މަލްޝާއަށް: ރައްޔިތުންގެ ލޭބޯން ކެރޭނީ ޑްރެކިއުލާއަށް!

މަލްޝާއަށް: ރައްޔިތުންގެ ލޭބޯން ކެރޭނީ ޑްރެކިއުލާއަށް!

މަލްސާ ޝަރީފް ކަހަލަ ގުނބޯލުންނަށް ރައީސް މުއިއްޒުގެ ޕްރޮޕަގެންޑާ ފެތުރުމަށް ދައުލަތުގެ ފައިސާއިން ބޮޑު މުސާރަ ދެނީ އާއްމު ދިވެހިންގެ ކޮން ބޭނުމެއް އިސްވެގެން ހެއްޔެވެ. އާނއެކެވެ. ރައީސް މުޢިއްޒު ކުރަނީ އެހެން އެއްވެސް ވެރިއަކު ކުރައްވަން ކެރިވަޑައިނުގެން ވަރަށް ހަޔާތްކުޑަ ކަންތައް ތަކެވެ. އާންމު ދިވެހިންގެ ބޭނުންތަކުގެ ނަމުގައި މުއިއްޒު އިސްކުރަނީ މުޅީންވެސް އަމިއްލަ މަސްލަހަތެވެ.

ތެދެކެވެ. ފަތުރުވެރިކަމުން އަހަރުތަކެއް ވަންދެން ބިލިއަންތަކެއް ރިސޯޓް އޯނަރުންނަށް ލިބުނެވެ. ކުއްޔާއި ޓެކްސްގެ ގޮތުގައި ސަރުކާރަށް ވެސް ފައިސާ ލިބުނެވެ. އާންމު ރައްޔިތުންނަށް އޭގެ ސީދާ މަންފާ ލިބުނީ ވަރަށް މަދުންނޭ ބުނެވިދާނެއެވެ. އެހެން ނަމަވެސް ރިސޯޓުތަކުން އެތަންތަނާ ކައިރީގައި އޮތް ރަށްރަށަށް އެރަށްރަށުގެ ރައްޔިތުން އެދޭ ގޮތެއްގެ މަތީން ގިނަ ކަންތައްތަކެއް އިޖުތިމާއީ ޒިންމާގެ ގޮތުގައި ހިލޭ ސާބަހަށް ކޮށްދެމުން ގެންދިޔައެވެ. އިޖުތިމާއީ ޒިންމާގެ ގޮތުގައި ހިލޭ ސާބަހަށް ކޮށްދެމުން ގެންދިޔަކަންކަން ހުއްޓުވަން މުއިއްޒުނޫން ވެރިއަކަށް ނުކެރުނެވެ.

ޑޮލަރުގެ ސިޔާސަތަށް މުއިއްޒު ގެނައި ބަދަލުގެ ސަބަބުން އާއްމު ރައްޔިތުންނަށް ވީއެއްވެސް މޮޅެއް ނެތެވެ. ރިސޯޓްތަކުގެ އާމްދަނީގެ 40 އިންސައްތައަށް ވުރެ ބޮޑު އެއްޗެއް ޓެކްސްގެ ގޮތުގައްޔާއި އެކިއެކި ފީގެ ނަމުގައި ސަރުކާރަށް ނަގައެވެ. ނަތީޖާއެއްގެ ގޮތުން ރިސޯޓްތަކުން ރަށްރަށަށް އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްދެމުންއައި ކަންކަން ހުއްޓުނީއެވެ. ރާއްޖޭގެ އިގުތިސޯދުގެ މައިބަދައިގެ މަދުން ދިޔަފެލާކަށް މުއިއްޒު ނޫން ވެރިއަކަށް ނުކުރުނެވެ.

ރިސޯޓްތަކުގެ އާމްދަނީ ވަކިވަރެއް ބޭންކްތަކަށް މާރުކުރަން ޖެހުމުން ބޭންކުތަކުގައި ޑޮލަރުގެ ޖަމާއިތުރުވާކަމެއް އެކަމުން ރައްޔިތުންނަށް ލިބޭ ލުޔެއް ނެތެވެ. މިއަހަރު އެކަނި ވެސް 150 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރ ބޭންކްތަކަށް ޖަމާވެއްޖެ ކަމަށްބުނެ ފޮނުއަރުވާއިރު އޭގެ އެއްވެސް ފައިދާއެއް އާއްމު ރައްޔިތަކަށް ނުވެއެވެ. އާއްމުކޮށް ޑޮލަރެއްގެ މަގުމަތީ އަގަކީ 20 ރުފިޔާއަށް ވެއްޖެއެވެ. ބޭންކް ރޭޓުން ބޭންކުތަކުން ޑޮލަރު ލިބެނީ މަރުފުށު ކަމަކަށެވެ. ޑޮލަރުގެ އަގު ދަށަކަށް ނުދިޔައެވެ. ރިސީޓު މުއައްޒަފުންނަށް ޑޮލަރުން ދެމުންއައި މުސާރައާއި އިނާޔަތްތައް ހުއްޓުވާކަށް މުއިއްޒު ނޫން ވެރިއަކަށް ނުކެރުނެވެ.

ހެސްކިޔާފައި ބޭންކުތަކަށާއި ސަރުކާރަށް ޑޮލަރ ލިބޭއިރު ރައްޔިތުންގެ ތަކުލީފްތައް ވަނީ ބޮޑެވެ. ސަރުކާރުގެ ހަރަދުގައި ބޭރުގައި ކިޔަވަން ތިބި ދަރިވަރުން އެމީހުނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީގެން އެތިބީ މަގުމަތިވެފައެވެ. އާސަންދަ ލިބިގެން ބޭރަށްދާ ގިނަ ބަލި މީހުނާއި އެކުގައިދާން އެހީތެރިއަކަށް ޓިކެޓް ދެނީ ސްޓްރެޗާއާއި ވީލްޗެއަރގައި ތިބޭ ބަލިމީހުންނަށް އެކަނިކަމަށް ވެއްޖެއެވެ. މުއިއްޒު ނޫން އެއްވެސް ވެރިއަކަށް އެވަރުކަމެއް ކުރާކަށް ނުކެރުނެވެ. 

ރައްޔިތުންނަށް ބޭނުންވާ ވަރަށް ސަރުކާރުން ބޭސް އެތެރެކޮށް ފޯރުކޮށް ނުދެވި އެއް ބޭސް ސިޓީ ހިފައިގެން ރައްޔިތު މީހާ އެއްފިހާރައިން އަނެއް ފިހާރައަށް ދުވެގެންވެސް މިހާރަކު ސިޓީގައިވާ ބޭހެއް ނުލިބެއެވެ. އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުނަށް ބޭނުންވާ ބޭސް އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯ ބޭސް ފިހާރައިން ހަމައަށް ލިބެން ނެތިގެން އެސްޓީއޯ ފާމަސީގައި މަސައްކަތްކުރާ މުއައްޒަފުން އަމިއްލަ ފާމަސީތަކަށް ބޭސް ހޯދަން ދުވަން މުއިއްޒު ޖައްސައިފިއެވެ. ބޮޑުއަގުގައި ތަންތަން ކުއްޔަށް ހިފައިގެން މުއައްޒަފުން ލައިގެން ޓެކްސް ދައްކައިގެން އަމިއްލަ މީހުން ކުރަމުން ދިޔަ ބޭހުގެ ވިޔަފާރިތައް ނައްތާލުމަށް ފާޅުގައި މުއިއްޒު އެވަނީ މަސައްކަތް ފަށާފައެވެ. ހަރަދު ބަރަދު ނުހިމަނާ ގަތް އަގަށްވުރެވެސް ކުޑައަގެއްގައި ނޫނީ ގިނަ ބޭސްނުވިއްކޭ ވަރަށް އަގުތައް ހަދައިގެން ރާއްޖޭގެ އާއްމު ފާމަސީތަކުގައި ތަޅުއަޅުވާ އެތައް ބަޔަކު މަގުމަތިކޮށްލަން މުއިއްޒު ނޫން ވެރިއަކަށް ނުކެރުނެވެ.  

އެންމެ ފަހުން އާސަންދައިގެ ސަބްސިޑީ ދެގުނަ އިތުރުކޮށްފައި އައިނު ވިޔަފާރިވެސް ސަރުކާރުން ކުރަންފެށީއެވެ. އަމިއްލަ ވިޔަފާރިތަކުން އަބަދުވެސް ފައިދާ އިސްކޮށްފައިވާކަމަށް ބުނެ އަޑުފަތުރަމުން އައިނު ވިއްކަން ސަރުކާރުން ފެށިހެން ސިއްއހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި ގުޅަބޯކިބާ ވިއްކުންފެސް މުއިއްޒު ސަރުކާރުން ފަށާނެއެވެ. އާއްމު ފަރުދުންގެ ލޭބޯން މުއިއްޒު ނޫން ވެރިއަކަށް ނުކެރުނެވެ. ވައިނޮޅީގައި ދަތްއަޅައިގެން ލޭބޯނީ ޑްރެކިއުލާއެވެ.