އެމްޑީޕީ ވެރިކަމުގައި ސައްލެ އިންދި ގަހުގެ މޭވާ ހޯރަފުއްޓަށް އޮހެނީ

މިފަހަރު ބޮޑު ތަފާތަކުން ސައްލޭ ހޮވާނަން: ހޯރަފުށި މީހާ

އެމްޑީޕީ ވެރިކަމުގައި ސައްލެ އިންދި ގަހުގެ މޭވާ ހޯރަފުއްޓަށް އޮހެނީ

ތަންކޮޅެއްދުރުން މިވާހަކަ ފަށާނަމެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ހިންގި ކޯހެެއްގެ ބައިވެރިންގެ ގޮތުން އަތޮޅުތެރޭގެ ކަމުވޮށި ވަރަށް ގިނަ ބަޔަކު އަޅުގަނޑާ ގާތެވެ. އޭގެ ގިނަ މީހުންނާ އެމީހުންގެ ގިނަ ދަރިންނަކީ އެމީހުން ފެތިހަރުވެފައިވާ ނިޒާމް ބަދަލު ކުރަން ނިކުތް ޕާޓީ ކަމުގައި ވާތީ އެމްޑީޕީއާ ދެކޮޅު މީހުންނެވެ.

ރަނގަޅަށް ވިސްނާލާއިރު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީއަކީ ޕާޓީ ނިޒާމަށް ރާއްޖެ ބަދަލު ކުރި އެމްޑީޕީ އެކަންޏެވެ. އެމްޑިޕީ އުފެދުމަށްފަހު ޕާޓީއެއްގެ ނަން ކިޔައިގެން ދެން އުޅޭ ކޮންމެ ބަޔަކީ އެމްޑީޕީއާ ދެކޮޅު މީހުންނެވެ. އެއްވެ އެއްވެފައި ރޫޅި ކުދިވެފައި އަލުން އެއްވިޔަސް އެމީހުންނަކީ އެމްޑީޕީއާ ދެކޮޅު މީހުންނެވެ.

ފުރަތަމަ ޑީއާރުޕީއެވެ. ދެން ޒައީމް ފެކްޝަނެވެ. ޕީއޭ ކިޔަސް ޕީއެންސީ ނުވަތަ ޕީޕީއެމް ކިޔަސް އެއީ މުޅިންވެސް އެމްޑީޕީ އާ ދެކޮޅު މީހުންނެވެ. ގެއްލި ދިޔަ ވެރިކަމުގެ ލައްޒަތު ހޯދަން އެކި ފަހަރު އެކިނަން ކިޔައިގެން ނުކުމެ އުޅެނީ އެއްކަމެއް ވިއްކާށެވެ. ދީނާ ގައުމޭ ކިޔާ އަނދުނެކެވެ. ހަގީގަތަށް ވިސްނާއިރު ދީނާ ގައުމުގެ ކަންފުޅެއްވެސް ހިތަކު ނޯވެއެވެ.

އެމްޑީޕީއަކީ އަނިޔާވެރިކަމާ ދެކޮޅު ހައްގުތަކާ މިނިވަންކަމާ ހަމަހަމަ ކަމުގެ ފަލްސަފާގެ މައްޗަށް އުފެދުނު ޕާޓީއެވެ. އެއަށްވުރެ ބޮޑު ދީނީ ވިސްނުމަކީ ކޮބައިހެއްޔެވެ؟

ދެން އޮތީ އަސްލު މައުޟޫއެވެ.

ނިމިދާ މަޖިލިހުގައި ހޯރަފުށި ދާއިރާ ތަމްސީލު ކުރަނީ އަދި ކުރިއަށް އޮތް ދައުރަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓަކީ މަޝްހޫރު މަރްހޫމް ހޯރަފުށީ އާދަމް ސަލީމްގެ ދަރިކަލުން އަހްމަދު ސަލީމް (ސައްލެ)އެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބު ރައީސެވެ. އިލްމާ ހުނަރާ ބަލާޣާތްތެރިކަމާއި ފަޞާހާތްތެރި ހޯރަފުއްޓަށް އުފަން މިސާލެކެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ފަށަމުން ބުނި ކަހަލަ އެމްޑީޕީއާ ދެކޮޅު ކުރީގެ ރަހްމަތްތެރިޔަކާ ދިމާވިއިރު ހުރީ ރައީސް އިބޫގެ ވެރިކަން ނިންމަން ފޫގަޅާފައެވެ. އެމްޑީޕީ ދެކެ އަންނަ ރުޅިއަކުން ދީނާ ގައުމާ ހުސްގޮނޑިއާ އިންޑިއާ އައުޓްގެ އަވާގައި ޖެހި ހަފުސްވެފައެވެ.

އަނެއްކާ ދާދި ފަހުން އިހަށް ދުވަހު އޭނާއާ މަގުމަތިން ބައްދަލުވުމާ އެކު މަޖިލިސް އިންތިހާބުގައި ތިޔަހުރީ ސައްލެއާ ދެކޮޅަށްދޯއޭ އިސްވެ އަހާލީމެވެ. މިފަހަރުގެ ޖަވާބު ތަފާތެވެ.

މިފަހަރު ބުނީ ތިމަންނައާ މުޅި އާއިލާގެ ވޯޓް އޮތީ ސައްލޭއަށް ނިމިފާ ކަމަށެވެ. ސިހިގެން ގޮސް ބަލަ އެއީ އެމްޑީޕީ ކެންޑިޑޭޓް ނޫންހޭ އަހާލީމެވެ. ޖަވާބުގައި ބުނީ މިވޯޓަކީ އެމްޑީޕީއާ ގުޅޭ ވޯޓެއް ނޫން ކަމުގައެވެ.  

އެއީ އެއަރޕޯރޓާއި މަގުތަކާއި ބޮޓްލިންގ ޕްލާންޓާއި ދަތުރުފަތުރާ މިހެންގޮސް ރަށު ރައްޔިތުންނަށް ފައިދާވާ ހުރިހާ ކަމެއް ނިންމީ ސައްލެއޭ ބުނެފިއެވެ. މީގެ ސަބަބުން އުފެދުނު ވަޒީފާތައް ލިބެނީ ރަށު ކުދިންނަށޭ ވެސް ބުންޏެވެ. ބަލަ ތިޔަ ހުރިހާ ކަމެއް ކުރީ އެމްޑީޕީ ސަރުކާރުން ނޫންހޭ ބުުނުމާއެކު އަނެއްކާ ރުޅި އަތުވެއްޖެއެވެ.

އެއީ އެމްޑީޕީ ސަރުކާރުގެ މޮޅުކަމުން ނޫންކަމާ އެއީ ސައްލޭގެ ގާބިލް ކަމުން ކަމަށްބު ންޏެވެ. އޭނާ ބުނި ގޮތުން ނިމިދިޔަ ރީނދޫ މީހުންގެ ވެރިކަމުގައި  ހޯރަފުއްޓަށް އައި ތަރައްގީ 50 އަހަރާ ނުބައްދަލެވެ. އަދި އެތަރައްގީ ލިބުނު އެއްވެސް ރަށެއް މުޅި ރާއްޖޭގައި ނެތީ ސައްލޭ މޮޅުވީމާ ކަމަށް ބުނެ ސައްލެއަށް ތާއީދު ކުރަމުން އެމްޑީޕީ އާ ދިމާއަށް ބެވީއެވެ.

މިއަދު މި ވާހަކަ ލިޔަން މިޖެހުނީ މެންދުރުފަހު އިސްވެ ފޯނުން ގުޅާފައި އެއްކަލަ ރަހުމަތްތެރިޔާ ބުނިއެއްޗަކުންނެވެ. ފުރަަތަމަ ވެސް ޖެހީ ހިނިގަނޑެކެވެ. އެއްޗެއް  ނުބުނެ ތިޔަހެނީ ކޮންކަމަކާހޭ ބުނުމުން ބުނީ ސައްލެ އިންދި ގަހަކުން އަނެއްކާ މޭވާ ލިބެން އުޅޭތީއޭ ބުންޏެވެ.

ސައްލޭ މިތަނުގައި ހެދި ޔުނިޓަށް މުވައްޒަފުން ނަގަން ތައްޔާރުވީއޭ ބުންޏެވެ. ކޮން ޔުނިޓެއްހޭ އެހީމާ ބުނީ ކުޑަކުދިންގެ ޖޭ ޔުނިޓޭއެވެ. ނޫސްތައް ބަލާލީމާ އެނގުނީ އެއީ ހޯރަފުށީގައި ނިންމާ ހުުޅުވަން ތައްޔާރުވެފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް ކަމެވެ. އެތަނަށް މުވައްޒަފުން ނަގަން ތައްޔާރުވީއެވެ.

ބަލަ އެއީ ސައްލޭގެ ތަނެއް ނޫނޭ އެއީ އެމްޑީޕީ ސަރުކާރުގައި ރައީސް އިބޫ ނިންމެވި ކަމެކޭ ބުނުމާއެކު ކަރަންޓްގައި ޖެހިއްޖެއެވެ. އަޑަށް ބާރުލާފައި ބުނީ އެއާލާތުން ކުރިކަމެއް ނަމަ ކޮންމެ ރަށެއްގައި މީގެ ތަނެއް ނުހަދާ މިރަށުގައި ހެދީ ސައްލޭ އޭ ބުނެފިއެވެ. ދެން ބުނީ ދުވަހަކު ވެސް އަންނި ހުރި ޕާޓީ އަކަށް ތާއީދެއް ނުކުރާނަމޭއެވެ. 

ބަލަ އަންނި އެއީ މިހާރު އެމްޑީޕީން ވަކިވެގެން އަމިއްލަ ޕާޓީއެއް ހަދައިގެން އުޅޭ މީހެއް ނޫންހޭ ބުނުމުން އިރުކޮޅަކު ހުރެފާ ބުނީ އެހެން ވިޔަސް އެމްޑީޕީއަށް ތާއީދެއް ނުކުރާނަމޭ އެކަމަކު މިފަހަރު ބޮޑު ތަފާތަކުން ސައްލޭ ހޮވާނަމޭއެވެ. 

އެއްޗެއް ބުނަން އަނގަ ހުޅުވާލިއިރު އިވެނީ އެހެން ބުނި ގޮތަށް ފޯނު ކަނޑާލީމާ އިވޭ ޕީޕީ އަޑެވެ.