މުއިއްޒު ހިތުން އެންމެންނަކީ ކަނު، ބީރު، މަންމަނުން!

މުއިއްޒުގެ ފިޔަވަޅު އެޅުންގަނޑު ކިހާ ރީތި

މުއިއްޒު ހިތުން އެންމެންނަކީ ކަނު، ބީރު، މަންމަނުން!

ނުހިނގާ ކަމަކަށް ހަދަން ކިތަންމެ ވަރަކަށް އުޅުނަސް އިންޑިއާ އައުޓް ކުރަން މުއިއްޒު ނޫޅޭ ކަމަކަށް ނުވާނެއެވެ. ހުދު މުއިއްޒު އިންޑިއާއަށް ފުރައްސާރަ ނުކުރާ ކަމަކަށް ނުހެދޭނެއެވެ. މުއިއްޒުގެ ސިޔާސީ މުސާރަވެރިންނާއި ސަޕޯޓަރުން ލައްވާ ބޮޑުވަޒީރު މޯދީއާއި އިންޑިއާއަށް ފުރައްސާރަ ނުކުރާ ކަމަކަށް ނުވާނެއެވެ. އިންޑިއާއަށް ބަރޯސާނުވާން އިންޑިއާ ނޫން ގޮތެއް ހޯދަން ނޫޅޭކަމަކަށް ނުހެދޭނެއެވެ. 

މުޅި ދުނިޔޭން އޮތީ އެމަންޒަރު ބަލާށެވެ. އިންޑިއާއަށް ފުރައްސާރަކުރުމުގެ ގޮތުންނާއި އިންޑިއާ އާއި ދެކޮޅަށް ދެއްކިހާ ވާހަކައާއި ކުރިހާ ކަންކަން ރެކޯޑް ވެފައި ހުރީ އެއްފަހަރަކު ދެފަހަރަކު އެއްތާކު ދެތާކު ނޫނެވެ. ކިތަންމެ ވަރަކަށް މަތި އޮމާންކޮށް ނުހިނގާ ކަމަކަށް ހަދަން އުޅުނަސް ހަގީގަތް ބަދަލެއް ނުވާނެއެވެ.

ކުރެވުނު ކަންތަކާ ދެރަވެ ލަދުގަނެ ގޮތްދޫކޮށް މާފަށް އެދުމުގެ ބަދަލުގައި އަދިވެސް މުއިއްޒު ދައްކަނީ މަވެތިކަމެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޑެޕިއުޓީ މިނިސްޓަރުންތަކެއް މަލާމާތް ކުރީ މުއިއްޒު ބޭނުން ވެގެންނެވެ. ޑެޕިއުޓީ މިނިސްޓަރުން ތަކެއް އިންޑިއާއަށް ހުއްޓާނުލާ ފުރައްސާރަ ކުރިއިރު ރައީސް މުއިއްޒު އެކަމަށް ދިނީ ހިތްވަރެވެ. މުޅި އިންޑިއާގައި އެއްވާނަކަށް ދިވެހިރާއްޖެ ބޯއިކޮޓްކޮށް ފިއްތާލުމުން ގަންނާ ކުރެއްވި ބިރުން ތިން ޑެޕިއުޓީން މުސާރައާއިއެކު ސަސްޕެންޑް ކުރިކުރުމަކީ އެމީހުން ކުށްވެރިކޮށް ފިޔަވަޅުއެޅުމޭ މުއިއްޒު ބުނީމާ މުޅި ދުނިޔެ ޕަކަޕަކައަޅާ ހޭނެކަމެއް މަރުމޯލަކަށް ނޭގެއެވެ. 

އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި އެތިބީ ވާނުވާ ނޭނގޭ ގަމާރުންނޭ މުއިއްޒަށް ހީވަނީ ހެއްޔެވެ. ބޮޑުވަޒީރު މޯދީއަށް ޑެޕިއުޓީ މިނިސްޓަރުން ރައްދު ކުރި ފަދަ އެއްވެސް ބަހެއް، އެއްވެސް މީހަކަށް ރައްދު ކުރުމަކީ ގޯހެއްކަން މުއިއްޒަށް އެނގުނީ އަދި ކިރިޔާހެއްޔެވެ. އަމިއްލައަށާއި ތިމާ ވަޒީފާދީގެން އުޅޭ މީހުންނާއި ތާއިދު ކުރާ މީހުން އެއްވާނަކަށް ހެއްދެވިހާ ކުނިފުޅައެއް ގޮވާފާ "އެ ބާވަތުގެ އެއްޗެއް އެއްވެސް މީހަކު ބުނެގެން ނުވާނެ." ކަމަށް ބުނަން މުއިއްޒަށް ކެރުނުކަމެވެ. އަނެއްކޮޅުން "އަޅުގަނޑު ހަމަ ގައިމު ވެސް އެކަމަށް ފިޔަވަޅު އެޅިން. އެއްވެސް މީހަކާ ދިމާލަށް އެގޮތަށް އެއްޗެހި ބުނުން އަޅުގަނޑު ބަލައެއްނުގަންނާނަން. އެއީ ލީޑަރެއް އަދި އާދައިގެ މީހެއް ކަމަށް ވިޔަސް. ކޮންމެ އިންސާނަކީ ވެސް އަބުރުވެރި މީހެއް،" ކަމަށް މުއިއްޒު ދުނިޔޭގެ ކުރިމަތީގައި ބުނާނީ ހާދަ ލަދުހަޔާތް ކުޑަވީމައެވެ.  

މުއިއްޒު އެބުނާ ފިޔަވަޅު އެޅުމަކީ މުސާރަ ހިނގާ ސަންޕެންޝަނުގައި ތިބި ޝިއުނާއާއި މަލްޝާ ކައިރީގައި ބުނެގެން 09 މަސް ފަހުން ތިބި މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ކުރިއަށްވުރެ ބޮޑު މުސާރައާއި އިނާޔަތް ލިބޭ ވަޒީފާއެއް ސަރުކާރުން ދިނުމެވެ. މުއިއްޒުގެ ފިޔަވަޅު އެޅުންގަނޑު ކިހާ ރީތިހެއްޔެވެ. މުއިއްޒު ހީކުރާގޮތުގައި އެންމެންނަކީ މުއިއްޒު ހަދާ ހީލަތާއި ދޮގާ މަކަރާ ނޭގޭހާ ކަނު ބީރު މަންމަނުންނެވެ.