ހަމްދާނު ޝަކީލަށް: އެމްޑީޕީން ސްލަމެކޭ ފޮޅެލެކޭ ނުކިޔާ!

ތެދު ވައްތަރަށް ބޮޑު ދޮގެއް ހަދާ ޓްވީޓް ކޮށްގަތީމާ އެހުރީ ގައުމު ހިންގިފަ

ހަމްދާނު ޝަކީލަށް: އެމްޑީޕީން ސްލަމެކޭ ފޮޅެލެކޭ ނުކިޔާ!

މުއިއްޒު ވެރިކަމަށް އައިސް އަދި ރައްޔިތަކަށް ކޮށްދެވުނު ކަމެއްނެތެވެ. ކަމެއް ކޮށްދޭން އުޅޭތަނެއްވެސް ނުފެނެއެވެ. މުއިއްޒު ކަންކަމަށް އިސްކޮށްފައި ތިބިހާ ބަޔަކާއި މުއިއްޒުގެ ރޭޔާދުވާލުގެ މަސައްކަތަކީ ކުރީ ސަރުކާރު ކިޔާލަ ކިޔާލާ ތިބުމެވެ. ކޮންމެ މީހަކު އައުގޮތަކަށް މޮޅުގޮތަކަށް ކުރީ ސަރުކާރޭ ކިޔައިގެން މީޑިއާގައި ވާހަކައެއް ބުނެލެވުނީމާ އެއީ ދެން މާގަދަ މީހެކެވެ. 

ތެދު ވައްތަރަށް ބޮޑު ދޮގެއް ހަދާފައި އެއްވާނަކަށް އެންމެން އެކްސްގައި ޓްވީޓް ކޮށްގަތީމާ އެހުރީ ގައުމު ހިންގިފައެވެ. ހިންގާ ތަރައްގީގެ ޕްރޮޖެކްޓް ބުނެދެނީ ނަންބަރުންނޯލައެވެ. އެއްވާހަކައެއް އެކިވަޒީރުން ނަންބަރުން ބުނެދެނީ އެކި ވަރަށެވެ. ރައްޔިތުންނަށްޓަކާ ކުރަންފެށި އައު ކަމެއް ނެތް އިރު ކުރީ ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާކަންކަން ނުކޮށްތިބެ ދިޔާކުރާ އަނގައަކުން ކަންކަން އޮޅުވަނުލެވޭނެ ކަމެއް ނޭގެއެވެ.      

ބޯހިޔާވަހިކަމުގެ ނަމުގައި އެމްޑީޕީ ސަރުކާރުން ވަނީ ސްލަމް ތަކެއް އުފައްދަން މަސައްކަތް ކޮށްފާ ކަމަށް ބުނެ ފަހިދިރިއުޅުން ކުންފުނީގެ އެމްޑީ ހަމްދާނު ޝަކީލު ވަނީ ފިތުނަވެރި ވާހަކައެއް ދައްކާފައެވެ. ހަމްދާނު ސިފައެކުރާ ފަގީރު އަވަށްގަނޑުގައި އެމްޑީޕީ ސަރުކާރުން އަޅާ ފްލެޓްތަކުގައި ދެކޮޓަރީގެ އެޕާރޓްމަންޓެއްގައި 750 އަކަ ފޫޓް ހުރެއެވެ. ތިންކޮޓަރީގެ އެޕަރޓްމަންޓެއްގައި 900 އަކަފޫޓް ހުރެއެވެ. އެޕާރޓްމަންޓްތައް ތަނަވަސްވެފައި ފުރިހަމައެވެ. އެތަންތާ މީހުން ދިރިއުޅެން ފެށުމުގެ ކުރީން ބޭނުންވާ ހޮސްޕިޓަލާއި ސްކޫލާއި މިސްކިތައް އަޅާނެ ޖާގަ އޮތީ ހަމަޖެހިފައެވެ. ވެރިކަން ބަދަލުވުމުން އޮތްކަމެއް ނެތްކަމަށް ހަދައިގެން އަގަދިޔާ ކުރިޔަސް ހަގީގަތުގައި އަތެއް ނޭޅޭނެއެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމުނުއިރު ހަމްދާނު ޝަކީލުމެން ފަހުރުވެރިވާ ހިޔާ ޓަވަރުތަކާއި ފޭސް ދޭއްގެހާލަތު މާގޯހެވެ. ހިޔާ ޓަވަރުގެ ދެކޮޓަރީގެ ފްލެޓެއްގެ ސައިޒަކީ 500 އަކަ ފޫޓެވެ. އަރާފައިބަން ހުރި ލިފްޓްގެ އަދަދާ ސައިޒް އެހުރީ ފެންނާށެވެ. ވިޔާފާރިއާއި އަސާސީ ބޭނުން ތަކަށް އެއްވެސް ޓަވަރެއްގައި ހާއްސަ ކުރެވިފައިވާ ތަނެއް ނެތެވެ. ސްކޫލެއް މިސްކިތެއް ފޭސް ދޭއްގައިނެތެވެ. މަގުތަކެއް ނުހެދެއެވެ. 

ރައީސް ސޯލިހުވެރިކަމަށް ވަޑައިގެން ހިޔާ ޓަވަރު ތަކުގައި އަސާސީ ބޭނުން ތަކަށް ޖާގަ ހައްދަވާ ޓަވަރުތަކަށް މީހުން ވައްދާ މިސްކިތާއި ސްކޫލު އިމާރާތް ކުރައްވާ މަގުތައް ހައްދަވާ ނިންމެވިއެވެ. ސްލަމެކޭ ފަޅޮލެކޭ ނިކިޔައެވެ.