ދިވެހިންނަށް އަދީބަކީ އަދިވެސް ހަމަ ވަގުބްރޯ!؟
އަދީބަކީ މޭން ބިހައިންޑް މޯލްޑިވްސްއެއް ނޫން- މޭން އޮފް ސްޓީލިން ޕެރަޑައިސް
ސާފު ރީތި ނޫ އުޑާއި ވިލާކޮޅެއްނެތް މަޑުނޫކުލައިގެ ބިއްލޫރި ކޮޅެއްފަދަ މޫދާއި ފަޅުތެރެއަށް ބުރުއްސާލާފައިވާ އޮލަ ދޮންވެލީގެ ގޮނޑުދޮށާއި ވައިރޯޅިއާ ހެލިލަހެލިލާ ހުންނަ ފެހިފަންތަކުން ބަރާވެފައިވާ ރުއްތަކާއި އެކިވަރުގެ ގަސްތަކުން ޒީނަތްތެރި ވެފައިވާ ރާއްޖޭގެ ތަސްވީރީ ޕޯސްޓަރުތަކަކީ ދުނިޔޭގެ މީހުނަށް އައު އެއްޗެއް ނޫނެވެ. އުމުރުން އެއްފަހަރު ނަމަވެސް ޒިޔާރަތް ކޮށްލުމަށް ދުނިޔޭގެ ކޮންމެ މީހަކުވެސް ބޭނުންވާ ރާއްޖެއަކީ އަދީބު ދުނިޔެއަށް ތައާރަފް ކުރި ތަނެއްނޫނެވެ.
ކޮންމެ ރިސޯޓަކީ ވަކި ރިސޯޓެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާ ދުނިޔޭގެ އެންމެ ފެންވަރުމަތީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެއޮތީކީ އަދީބު ކުރިކަމަކުން ނޫނެވެ. ބަޖެޓް ޗުއްޓީ ސްޕޮޓަކަށް ރާއްޖެ ހުޅުވުމަކީ " ވަންއައިލެންޑް ވަންރިސޯޓް" ގެ ގޮތުގައި މަޝްހޫރުވެފައިވާ މަތީފަންތީގެ ފަތުރުވެރިކަމަށް އެޅުނު ހިޔަންޏެއް ކަމަށް ރިސޯޓް އޯނަރުން ދުއްޓެވެ. އެހެން ކަމުން 2012 ވަނަ އަހަރު ޓޫރިޒަމް މިނިސްޓަރަކަށް އަދީބު އައްޔަނުކުރުމުން ލޯކަލް އައިލެންޑް ޓޫރިޒަމް ނައްތާލުމަށް މާސްޓަރ ޕްލޭނެއް ހަދައިގެން ފަޅުރަށްތަކާއި ފަޅުތަކާ ވިއްކަންފެށީ ދުނިޔޭގެ އެންމެ ލަގްޒަރީ ރިސޯޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށްވުރެ ބޮޑަށް އަމިއްލަ ޖީބު ބޮޑުކޮށް ދައުލަތް ދަވާލެވެން އޮތް އެންމެ ފަހި މަގަކީ އެއީކަމަށް ވާތީއެވެ.
އޭރު އޮތް 99 ރިސޯޓުގެ ބަދަލުގައި އިތުރު 80 ވަރަކަށް ރިސޯޓް ހެދުމަށް މާރކެޓަށް ނެރެގެން ރަށްތަކާއި ފަޅުތަކާއި ފަރުތަކާ ވިއްކާލީ ދައުލަތަށް އިންތިހާއަށް ގެއްލުންކޮށް އަމިއްލަ ޖީބަށް ބޮޑުވާ ގޮތަށެވެ. ރާއްޖޭގެ ތާރީހުގައި ދިވެހި ދައުލަތުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށް އޭރުގެ ރައީސް ޔާމީނާ ގުޅިގެން ދައުލަތަށް އެންމެ ބޮޑު ގެއްލުމެއް ދިން މީހަކީ އަދީބެވެ. ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކޮރަޕްޝަނުގެ މަޅީގައި ޖައްސާ މުޅި ރާއްޖެ ފަސާދައިގެ ތެރެއަށް ވައްޓާލުމުގެ އެންމެ އިސް އެއް މޭސްތިރިއަކީ އަދީބެވެ.
" މޭން ބިހައިންޑް މޯލްޑިވްސް " އޭ ކިޔައިގެން ފައިސާ ދީގެން ޔޫއޭއީގެ ނަން ހިނގާ ނޫހެއްގައި އަމިއްލަ ޕްރަމޯޝަން ހިންގިޔަސް ރާއްޖޭގައި އަދީބަކީ ކާކުކަން ނޭގޭ ކުޑަކުއްޖަކު ވެސް ނެތެވެ. އަދުލު އިންސާފުގެ ކުނޑިފުކެއްވެސް އޮންނަ ގައުމެއްގައި އަދީބު ކަހަލަ މީހުންނަކީ ޖަލުގެ ތޭރިތަކުގެ ފަހަތުން ދުވަހަކުވެސް ނިކުންނާނެ މީހުންނެއް ނޫނެވެ. ގުލްކޯމާއާއި ނިދާ މެޝިނޭ ކިޔައިގެން މުޅި ނިޒާމުން ސަލާމަތްވެ ހުއްޓަކަސް އަދީބަކީ އަތްކަނޑާވަރުގެ ވަގެއް ނޫން ކަމަކަށް މީހުން ގަބޫލެއް ނުކުރެއެވެ.
ޔޫއޭއީގައި އިންސްޕެއަރ ވެގެން އެޑްވަޒަރީ މަސައްކަތް ކުރާ ވާހަކަ ދައްކައިގެން، މީހުންގެ ބޮލަށް ޗިޕްޖަހައިގެން ކުރަން އުޅެނީ ކީއްކަން އެނގޭ މީހުން މަދެއް ނޫނެވެ. ރާއްޖޭގައި މިހާރު އޮތް ދެއުޅިއެއްނުވާ ސަރުކާރަށް ގްރީން ސިގްނަލް ދައްކައިގެން މިހާރު ވެސް މުއިއްޒު ހުރީ ރަނގަޅަށް އަދީބުގެ އެޑްވައިޒް މަޅީގައި ބެނދެވިފައެވެ. އަދީބުގެ އެޑްވައިޒަށް ކަންކަންކޮށް ނިމޭއިރު މުއިއްޒު ހުންނާނީ ހުރަގޭ އަނދަ ގޮނޑީގައެވެ. ނޫނީ އަމިއްލައަށް އަރުވާލެވިގެންނެވެ. މުޅި ގައުމު އޮންނާނީ އަދީބުގެ ފައިކޭޓުގައެވެ.
ދަ މޭން ބިހައިންޑް މޯލްޑިވްސް އަކީ އަދީބުގެ ހުޝިޔާރުކަމާއި މޮޅުކަމާއި ކުޅަދާނަކަމުން ދިވެހިން ލޯބިން އަދީބަށް ކިޔާ ނަމެކޯލައެވެ. ދިވެހިންނަށް ހުރި ހުރިހާވެސް މީހަކީ އަދީބުކަމަށް ދުނިޔެއަށް ދައްކަން ކޮންމެ ގޭމެއް ޖެއްސިޔަސް ދިވެހިންނަށް އަދީބަކީ އަދިވެސް ވަގުބްރޯ ނޫން މީހަކަށް ނުވާނެކަމަށް މީހުން ކިޔައެވެ. އަދީބަކީ ދަ މޭން ބިހައިންޑް ދަ ކޮރަޕްޝަން އޮފް މޯލްޑިވްސްއެވެ. އަދީބަކީ ދަ މޭން ބިހައިންޑް ދަ ކްރައިމް އޮފް މޯލްޑިވްސްއެވެ. އަދީބަކީ ދަ މޭން އޮފް ސްޓީލިންގ ޕެރަޑައިސްއެވެ.