ޕީއެންސީ-ޕީޕީއެމް: އެމްޑީޕީ ޑަސްބިން
ހަގީގީ ޕީޕީއެމް ސަޕޯޓަރުންގެ ހިތްކަޅުވވެ ޕީޕީއެމް ފިކުރު ކަފުން ކުރެވުން
އެމްޑީޕީން ދެމި ގުއި ރޯނުގައި މުއިއްޒު ޖެހުނު ވާހަކަ ކުރިންވެސް މިނޫހުގެ ލިޔުން ތެރިއަކު ވާނީ ބުނެފައެވެ. އެވާހަކަ މިއަދު އިތުރަށް ކަށަވަރު ވެއްޖެއެވެ. މުއިއްޒަށް ވެރިކަން ގެއްލިދާނެކަމުގެ ބިރު އޭނާ ގެންފައިހުރި ވަރު މާ ރަނގަޅަށް ވެސް މިއަދު ސާފު ވެއްޖެއެވެ.
ވެރިކަން ވައްޓާލަން ވިއްޔޭ މީހަކު ގޮވާލާ އިރަށް މުއިއްޒު މިހިރަ ގަންނަ ބިރެކެވެ. އައިން އައިނަށް ސިޔާސީ މަގާމުތައް ބަހަމުން މިދަނީވެސް އެކަމަކާހުރެއެވެ. މަޖިލީހުގެ ގަވައިދަކަށް ބަދަލެއް ގެނަޔަސް މުއިއްްޒަށް މި ހީވަނީ ވެރިކަން ވެއްޓެން އުޅޭ ހެންނެވެ. ހުންއައިސް ބިރުން ތުރުތުރު އަޅައެވެ، ބޮޑު ވިޔަފާރި ވެރިއަކު ނުނިޔަތް ލާފާނެތީވެސް ހުންނަނީ ބޮލުން ދުން އަރަ އަރައެވެ. އަލީ ރަމީޒު ޓްވީޓެއް ކޮށްލިޔަސް ގައިން ވާގި ދޫވެއެވެ. ރައީސް ޔާމީނު ބަސްފުޅެއް ވިދާޅުވާ އަޑު މީހަކަށް އިވިދާނެތީވެސް ހުންނަނީ ނޭވާ ހައްޓައް ނުފެތިފައެވެ. އަދުރޭ ފޫކަހާލާ ފާނެތީވެސް ގަންނަނީ އަމަށަކު ބިރެއްނޫނެވެ. ސާޖީ ފިއްތާލަފާނެތިވެސް ހުންނަނީ ސަހާދަތް ތަކުބީރު މަތީގައެވެ. ވާނީވެސް އެހެންތާއެވެ.
ތިމާގައި ކަމެއް ނެތްކަން އެންމެ ރަނގަޅަށް އެނގޭނީވެސް މުއިއްޒަށްތާއެވެ. ވެރިކަމަށް އާދެވުނީ ބޮޑު ފޮޓޯއަކާއި ހުސް ގޮނޑިއެއް ދައްކައިގެންކަން އިހުސާސް ވާނެއެވެ. ރަތް ޓީޝާޓްގެ ދެފަރާތުގައި އިންޑިއާ އައުޓް ޖަހައިެން އަޑުގެކޮޅަށް ހަޅޭލަމުން ގުންފައި ޖަހަމުން ދުވިޔަސް އިންޑިއާ އައުޓް ނުކުރެވޭނެކަން އެންމެ ރަނގަޅަށް އެގޭނީ މުއިއްޒަށެވެ. ކަނޑުވިއްކައިފިޔޭ ކިޔައިގެން ކިތަންމެ ފޮނެއް އެރުވިޔަސް އެކަމުގައި ބައިނަލްއަގުވަމީ ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ނެތްކަން އެންމެ ރަނގަޅަށް ސާފުވާނީ މުއިއްޒަށެވެ. ރައީސް ޔާމީނަށް ކޮށްގެން އުޅެނީ ހައްގު ހަލާލު ހުކުމެއްކަން މުއިއްޒަށް މާ ރަނގަޅަށް އެނގެއެވެ. އެކަމަކު ކުރާނެ ކަމެއް ނެތްތާއެވެ. ވޯޓް ލިބެން އޮތީ ނިތްކުރިއަށް ރުލެއްވެސް އަރުވާނުލާ ފުލުފުލުގައި އެ ބޮޑެތި ދޮގުތައް ހަދައިގެންނެވެ.
ކެންޕޭނަށް ފައިސާ ހޯދަން ފުންމާލެވުނު ޖީބުތައް އެނގޭނީވެސް މުއިއްޒަށް ނޫން ހެއްޔެވެ. އެމީހުން ނުރުހިއްޖެއްޔާ ހަތަރެސްކަން ހަމަކޮށްލާނެކަން އެގެނޭއެވެ. އަލީ ރަމީޒުމެން ކިތަންމެ ބޭނުން ވިޔަސް ކަންދަހާރަށް ރާއްޖެ ނުހެދޭނެކަން މުއިއްޒަށް އޭރުވެސް އެނގެއެވެ. ޅިޔަނުގެ ސަލަފު ޖަމިއްޔާ ނުރުހިއްޖެއްޔާ ވެރިކަމުގެ ވަސްވެސް ނުފެންނާނެކަން މުއިއްޒު ދެނެހުއްޓެވެ. އެހެނެކޭ ކިޔާ އެލްޖީބީޓީންނާ ވެސް ވަތްކަނޑަލައިފިއްޔާ ވާނެ ގޮތް މުއިއްޒަށް އެނގެއެވެ. ވަށައިގެން ބަނދެވި ތަޅުލެވިފައިވާ ޓްރާސްޕޭރެންޓް ބިއްލޫރި ކޮއްޓެއްގައި ވަދެހުރިކަން އެންމެނަށް ނޭނގުނަސް މުއިއްޒަށް ނޭނގިއެއް ނުހުންނާނެއެވެ.
ތަޅާފޮޅުމަކަށް ލޭއޮހޮރުވުމަކަށް ނުގޮސް މުއިއްޒު އަޒުލުކުރުމުގެ ބާރު އިދިކޮޅު އެމްޑީޕީއަށް އޮތް އޮތުމަކީ އެހެން ހުރިހާ ކަމަކަށްވުރެ މުއިއްޒު މޭބޮޑުވެ ރޭނިދި ނުނިދޭކަމެކެވެ. ގަވައިދަށް ގެނައި ބަދަލަކުން އަޒުލްކުރުމުގެ އިޖުރާތު ފަސޭހަ ވެގެން ދިޔުމަކީ މުއިއްޒު ފައި ދަށުން ބިންގަނޑު ކެހިގެން ދިޔުން ކަހަލަ ކަމަކަށް މުއިއްޒަށް ވިއެވެ. ގަވައިދަށް ބަދަލެއް ގެނަޔަސް އަޒުލު ކުރާކަށް އުޅެނީއެއް ނޫނެވެ.
ގަތްގަތް ބިރުން ހަދާނެ ނުހަދާނެއެއް ނޭނގިގެން މަޖިސް އުވާލަން ތެޅެގަތެވެ. އެއްޔަކީ ވާކަށް އޮތް ކަމެއް ނޫންކަމުން އަވަސްވެގަތީ އެމްޑީޕީގައި އޮތް މެޖޯރިޓީ ދުއްވާލާށެވެ. އެމްޑީޕީން ދެމިގުއި ރޯނުގައި ރަނގަޅަށް މުއިއްޒު ޖެހިއްޖެކަން ޔަގީން ވުމުން ބައެއްް މެންބަރުން ތިބީ ކުރުދޮށީގައެވެ. ފަސް އަހަރުން ނުލިބުނު މޮޅު ހޯދަން މުއިއްޒު ހުޅުވާލި ޓްރާންސްފަރ މާކެޓްގައި ގޮނޑި ބިޑަށް ލިއެވެ. ގަނޑުކޮށް ބޮޑުކޮށް އެމްޑީޕީން ބޮޑު ޕޯޝަނެއް ގަނެލިއެވެ.
އަނހާ! ސަހަރޯއެވެ. ބިޑުން 13 ގޮނޑި ގަނެގެން ގެންގޮސް އޮފުކޮށް އަތުރާލުމާއެކު އެ ލިބުނު ލަނޑެއްގެ ބޮޑުކަމާއެވެ. އަޒުލު ކުރުމުގެ ވިސްނުން އެމްޑީޕީން ނުގެންގުޅޭ ކަމަށް ބުނެ މުއިއްޒު ކުރި ބޮޑު ހޭދައަކީ އަގެއްނެތް ބޭކާރު ކަމަކަށް ހަދާލީއެވެ. ބޮޑު އަގު ދީގެން ނުވަގުތެއްގައި ދެތިން މަހަށް ދިމާ އިދިކޮޅު ފިކުރުގެ ބަޔަކު ޕްރޮގްރެސިވް ކޯލިޝަންގެ އިސްސަފުގައި އަތުރާލެވުނު މޮޔަހީވެ މޭނުބައި ކުރިއެވެ. ހަގީގީ ޕީޕީއެމް ފިކުރު އޮޔާ ދުއްވާލައި އަރާއިން އޮފި އަމިއްލައަތުން ކަނޑާ ވައްޓާލީއެވެ. ޕީއެންސީ-ޕީޕީއެމް ކޯލިޝަނަކީ އެމްޑީޕީގެ ޑަސްބިނަކަށް ބަދަލުކޮށް ލެވުނީއެވެ. ހަގީގީ ޕީޕީއެމް ސަޕޯޓަރުންގެ ހިތްކަޅުވީއެވެ. ޕީޕީއެމް ފިކުރު ކަފުން ކުރެވުނީއެވެ.