ފައިސާއާއި ނުފޫޒުގާ ނުޖެހި އެމްޑީޕީއަށް އެތައްހާސް ވޯޓެއް!
އެމްޑީޕީ ރޫޅުނީއެއް ނޫން! ދަ ޑިމޮކްރޭޓްސް މޫނުއެޅީ!
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އޮތް ބޮޑު މެޖޯރިޓީ ގެއްލުމަކީ އެމްޑީޕީ ނެތި ދިއުމެއް ނޫނެވެ. އެމްޑީޕީގެ ސިޔާސީ ހަކަތަ ހުސްވުމެއްވެސް ނޫނެވެ. އެމްޑީޕީ ރޫޅުމެއްވެސް ނޫނެވެ.
ނިމިދިޔަ އިންތިހާބުގައި އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ނުލިބުނެއް ކަމަކު އެމްޑީޕީއަށް މުޅި ރާއްޖޭން ލިބުނު ވޯޓު މަދެއްނޫނެވެ. ސަރުކާރެއްގެ އާރާބަރުގައި ވަޒީފާތަކާއި ފައިސާ ބަންޑެލިތައް ހަޔާތެއްނެތި އޮހެމުން ދިޔައިރު އޭގައި ނުޖެހި އެމްޑީޕީއަށް ގިނަ އަދަދަކަށް ބަޔަކު ވޯޓު ދިނީ އެމްޑީޕީ ރޫޅާ ނުލެވޭތީއެވެ. މެންބަރުން އިންތިހާބުކުރި 93 ދާއިރާގެތެރެއިން މަދު ދާއިރާއެއް ފިޔަވާ ގިނަ ދައިރާތަކުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ އެމްޑީޕީއަށެވެ. ދާއިރާތަކުގެ ގޮނޑި ކާމިޔާބު ކުރި މީހުން ގޮނޑި ކާމިޔަބުކޮށްފައި ހުރީ ބޮޑު ފަރަގަކުން ނޫނެވެ. 100 ވޯޓަށްވުރެ ބޮޑު ފަރަގަކުން ގޮނޑި ލިބިފައިވަނީ މަދު ބަޔަކަށެވެ.
އެންމެ ގިނަ ވޯޓު ލިބޭ މީހަކަށް ގޮނޑި ލިބޭ އިންތިހާބެއްގައި އެންމެ ވޯޓަކުން ތަފާތުވެގެންވެސް ގޮނޑިއަކަށް މީހަކު އިންތިހާބު ވެދާނެއެވެ. އެއްޔަކީ ބަލިވާ ކެންޑިޑޭޓަށް ތާއީދު ނެތުމެއް ނޫނެވެ. މަޖިލީހުގެ ގިނަ ގޮނޑި ޕާޓީއަކުން ކާމިޔާބު ކުރުމާ ރައްޔިތުންގެ ތާއީދަކާ ގުޅުމެއް ނޯވެއެވެ.
ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނީ އެމްޑީޕީއަށް 67 ގޮނޑި ކާމިޔާބު ކޮށްގެން ސްޕަރމެޖޯރިޓީންނެވެ. އެމްޑީޕީއަށް އެހުރިހާ ގޮނޑި ލިބުނުއިރު އެމްޑީޕީގެ ޓިކެޓްގައި ނިކުތް ހުރިހާ ކެންޑިޑޭޓުންނަށް މުޅި ރާއްޖޭން ވޯޓުލީ މީހުންގެ %50 ނުލިބެއެވެ. އެހެނަސް ދައިރާތަކުގެ ވޯޓުތައް ބެހިގެން ދިޔަލެއް ބޮޑުކަމުން ކުޑަ ތަފާތަކުން އެމްޑީޕީއަށް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ލިބުނީއެވެ. ނިމި ދިޔަ އިންތިހާބުން ވެސް ފެންނާނީ އެ ހަގީގަތެވެ.
ނިމިދިޔަ އިންތިހާބުން ފެނިގެން ދިޔަ އެންމެ ބޮޑު ހަގީގަތަކީ އެމްޑީޕީ ރޫޅާލަން ނިކުތް ފިކުރެއްގެ ދިރުން މަރުވެ މޫނުއެޅުމެވެ. ރައީސް ނަޝީދާއި އޭނާގެ އައުވާނުން ސިޔާސީ ދަނޑުން ބޭރުވެ ދަ ޑިމޮކްރެޓްސް އޮޔާ ދިޔުމެވެ. މަޝްހޫރު އިންތިއާއި އީވާއާއި އަލީ އާޒިމާއި ހަސަން ލަތީފާއި ބޮންޑޭ ހުތުރު ބައްޔަކުން ބަލިވުމެވެ. އެއިން މީހަކަށް އެމީހުންގެ ދައިރާތަކުގައި ރޭހުން ދެވަނައަށް ވެސް ނާދެވުމެވެ. 37 ގޮނޑިއަށް ދަ ޑިމޮކްރެޓްސް ވާދަކޮށް އެންމެ ގޮނޑިއެއްހާ ހިސާބުވެސް ނުލިބި ބޮލާފޮށާ އެޅުމެވެ.