ދާއިރާ އެދެނީ މެންބަރު ރައީސާއެކު ހުންނަން
ދާއިރާތަކުގެ ރައްޔިތުން މިއަދު ލިބެމުން މިދާ ރަނުގެ ފުރުސަތުތައް ގެއްލި ހަލާކުގެ ތެރެއަށް ވެއްޓޭކަން ނޭދެ
މަލްޓިޕާޓީ ވެރިކަމަކަށް ރާއްޖޭގެ ވެރިކަން ފޮރޮޅުނީ ރައްޔިތުން އެދޭ ކަންކަން ރައްޔިތުން އެދޭގޮތަށް ހަލުވިކޮށް ކުރުމަށްޓަކައެވެ. ވަކި މީހަކަށް ވެރިކަން ދީގެން އެމީހާގެ ތުނބުން ވެއްޓޭ ބަތްފުށް ކައިގެން ތިބިތިބުން ނިމުމަކަށް ގެންނާށެވެ. ވަކި މީހަކަށް ބޮޑު މުސާރައާއި އިނާޔަތް ހޯދަދީގެން އެމީހާގެ ފަހަތުން އެނބުރޭކަށް ނޫނެވެ.
އެމްޑީޕީ އުފެދުނު ފިކުރަކީ ވަކި މީހަކަށް ގޮސް ހުސްނުވުމުގެ ފިކުރެވެ. ހިތްވަރު ހުރި ކޮންމެ މީހަކު ކުރިއަށް ނިކުމެ އިސްނަގައިގެން ރައްޔިތުންގެ ތާއީދު ހޯދާ ވެރިކަން ކުރުމަށް ޖާގަ ދިނުމުގެ ފިކުރެވެ. ތަކަން މާރަންދޫ މީހަކަސް އައްޑޫ ހުވަދޫ މީހަކަސް ހިންނަވަރު ނައިފަރު މީހަކަސް ރައްޔިތުންގެ ތާއީދު ހޯދައިގެން ވެރިކަމަށް އައުމާއި ވެރިކަން ދެވަނަ ދައުރެއްގައި ވެސް ވެރިކަން ހޯދަން މަސައްކަތް ކުރެވޭނެ ޖާގަދޭ ފިކުރެވެ.
އެމްޑީޕީ އުފެއްދުމުގައި އުޅުނު ވަކި ބައެއްގެ އަތްމަތީގައި އަބަދު ޕާޓީ އޮތުމަށް ބާރުއަޅާ ވާހަކަ ދެއްކޭނެ ޖާގައެއް އެމްޑީޕީގެ ފިކުރުގައި އެއް އިރަކު ވެސް ނެތެވެ. އެހެންނަމަ އަދިވެސް އެމްޑީޕީ އޮތީހީ ގޯގޯ ލަތީފާއި އިބްރާއާއި މުނައްވަރުމެންގެ އަތް މަތީގައެވެ. ޕާޓީ ހިސޯރުކޮށްގެން ގެންގުޅުމުގެ ވިސްނުން އަންނިއާއި އެއްގޮތަށް އެބޭފުޅުންގެ ނެތަތީ އެމްޑީޕީގެ މުޅި ކޮންޓްރޯލު އަންނިގެ އަތްމައްޗަށް ފުރޮޅިގެން ދިޔަ ދިޔުމަކީ އެކަން އަބަދަށް އެގޮތުގައި އޮންނާނެ ކަމެއްނޫނެވެ. އެކަކަށް ވެސް އެކަން އެހެނެއް ނުކުރެވޭނެއެވެ.
އެމްޑީޕީގެ ފިކުރަކީ ހިތްވަރާ މަސައްކަތުން ބޮންތިއާއި ހަމަޔަށް ކޮންމެ މީހަކަށް ވެސް އާދެވުމުގެ ފުރުސަތު ލިބިދޭ ފިކުރެވެ. ވާދަވެރި އިންތިހާބު ތަކުން ކާމިޔާބު ހޯދައިގެން ކުންނަށް ވާސިލު ވުމުގެ ފިކުރެވެ. ވާދަވެރި އިންތިހާބު ތަކުން ކާމިޔާބު ހޯދޭނީ ގިނަ މެންބަރުންގެ އިހުސާސާއެއް ގޮތަށް މަސައްކަތްކޮށްގެންނެވެ. އާރާއި ބާރު ލިބުމުން ގަޅި ނުހަދާ ރައްޔިތުންގެ ބޭނުމާއި އެއްގޮތަށް މަސައްކަތްކުރާ މީހާއަށް އެމްޑީޕީގައި ޖާގަ އޮވެއެވެ. އެމީހަކީ އެމްޑީޕީ އުފެއްދި އިރު ހުރި މީހެއްތޯ ފަހުން ގުޅުނު މީހެއްތޯ ނުބަލައެވެ. އާއްމުން ބަލަނީ އެ މީހަކު އެމްޑީޕީއާއި ގުޅުނު ހިސާބުން އެ މީހަކު ޕާޓީއާއި ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކަށެވެ. ދައްކާ މޮޅު ވާހަކައަކަށް ނޫނެވެ.
މިއަދު އެމްޑީޕީގެ އިސް ލީޑަރަކީ ރައީސް ސާލިހެވެ. ރައީސް ސާލިހަކީ އެންމެ ފުރަތަމަ ދުވަހުުއްސުރެ އެމްޑީޕީގެ ވަލީ ކޮމެޓީގެ މެންބަރެކެވެ. ގައުމީ މަޖިލީހުގެ މެންބަރެކެވެ. ޕީޖީގްރޫޕްގެ ލީޑަރެވެ. މިނިވަން ނޫހުގެ އެންމެ ބޮޑު ހިއްސާދާރެވެ. އެމަނިކުފާނުގެ ބައިވެރިވެ ވަޑައިގަތުމެއްނެތް ސިޔާސީ އެންމެ މަސައްކަތެއް ވެސް އެމްޑީޕީގެ ތާރީހުގައި ނުކުރެއެވެ. ޗޮއިސް ހުސްވެގެން ވިޔަސް އުކުޅަހު ބަގާތުން ވިޔަސް އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި 2018ގައި ވާދަކުރައްވަން ޖެހި ވަޑައިގަތީ އެހެންވެއެވެ. މެންބަރުންގެ ރުހުމާ ތާއީދު އޮވެގެންނެވެ. ރިޔާސީ އިންތިހާބު 68 އިންސައްތައިން ފުރަތަމަ ބުރުން ކާމިޔާބު ކުރެއްވި ކެންޑީޑޭޓަކީ ވެސް ރައީސް ސޯލިހެވެ. މުޅި ރާއްޖޭގެ ގިނަ ރައްޔިތުން އިތުބާރު ކުރީމައެވެ.
ބޮޑެތި ގޮންޖެހުން ތަކާއެކު ކާމިޔާބު ވެރިކަމެއް އެ މަނިކުފާނު އެބަ ކުރައްވައެވެ. ރައްޔިތުން ހުވަފެނުން ނުދެކޭހާ ލުއިފަސޭހަތައް ރައްޔިތުންނަށް އެބަ ފޯރުކޮށްދެއެވެ. ރައްޔިތުން ވެރިއަކު ހޮވުމުގެ ބޭނުން ރައްޔިތުންނަށް މިއަދު އެބަ އިހުސާސްވެއެވެ. ތަކްލީފުތައް ލުއިވެ ހަމަޖެހޭ އަމާން މުޖުތަމައެއް ބިނާވެ ފޯރުންތެރި ކަމުގެ ދޮރުތައް ހުޅުވައި ދެވެމުން ދާކަން ގިނަ ރައްޔިތުން އެބަ ގަބޫލު ކުރެވެއެވެ.
ދާއިރާތަކުގެ ރައްޔިތުން މިއަދު ލިބެމުން މިދާ ރަނުގެ ފުރުސަތުތައް ގެއްލި ހަލާކުގެ ތެރެއަށް ވެއްޓޭކަން ނޭދެއެވެ. ރައްޔިތުންގެ ގިނަ މީހުން ބޭނުންވަނީ އެމީހުންގެ ދާއިރާއަށް ހެވާލާބަ ހޯދައި ދިނުމުގައި އެމީހުން އިންތިހާބުކުރާ އެންމެންގެ އެއްބާރުލުމާ ބައިވެރިވުން ދާއިރާގެ ރައްޔިތުންނަށް ދިނުމަށެވެ. ވެވެން އޮތް ހުރިހާ ގޮތަކުން ރައްޔިތުންގެ ބޭނުންތައް ފުއްދާ ދިނުމުގައި ރައީސާ އަތުގުޅާލުމަށެވެ. ގުޅިގެން އެކުގައި މަސައްކަތްކޮށް ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކޮށްދިނުމަށެވެ.
އިދިކީލިވެ ސަރުކާރަށް ޖެއްސުންކޮށް ދަތިކޮށް ރައްޔިތުންގެ ކަންކަން ވިޔަނުދޭން ކުޑަވެސް ކަމެއް ކުރުމަކަށް ރައްޔިތުންގެ ގިނަ ބަޔަކު ނުރުހެއެވެ. ދާއިރާތަކުގެ ގިނަ ރައްޔިތުން ބޭނުން ވަނީ އެ މީހުންގެ ކުރިއެރުމަށްޓަކާ އެ މީހުން އިންތިހާބުކޮށްފައި ތިބޭ ކައުންސިލަރުންނާއި މޭޔަރުންނާއި މެންބަރުން ރައީސާ އަތުގުޅާލައިގެން ކުރިއަށް ދިޔުމަށެވެ.
ބާރުވެރިކަން ހޯދުމަށް އެމްޑީޕީގެ ތެރޭގައި ޖާހިލު ވިސްނުމެއް އަށަގަންނަވައިގެން ވަކި މީހަކަށް ބާރުވެރިކަން ހޯދާ ވަކި މީހެއްގެ މުށުތެރޭގައި އަބަދު އެމްޑީޕީ އޮތުމަކަށް ގިނަ މެންބަރުން މިހާރަކު ނޭދެއެވެ.