އަމީރު ސައީދަށް: ގަބުކައިފަ ތިބުމަކީ އެހެން މީހުން ޒިންމާ ނަގަންޖެހޭ ކަމެއްނޫން

އަމީރު ސައީދަށް: ގަބުކައިފަ ތިބުމަކީ އެހެން މީހުން ޒިންމާ ނަގަންޖެހޭ ކަމެއްނޫން

އިގުތިސޯދީ ވަޒީރު ކަމުގައިހުރެ އަނގައޮތީމަ ހިތައް އެރިހާ އެއްޗެއް ތުރާކުނު ސައީދު ކިޔަކަސް ހަގީގަތް ބަދަލެއް ނުވާނެއެވެ. ރައީސް ޔާމީނު ވެރިކަން ނިމުނުއިރު ތިޔަ ބުނާވަރަށް މިލިޔަން މިލިޔަން ޑޮލަރު ދައުލަތުގައި ހުރިނަމަ އެތައް މިލިޔަން ޑޮލަރެއްގެ ސަނީ ސައިޑް ބޮންޑް ދައްކަން ލޯނު ނަގާކަށް ރައީސް ސޯލިހަކަށް ނުޖެހުނީހެވެ. 

ސައީދު ބުނާހާ ގިނަ އަދަދަކަށް ދައުލަތުގެ ޖަމާގައި ހުރިނަމަ މުޅި ދުނިޔޭގެ ބޯޑަރު ބަންދުވެފައި އޮތް ކޮވިޑްގެ ހާލަތުގައި ބޭރުން ލޯނާއި އެހީ ހޯދައިގެން ދައުލަތް މެނޭޖް ކުރާކަށް ވެސް ނުޖެހުނީހެވެ. ޔާމީނު ވެރިކަން ސައީދު މެން ނިންމާލީ ދައުލަތް ދަވާލާ ކައި ހުސްކޮށް އެތައް ބިލިޔަނަކުން ގައުމު ދަރުވާ ލާފައެވެ. 

އެހެނެއް ކަމަކު ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވާހެން އޭރު ދިމާވި ހާލަތުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކާމިޔާބުކަމާއެކު ރައީސް ސޯލިހު ސަރުކާރުން ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔެ ހުއްޓިފައި ދެއަހަރެއްހާ ދުވަހު އޮތުމުން ފަތުރުވެރިކަން މުޅިންހެން ހުއްޓި އެކީ އެކައްޗަކަށް ދައުލަތަށް އާމްދަނީ ލިބުން ހުއްޓިފައި އޮތަސް ރައްޔިތުންނަށް ދަތިކަމެއް އިހުސާސްވިޔަނުދީ މި ދިޔަ ސަރުކާރުގައި ވާނީ ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހާފައެވެ.

2023-2021 މުޅި ދުނިޔޭގައި ވެސް އެވްރެޖްކޮށް އެންމެ ބާރަށް ކުރިއަރައިދިޔަ އެއް އިގްތިސާދަށް ރާއްޖެ ހަދައިފައިވާކަން ދުނިޔޭގެ މާލީ އިދާރާތަކުގެ ހިސާބުތަކުން އެއޮތީ ފެންނާށެވެ. ކޮންމެ އަނގައެއް ދިޔާކުރިޔަސް އެ ހަގީގަތެއް ސައީދަކަށްވެސް ބަދަލެއް ނުކުރެވޭނެއެވެ.

ރައީސް ސޯލިހުގެ ސަރުކާރު ބަދަލުވެގެން ވެރިކަމާ ހަވާލުވި މީހުން ކުރިއަށް ނެރުނީ މުޅިން ގޯސް ސިޔާސަތުތަކެއް ކަމަށް އަމީރު ވިދާޅުވެއެވެ. އަމީރު ވިދާޅުވާ ގޮތުން ސައީދު މެންނަކަށް އަޅަން ޖެހޭ ރަނގަޅު ފިޔަވަޅު އަޅާކަށް ނޭގުނެވެ. 

އަމީރު ވިދާޅުވާހެން ގަބު ކައިފަ ތިބުމަކީ އެހެން މީހުން އޭގެ ޒިންމާ ނަގަން ޖެހޭ ކަމެއް ނޫނެވެ. ކަންތައްތައް ރަނގަޅު ކުރަން ނޭގޭނަމަ، އިސްތިއުފާ ދީފަ ގެއަށް ކަނޑާލާށެވެ.