ނަމުގައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުކުރު ދުވަހު އދ ގައި ވާހަކަ ދައްކަމުން އިއުލާން ކުރިގޮތުގައި އިސްރާއީލުން "ޑްރާމާ ކުޅުން ހުއްޓާލާ" ސުލްހަ ވުމަށް އޮތީ ތައްޔާރަށެވެ. ނަތަންޔާހޫ ގެ ހުށަހެޅުމަކީ އޭނާގެ ގައުމާއި ސައުދީ އަރަބިއްޔާއާ ދެމެދު ތާރީހީ ސުލްހައިގެ އެއްބަސްވުމަކަށް ދިޔުމެވެ.
އޭނާ ފާހަގަކުރި ގޮތުގައި އެބުނާ އެއްބަސްވުމަކީ ޔަހޫދީ ދީންނާއި އިސްލާމުންނާ ދެމެދު ވެވޭ އެއްބަސްވުމެކެވެ. ގުދުސް އާއި މައްކާއާ ދެމެދުވެވެވޭ އެއްބަސްވުމެކެވެ. ސަލާމްލެއްވި އިސްހާގުގެފާނު ދަރިކޮޅުގެ މީހުންނާއި ސަލާމްލެއްވި އިސްމާއީލުގެފާނު ދަރިކޮޅުގެ މީހުންނާއި ދެމެދު ފުޅާ ދާއިރާގައި ސުލްހަ ގާއިމް ކުރުމަށް ހިތްވަރު ލިބޭނެ އެއްބަސްވުމެކެވެ. ނަތަންޔާހޫ އެ ބުނާ އެއްބަސވުމަކީ "އިބްރާހީމީ އެއްބަސްވުން" ނަމަކަށް ކިޔާ އެއްބަސް ވުމެކެވެ.
ނަތަންޔާހޫ ބުނާގޮތުން ސައޫދީ އަރަބިޔާއާއިއެކު ވެވޭ މިފަދަ ސުލްހައަކުން އަރަބި އިސްރާއީލުގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެއެވެ. އިސްރާއީލާއެކު އާންމު ގުޅުމެއް ދެމެހެއްޓުމަށް އެހެން އަރަބި ގައުމުތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އޭނާ ދެކެއެވެ.
ފަލަސްތީނާއި އެކު ހަގީގީ ސުލްހަ ގާއިމު ވެގެން ދާނީ އިސްރާއީލާއި ސައުދީ އަރަބިއްޔާއާ ދެމެދު ސުލްހަ ގާއިމްވުމުން ކަމަށް ނަތަންޔާހޫދެކެއެވެ. އަރަބި ދުނިޔެއާއި އެކު އިޒްރޭލުން ސުލްހަ ގާއިމުވެ ސުލްހައިގެ ދައުރު ފުޅާވަމުންދާ ވަރަކަށް އެންމެ ފަހުން ފަލަސްތީނު މީހުންނާ އެކު "ހަގީގީ ސުލްހަ" ގެ މަގެއް ހޯދިދާނެ ކަމަށް ނަތަންޔާހޫ ބުނެއެވެ.
އެހެން ނަމަވެސް ޔަހޫދީންނާ ދެކޮޅު ބިރުވެރި ރޭވުންތައް ފެތުރުން ހުއްޓުވާލަން ފަލަސްތީނުގެ ލީޑަރު މަހްމޫދު އައްބާސަށް ޖެހޭނެ ކަމަށް ނަތަންޔާހޫ އިންޒާރުކުރިއެވެ. ފަލަސްތީނުގެ އޮތޯރިޓީން މުޖާހިދުންނަށް ތާއީދުކޮށް ބާރުވެރިކުރުން ހުއްޓާލަން ޖެހޭނެ ކަމަށް ނަތަންޔާހޫ ބުނެއެވެ. އެއް ޒަމާނެއްގައި ކޯޅުންތަކާއި ހަލަބޮލި ތަންތަނުގެ ގޮތުގައި ލިޔެފައިވާ ބިންތަކަކީ ތަނަވަސްކަމާއި ސުލްހަވެރިކަމުގެ ދާއިރާތަކަށް ބަދަލުކުރާ ނިއުމަތުގެ އާ މެދުއިރުމައްޗެއްގެ ގެނެސްދިނުމަށް އަރަބިވެރިންނަށް ނަތަންޔާހޫ ގޮވާލިއެވެ