ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ޖަވާބުދާރީ ކުރުވަންޖެހޭ: ސަލީމް

ހަމައެކަނި މިނިސްޓަރުން ޖަވާބުދާރީވުން މަޖުބޫރުކޮށްގެން ތިބުމަކީ ބާރުހަނިކުރުން

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ޖަވާބުދާރީ ކުރުވަންޖެހޭ: ސަލީމް

ގާނޫނުއަސާސީން މިނިސްޓަރުންނާ ސުވާލު ކުރުމުގެ ހައްގު ވަރަށް ފުޅާކޮށް ދީފައި އޮވެއެވެ. އިތުރު ގާނޫނެއް އެކަމަށް އޮތުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމު އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނެސްދެއްވައިފިއެވެ.

ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނާ ހެދި، ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި މެމްބަރުންނަށް، މިނިސްޓަރުންނާ ސުވާލުކުރަން ދީފައިވާ ހައްގު ހަނިވާ ކަމަށް ވެސް އަހުމަދު ސަލީމު ވިދާޅުވެއެވެ. މިނިސްޓަރުންނާ ސުވާލު ކުރުމާ ގުޅޭ ތަފްސީލްތައް ގާނޫނުއަސާސީއަށް ފުށުނާރާ ގޮތަށް ހިމަނަން ޖެހެނީ މަޖިލީހުގެ ގަވައިދުގައި ކަމަށް ސަލީމް ވިދާޅުވެއެވެ. 

ދުނިޔޭގެ ރިޔާސީ ނިޒާމަށް ވެރިކަން ކުރާ ގައުމުތަކުގައި އޮންނަގޮތް ސަލީމު ވިދާޅުވެ ދެއްވިއެވެ. "ވަޒީރުން މަޖިލީހުގެ މެންބަރުންނާ ސުވާލު ކުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަނޑައަޅާފައި އޮންނަނީ ހައުސް ރޫލްސްގެ ތެރޭގައި. ނުވަތަ މަޖިލިސް ހިންގާ ގަވައިދުގެ ތެރޭގައި،" ގައެވެ. 

ހައްސާސީ މުހިންމު ކަންކަމުގައި މިނިސްޓަރުން ނޯޓިސް ދިނުމަކާ ނުލައި ހާޒިރު ކުރަން ވެސް ގާނޫނު އަސާސީން މަޖިލީހަށް ފުރުސަތު ދެއެވެ. ނަމަވެސް އެކަމަށް ހުރަސް އަޅަނީ މިހާރު އޮތް ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު ކަމަށް މެންބަރު ސަލީމް ވިދާޅުވެއެވެ.

ގާނޫނުއަސާސީން ސަރުކާރު ޖަވާބުދާރީކުރުމުގެ ޒިންމާ މަޖިލީހަށް ދީފައިވާއިރު، ގާނޫނުގައި ހަމައެކަނި މިނިސްޓަރުންނާ ސުވާލުކުރުން ކަމަށް ބަޔާންކޮށްފައި އޮތުމަކީ ޖަވާބުދާރީކުރުވަން ވަރަށް ބޮޑަށް ހުރަސް އަޅާ ކަމެކެވެ.

މަޖިލީހުގެ ނައިބު ރައީސް ވިދާޅުވާ ގޮތުގައި " ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ހަމައެކަނި ވަޒީރުންގެ މައްޗަކަށް ނޫން. އެ މަޖިލީހުގެ އެންމެ އިސް ދެ ބޭފުޅުންނަކީ ރައިސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް. ގާނޫނުއަސާސީގައި މި ބުނަނީ ސަރުކާރުގެ އެހެން ވެސް މަގާމެއްގައި ހުރި މީހަކު އެމީހެއްގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ޖަވާބުދާރީވާން ޖެހޭނެ،" އެވެ. ގާނޫނުއަސާސީ ބައްޓަން ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހެއެވެ. ހަމައެކަނި މިނިސްޓަރުންނަށް މަޖިލީހަށް ޖަވާބުދާރީވުން މަޖުބޫރުކޮށްގެން ތިބުމަކީ މަޖިލީހަށް އޮތް ސަރުކާރު ޖަވާބުދާރީކުރުވުން ހަނިކުރުން ކަމަށް ސަލީމް ސިފަކުރައްވައެވެ. 

އަނެއްކޮޅުން ރައިސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނައިބު ޖަވާބުދާރީވާން ޖެހޭ ވަރަށް ހާއްސަ ހާލަތްތައް ވެސް އެބަހުއްޓެވެ. އެކަމަށް އިޖުރާއަތެއް މަޖިލީހުގައި ހެދިފައި ނެތުމުން އެކަން މިހާތަނަށް ކުރެވިފައިނުވާ ކަން ސަލީމް ފާހަގަ ކުރައްވައެވެ. އެހެންކަމުން 

އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސަރުކާރުގެ އެހެން ވެރިން ވެސް މަޖިލީހަށް ޖަވާބުދާރީ ކުރުވޭނެ އިޖުރާއަތްތައް މަޖިލީހުގެ ގަވައިދުގައި ހިމަނަން ޖެހެއެވެ. "އެކަން އެ މަގު ހިނގަން މަޖިލީހަށް ލާޒިމް، ވާޖިބު ކަމެއް. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާ. އެހެންވެ އަޅުގަނޑުގެ ހުށަހެޅުމަކީ ވަޒީރުންނަށް ސުވާލު ކުރުމުގެ ގާނޫނު އުވާލައި، ގާނޫނުއަސާސީން ލިބިދޭ ސަރުކާރު ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަން ޖެހޭ ގެންނަން ޖެހޭ އިސްލާހުތައް ގަވައިދަށް ގެނައުން،" ސަލީމް ވިދާޅުވި އެވެ.