ޕީޕީއެމުން ވާދަކުރާނީ ޔާމީނެއް ނޫން ޑރ. ވަހީދު
ޕްރިންސް މުހައްމަދުގެ ޕެކޭޖް ޔާމީނަށް ގަބޫލުކުރެވޭ!
ޕީޕީއެމްގެ ރިޔާސީ އުންމީދުވާރަކީ ޔާމީނު ކަމަށް އެންމެން އެބަ ކިޔައެވެ. ރަސްމީ ސިފައިގައި އެކަން އޮތީވެސް އެހެނެވެ. އެނޫން ގޮތަކަށް އެވާހަކަ ދެއްކޭކަށްވެސް ނެތެވެ. ޔާމީނަށް ކިރިޔާވެސް ލުޔެއް ލިބެން އޮތީ ރިޔާސީ ޓިކެޓް ޔާމީނަށް އޮވެގެންނެވެ. އިދިކޮޅު ވާދަ ވެރިޔާ ޖަލުގައި އޮތްކަމުގެ ޑްރާމާ ކުޅެގެން ސިޔާސީ ޕްރެޝަރެއް އުފެއްދޭނީ ޔާމީނު އަތުގައި ރިޔާސީ ޓީކެޓް އޮވެގެންނެވެ.
ޕީޕީއެމަށް ޔާމީނު މުހިންމުވާ ވަރަށް ވުރެ ބޮޑަށް ޕީޕީއެމް ވެރިކަމުގައި އޮތުން އެމީހުނަށް މުހިންމެވެ. ދައުލަތް އަނެއްކާވެސް ދަވާލުމާއި ޔާމީނު މިނިވަން ކުރުމަށްޓަކާ ވެސް ޕީޕީއެމް ވެރިކަމުގައި އޮތުން މުހިންމެވެ. އިތުރު ފަސް އަހަރު ވަތަކުތޯ ނުޖެހިފައި މަގުމަތީ ތިބޭކަށް ޕީޕީއެމް ވެސް ބޭނުމެއް ނުވާނެއެވެ.
ރާއްޖޭގެ އިންތިހާބާ ބެހޭ ގާނުތައް ހުރި ގޮތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޔާމީނަށް ލިބުމަށް ވުރެ ނުލިބުން ގާތެވެ. ރިޔާސީ އިންތިހާބުގައި ބުނާ އުންމީދުވާރަކަށް ވުމުގެ ޝަރުތު ގެއްލުމުގެ ކުރިން ޔާމީނުގެ ވަކީލުން އެދޭ ގޮތަށް ހައިކޯޓުން ޔާމީނު ދޫވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެހެން ކަމުން ޕީޕީއެމް ދެވަނަ ވިސްނުމެއް ނުހޯދައެއް ނުތިބޭނެއެވެ. ޔާމީނު ނޫން އެހެން ގޮތެއް ހޯދާނެ ކަންގައިމެވެ.
އެގޮތަކީ ޔާމީނަށްވެސް ބަލައިގަނެވޭ ގިނަ މެންބަރުގެ ރުހުން ހޯދޭވަރު އިތުބާރު ހުރި މީހަކު ހޯދާ ނިންމުމެވެ. ޔާމީނު ނެތިއްޔާ ޕީޕީއެމްގެ ޓިކެޓަށް ފެންބޮވާފައި ތިބި ގިނަ ބަޔަކު ތިބިކަން ޔާމީނަށް އެނގެއެވެ. އެހާލަތު އަންނަން ދެން ޓިކެޓް ބޮނޑިކޮށްގެން ޔާމީނު އެ ހުންނަނީ ވަގުތު ޖެހެން ދެނެވެ. ވަގުތު ޖެހުމުގެ ކުރިން ޔާމީނު ނޫން އެހެން ގޮތެއް ހޯދަން ކުޑަ ފުރުސަތެއް ދިނަސް އެކަކު އަނެކަކަށް ނޮޅާ ހަފާ ކަށިކާނެ ކަން ޔާމީނަށް އެނގެއެވެ. އެކަމާ ހެދި ޕާޓީ ބައިބައިވެ ވެރިކަން ނުލިބި ޖަލުން މިންޖު ނުވެ އޮންނާކަށް ޔާމީނެއް ނެދޭނެއެވެ.
ޕިޕީއެމުން ރިޔާސީ ޕްރައިމަރީއެއް ބާއްވައިފި ނަމަ އެކަކު އަނެކަކަށް ބުއިކަލަޔާ ކޭކަލަ ގޮވާ ނޯށުން ރޮއްވީހެވެ. މުއިއްޒާއި ޖަމީލާއި ސައީދާއި ވަހީދު ފަދަ ކިތަންމެ ބަޔަކު ޓިކެޓައިގެން ބުމަރެއްހެން އެނބުރި ގަންނާނެއެވެ. އެކަމަކު ބުނަން ހެއްޔެވެ. ރަސްމީކޮށް ތިލަވެ ހާމަކޮށްފައި ނެތަސް ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓު ވަނީ ކަނޑައެޅިފައެވެ.
ސައޫދީ ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ހުށަހެޅުން ޔާމީނު ވަނީ ލޮލުން ބޮލުން ގަބޫލުކޮށްފައެވެ. 2018ގައި އެމްޑީޕީއަށް ދިމާވި ހާލަތު މި ފަހަރު ޕީޕީއެމަށް ދިމާނުވެ ނުދާނެ ކަމަށް ޔާމީނު ގަބޫލު ކުރެއެވެ. އެހެން ކަމުން ޔާމީނު ނެތް ހާލަތު ޕީޕީއެމަށް ދިމާވެދާނެ ކަމަކުން އަރައިގަތުމަށް ޕްލޭން ބީ ޔާމީނު އަތުގައި އެބައޮތެވެ.
ޕީޕީއެމަށް ޔާމީނު ނޫންގޮތަކީ ޕްރިންސް މުހައްމަދުގެ ޕެކޭޖެވެ. އެ ޕޭކޭޖުގައި ރިޔާސީ ކެންޑިޑެޓަކީ ޑރ. ވަހީދެވެ. ރަނިން މޭޓަކީ ޑރ. ޝަހީމެވެ. ޕްރިންސް މުހައްމަދުގެ ޕެކޭޖް ޔާމީނަށް ގަބޫލުކުރެވޭ ސަބަބުތައްވެސް ސާފެވެ.
- ކެންޕޭނަށް ބޭނުންވާ ފައިސާއާއި ސައުދީ ޕްރިންސް ޖާމިނުވުން
- ބައިނަލް އަގުވާމީ ގުޅުންތައް ވަރުގަދަވުމާއި އެކު ޔޫރަޕާ އަރަބި ދުނިޔެއާއ ގާތްވެވޭ ވަރުގެ ދެމީހުނަށް ވުން
- އަންނިގެ ވެރިކަން ވައްޓާލާ ޔާމީން އިސްވެ އޮތް ކޯލިޝަން ވެރިކަމެއް ޔާމީނު އެދުނުހާ ގޮތަކަށް ޑރ. ވަހީދު ހިންގާ އިތުބާރު ހޯދާފައިވުން
- އެމްޑީޕީގައި އޮތް ސަންދާނު ވިންގް އެއްކޮށް ޕީޕީއެމަށް ގެނައުން
- ޑރ. ޝަހީމުގެ ދީނީ ކާޑުން ދީނީ އިލްމުވެރިންގެ ގިނަ ބަޔަކު ހިފެހެއްޓުން.
ޔާމީނު ނޫން ގޮތެއް ހޯދުމަށް ވަހީދާ ޝަހީމްގެ ޖޯޑަށްވުރެ ކާމިޔާބު ޖޯޑެއް ޔާމީނަކަށް ނުފެނެއެވެ. އެކަމަކު މިއްޔަކީ ޕީޕީއެމުން އެވާހަކަ ދައްކަންވީ ވަގުތެއް ނޫނެވެ. އެވާހަކަ ދައްކަނީ ހައިކޯޓުގެ އިސްތުއުނާފް ދާގޮތަކުންނެވެ.