މުއިއްޒު ދައުލަތް ހުސްކޮށް އާއްމުމީހާގެ ޖީބުކަނޑަން ނިކުތުން

ހަތްމަހުން ތިންހަތަރު ބިލިޔަން ރުފިޔާ އިސްރާފުކޮށްލި

މުއިއްޒު ދައުލަތް ހުސްކޮށް އާއްމުމީހާގެ ޖީބުކަނޑަން ނިކުތުން

ދައުލަތަށް އާމްދަނީ ހޯދަން ރައްޔިތުންގެ ޖީބުކެނޑުން ނޫން ވިސްނުމެއް މިސަރުކާރުގައި ނެތެވެ. ސަރުކާރުގެ ހުރިހާވެސް ވިސްނުމަކީ އާއްމު ރައްޔިތުންފެލުމެވެ. އެންމެ އަވަހަށް އެންމެ ރަނގަޅަށް ފެލާލެވެނީ ކޮންގޮތަކުންތޯ ބަލައިގެން ކައްވާލުމެވެ. ދައުލަތުން ރައްޔިތު މީހާއަށް ކޮށްދޭ ކަމެއްނެތި ރައްޔިތުންގެ ފޮށިފަޅައިގެން ފައިސާ ހޯދުމަކީ ސަރުކާރުގެ މުޅި ވިސްނުމެވެ.

ސަރުކާރުން މިހާރު ދިމާކޮށްފައި އެތިބީ މުދަލާ ހިދުމަތުން ޓެކްސް ބޮޑުކުރުމަށެވެ. ކަރަންޓާއި ފެނުގެ ސަބްސިޑީ ކަނޑާލުމަށެވެ. ތެލުގެ ސަބްސިޑީ ކެނޑުމަށެވެ. ބުރިޖުން ކުރާ ދަތުރަށް އަގުނެގުމަވެ. އާސަންދައަށް ފައިސާ ނެގުމަށެވެ. މަސް ގަންނަ އަގު ދަށްކުރުމަށެވެ. ޓޯކޮށްގެން ދުއްވާ އެއްޗެތިން ބޮޑެތި ޖުރުމަނާ ނެގުމަށެވެ. ޒާތްޒާތުގެ ރިޕޯޓް ނުފޮނުވާ މަޅީގައި ޖައްސައިގެން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުން ބޮޑެތި ޖުރރުމަނާތައް ކުރުމަށެވެ. މީހެއްގެ ޖީބުގައި ފައިސާ ފޮއްޗެއް އޮތަނުދީ ކައްވާލެވެން އޮތް ގޮތެއް ހޯދައިގެން ސަރުކާރަށް ކައްވާލުމަށެވެ. 

ކުރީ ސަރުކާރުން ގައުމު ދަރުވާލައިފިޔޭ ކިޔައިގެން ރައްޔިތުންނަށް ހިތިބޭސް ބޯންދޭން މުއިއްޒު ދިމާކުރީއެވެ. އެއްވެސް އާމްދަނީއެއް ހޯދަން އެއްވެސް މަސައްކަތެއް ނުކޮށެވެ. ވެރިކަމަށް އެރިގޮތަށް އަރާ ހަތް މަސްވަންދެން ދައުލަތް ދަވާލުމުން ގޮތް ހުސްވީއެވެ. ވެރިކަމަށް އެރި ގޮތަށް އަރާ މުޅިދައުލަތް ދަވާލީއެވެ. އެއްވެސް އާމްދަނީއެއް ލިބެންނެތް ކަންކަމަށް ބިލިޔަނުން ހަރަދުކޮށް ހުސްކޮށްލީއެވެ. އެންމެ ލޯލާރިއެއް ވެސް ލިބެންނެތް އެތައްކަމަކަށް ބިލިޔަނުން ހަރަދުކުރީއެވެ. އެހަރަދުތައް އެގޮތަށް ނުކޮށްވާން އޮއްވާ ކުރި ބައެއް ކަންކަން ހަދާން ކޮށްލަމެވެ. 

  • ހުވާކުރުމުގެ ދަރުބާރަށް 26 މިލިޔަން ރުފިޔާ ބާދަނގަޑަށް ހަދާލިއެވެ. 
  • މުލިޔާގެ އަޕްގްރޭޑް ކުރަން 21 މިލިޔަން ރުފިޔާ ބޭކާރުކޮށްލައިފިއެވެ.
  • ހިލާލީގެ އަޕްގްރޭޑް ކުރަން 15 މިލިޔަން ރުފިޔާ ހޭދަކޮށްފިއެވެ.
  • ވަޒީރުންނަށް ޒަމާނީ 20 ކާރު ގަތުމަށް 140 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
  • ކަޅުއޮއްފުންމި ނަމޫނާ ދެއްކުމަށް 3 މިލިޔަން ހޭދަކުރިއެވެ.
  • ބޮޑު ފާލަން ސަގާފަތަށް ފައްތަން 11 މިލިޔަން ރުފިޔާ ބޭކާރު ކޮށްލަނީއެވެ.
  • ޑްރޯން ގަތުމަށް 500 މިލިޔަން ރުފިޔާ އިސްރާފުކޮށްލިއެވެ.
  • އީދު ބޮކި ދިއްލަން 50 ލިޔަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ކުރިއެވެ.
  • ސިޔާސީ މުއައްޒަފުންގެ މުސާރައަށް 900 މިލިޔަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.
  • އެކިމުނާސަބަތުގައި ހަވާ އެރުވުމަށް 50 މިލިޔަން ރުފިޔާ ބަޑިބޭހަށް އަންދާލާފައިވެއެވެ.
  • ވެރިންގެ ދަތުރުފަތުރަށް 200 މިލިޔަން ރުފިޔާ ތަޅާލައިފިއެވެ. 

ހަނދާނަށް މިގެނަސްދިނީ އާއްމު މައުރިފާއިން އެންމެންމެ ދަންނަ ވާހަކަ ތަކެކެވެ. އެކިފަހަރު އަޑުއިވި ނޫސްތަކުން ކިޔާފައިވާ ވާހަކަތަކެވެ. މުއިއްޒު ވެރިކަމުގައި މިހޭދަވި ހަތް މަސްތެރޭގައި އެހޭދަ އެވަރަށް ނުކޮށްވެސް ފަރުޖެއްސެން އޮތެވެ. ވެރިކަން ލިބުމުން ހީވީ ގުއިނުދެކޭ ކާޅަށް ގުއިފެނުނުހެންނެވެ. ވެރިކަމަށް 7 މަސްނުވެ ތިންހަތަރު ބިލިޔަން ރުފިޔާ އިސްރާފުކޮށްލި ބަޔަކު ފަސާދަޔާ ކިރަޕްޝަންގެ ތެރެއިން މިވީ ކުޑަ ދުވަސްކޮޅު ދައުލަތް ދަވާލާނެ ވަރު ހިތައްވެސް ނުގެނެވެއެވެ. 

ދަރަނީގެ ބޮޑު އަދަދެއް ރައްޔިތުންނަށް ދައްކައިގެން އާއްމު ރައްޔިތުންގެ ޖީބުކަނޑަން ދިމާމިކުރީ ފައިސާ ނަގަން ހުރި ހުރިހާ ވަޅެއް ހުސްކޮށްފައެވެ. ދެބިލު ރަތް ނުވަނީސް ކަރަންޓް ބިލް ނުދެއްކޭ ނިކަމެތީންގެ ސަބްސިޑީ ކަޑާލައިގެން ސަރުކާރަށް ފެލަން މިއުޅެނީ ކޮން ފައިސާއެއް ހެއްޔެވެ.