ރ.ބ.ގެ އެއްވެސް ރަށަކުން މިހާރު ތަރައްގީއެއް ނުފެނޭ: މޫކޭ
ރ.ބ ގެ 23 ރަށުން ކުރެ އެއްވެސް ރަށަކުން ތަރައްގީ ނުފެންނަކަމަށް އަލްއުސްތާޒު މޫސާ އަލި މަނިކު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި މޫކޭ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ވައުދުތަކުގެ އެއްވެސް ކަމެއް އެއްރަށެއްގައި ވެސް ނުހިނގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާއި ރައްޔިތުންގެ މަޖިސް އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ވާހަކަ ދައްކަވަމުން "ބޭސް ސިޓީ ހިފައިގެން ނިކުންނަ މީހާއަށް ބޭހެއް ނުފެނޭ. ގޭސްފުޅި ހިފައިގެން ނިކުންނަ މީހާއަށް ގޭހެއް ނުފެނޭ. ބަލިވީމާ ޑޮކްޓަރު ވެސް ގިނަ ރަށްރަށުގައި ނުފެނޭ" މޫކޭ ވިދާޅުވިއެވެ. ހަމައެހެން "ދައުލަތުން ދޭންޖެހޭ އެއްވެސް އަސާސީ ހިދުމަތެއް ދޭތަނެއް ނުފެނޭ. ހުރިހާ ހިދުމަތެއް ވަނީ ހުއްޓިފައި" ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.
ހުރިހާ މުއައްސަސާތަކެއް އަޅުވެތިކޮށްފައި ރައްޔިތުންލައްވާ ރައްޔިތުން އަޅުވެތިކުރަން ރައީސް މުއިއްޒު އުޅުއްވާ ކަމުގެ ތުހުމަތު ވެސް މުކޭ ވަނީ ކުރައްވާފައެވެ. މިހާ ތަނަށް މި ވެރިކަމުން ކޮށްފައިވާ ކަންކަމުގެ ގޮތުގައި މޫކޭ ފާހަގަކުރެއްވި ކަންކަމުގެ ވާހަކަވެސް މޫކޭ ހަނދާނަށް ގެންނެވިއެވެ.
ޕާޓީގެ ތެރެއިން ޕާޓީގެ ސެނެޓް ލައްވާ ޕީޕީއެމް ވުޖޫދުން ފުހެލި ކަމަށާއި ރައްޔިތުންގެ މަޖިލިސް މެންބަރުން ލައްވާ އެމީހުންގެ ފައިބަނދެ އަތްބަނދެ ދޫބަންދު ކޮށްފައި ވާކަމަށްވެސް މޫކޭ ވިދާޅުވިއެވެ. ޖުޑީޝަރީ ލައްވާ ހުރިހާ ކޯޓުތަކެއް އޮތީ ރަނގަޅަށް ތަޅު އަޅުވާލާފައި ކަމަށްވެސް މޫކޭ ވިދާޅުވިއެވެ.
އެންމެ ފަހުން ކައުންސިލްތައް ލައްވާ އެކި ކަހަލަ އެއްޗެހި ހައްދައިގެން އަތޮޅު ކައުންސިލްތައް އުވާލާ ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑުފުނޑު ކޮށްލުމަށް ފަހު މިހާރު މުއިއްޒަށް އަތްނުލެވި އޮތީ ހަމައެކަނި ރައްޔިތުން ކަމަށް މޫކޭ ވިދާޅުވިއެވެ.
މިހާރު ރައީސް މުއިއްޒު ކުރައްވަން އުޅޭކަމަކީ ރައްޔިތުން އަޅުވެތިކުރުމަށްޓަކާ ވަށާޖެހޭގޮތައް ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށް މޫކޭ ވިދާޅުވިއެވެ. މުއިއްޒު ހަރަދުކުޑަކުރުމުގެ ނަމުގައި ކުރައްވަން އުޅުއްވާ ކަމަކީ ދެޚެން އެއްކޭމަށް ހެއްދެވުން ކަމަށް ރަށްރަށު މީހުން ސިފަކުރާ ކަމަށް މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވި ގޮތުގައި މުއިއްޒު ކޮންމެ މަހަކު ޕީޖީ ގްރޫޕަށް 50000ރ ދިނުމަށް ދައުލަތުން ވަގަށް ނަގާ ލާރިކޮޅު ނުނެގިޔަސް ކިތަންމެ އިލެކްޝަނެއް ބޭއްވޭ ވަރުވާނެކަމަށް މޫކޭ ވިދާޅުވިއެވެ. ދިވެހި ދައުލަތުން އެންމެ ބޮޑަށް އިސްރާފުކުރާ ވެރިކަމަކީ މުއިއްޒުގެ ވެރިކަންކަމާއި ދިވެހި ދައުލަތުގެ ބަޖެޓް ހުސްކޮށްލަނީ ސިޔާސީ މުސާރަ ދޭންކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.




