އޭރުކާން އުޅުނު ރާކަނިމަސް މިދަނީ ފިހެވެމުން ކެވެމުން

މަޖިލީހުގައި ހުރިހާ ގޮނޑިއެއްގައި އިންނެވީ ރައީސް މުއިއްޒު: މާރިޔާ ދީދީ

އޭރުކާން އުޅުނު ރާކަނިމަސް މިދަނީ ފިހެވެމުން ކެވެމުން

މަޖިލީހުގައި ހުރިހާ ގޮނޑިއެއްގައި އިންނެވީ ރައީސް މުއިއްޒު ކަމަށް މާރިޔާ ދީދީ ވިދާޅުވީމާ ބަޔަކު ބުމަ ގޮއްޖަހާނެކަމެއް ނެތެވެ. މަރިޔާ ދީދީ އެ ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެކެވެ. ރައްޔިތުން އިންތިހާބުކޮށްފައި ތިބި މެންބަރުންގެ ބާރު ވަނީ ކަނޑުވާލާފައެވެ. މެންބަރުންނެކޭ މުއިއްޒު އަތުގައި ރިމޯޓް އޮތް ރޮބަޓްތަކެކޭ ތަފާތެއް ނެތެވެ. ރައްޔިތުންގެ އަޑު މަޖިލީހުން އެވަނީ ކަނޑުވާލާފައެވެ. ގޮނޑި ގެއްލިދާނެ ކަމުގެ ބިރަށް މެންބަރު އެ ހުންނަނީ ދެކަމު ހާޖަތަށް ދެވިދެވިއެވެ. އަމިއްލަ ދަންމަޅި އަމިއްލަ ކަރަށް މަހާލައިގެން މަޅިގަނޑަށް ބާރުކުރާކޮޅު އެތިބީ މުއިއްޒު އަތަށް ދީގެންނެވެ. އެވަރުވީމާ މަޖިލީހުގައި ހުރިހާ ގޮނޑިއެއްގައި އިނީ މުއިއްޒޭ ނުބުނެވޭވަރު ހެއްޔެވެ. 

މާރިޔާ ދީދީ ރޭގައި ދެންވެސް އެ ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެކެވެ. ފަނޑިޔާރުގޭގެ ގޮނޑިތަކުގައި އެ އިންނަވަނީ ވެސް ހަމަ ރައީސް މުއިއްޒެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ. މަޖިލީހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ބޭނުން ފަނޑިޔާރަކު ގޮނޑިން މުއިއްޒަށް އެއްލާލެވޭނެއެވެ. ފަނޑިޔާރެއްގެ ސްލޫކެއް އެހެން އެއްޗެއް ބެލުމެއްނެތި ފަނޑިޔާރުން ކަނޑާ އުކާލުމުގެ ފުރިހަމަ ބާރު މުއިއްޒުގެ މުށުތެރޭގައި މިހާރު އެބައޮތެވެ. 

މާރިޔާ ދީދީ އެހެން ވިދާޅުވުމުން އެމްޑީޕީއަށް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ލިބުމުން ކުރީ ކީއްތޯ ބައެއް މީހުން ސުވާލު އުފައްދައެވެ. ޖޭއެސްސީގެ ކޮންޕޮޒިޝަން ބަދަލުކުރުމުގެ ބާރުލިބި އެކަން ނުކުރާ ވާހަކަ ދައްކައެވެ. ރައީސް ސޯލިހު ވައުދުވެ ވަޑައިގެން ކަންކަމުގެތެރެއިން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކުރައްވަންޖެހިވަޑައިގެން ގިނަކަންކަން ނުކުރެވޭ ވާހަކަ ދައްކައެވެ.

ތެދެކެވެ. އެމްޑިޕީއަށް ވެސް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ލިބުނެވެ. އެކަމަކު ރައިސް ސޯލިހަކަށް މަޖިލީހުން މެންބަރުން ވަކިކުރުމުގެ ބާރެއް ނުލިބެއެވެ. މަޖިލީހުން މެންބަރުން ވަކިކުރުމުގެ ބާރު ހޯއްދަވާކަށްވެސް ނޫޅުއްވައެވެ. އުޅުއްވިނަމަ ލިބިވަޑައިގަތީސްވެސް ތޯއްޗެކެވެ. ރައީސް މުއިއްޒާއި ރައީސް ސޯލިހުގެ އެންމެ ބޮޑު ތަފާތަކީވެސް އެއީތާއެވެ. ބާރު އޮތަތީ ބާރުގެ ބޭނުން ނުހަމަގޮތުގައި ކުރެއްވުމަކީ ރައީސް ސޯލިހުގެ ފަރާތްޕުޅުގައި ނެތް ކަމެކެވެ.

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެން ބާރުގެ ދަހިވެތިކަމުގައި އިދިކޮޅަށްވުރެ އިދިކޮޅުވެގެން މަޖިލީހުގެ ތަޅުމަކީ އިދިކޮޅުޕާޓީގެ ހަރުގެއަށް ހެއްދެވިއެވެ. އެކަން އޭރުއޮތް މަޖިޅިހުގެ ރިޔާސަތުން ކުރެއްވީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންތަކަކާއި އިދިކޮޅު މެންބަރުން ބައިވެރި ކުރައްވައިގެންނެވެ. އެމްޑީޕީގެ އޭރުގެ ރައީސް އެގޮތަށް ދިމާކުރެއްވުމުންވެސް ރައީސް ސޯލިހު އިސްކުރެއްވީ މަސްލަހަތެވެ. ދައުލަތް ހިންގެންނެތް ވަރަށް މަޖިލީހުގެ ރިޔާސަތުގައި އޭރު ތިބި ރައީސާއި ނައިބުރައީސްގެ އުދަގޫ ބޮޑުވުމުން ނޫނީ ރިޔާސަތު ބަދަލު ކުރިޔަނުދީ ރައީސް ސޯލިހު ހިފެހެއްޓެވިއެވެ.   

ޖޭއެސްސީގެ ކޮންޕްޒިޝަން ފަދަ އިސްލާހީ ހެޔޮ ބަދަލުތައް ނިޒާމަށް ގެންނަވަން ރައީސް ސޯލިހު ވައުދުވެ ވަޑައިގެންގޮތަށް އިސްލާހުތައް މަޖިލީހުގެ ތެރޭގައި އެޖެންޑާނުކޮށް މަޖިލީހުގެ ރިޔާސަތުން އޮބެހެއްޓިއެވެ. އެޖެންޑާނުކޮށް މަޖިލީހުގެ ރިޔާސަތުން އޮބެހެއްޓީ ރައީސް ސޯލިހާ ދެކޮޅަށް ދުނިޔެ އުމުރަށް ބޭނުންކުރާނެ ހަތިޔާރެއްގެ ގޮތަށް އެކަންކަން ހެދުމަށެވެ. އެހެންވެ މީހާރު އެމްޑީޕީ އާއި ދެކޮޅަށް ދައްކަން އެވާހަކަ އޮންނާނެއެވެ. ކަމަކީ ރައީސް ސޯލިހުގެ ވެރިކަން ފޭލިކޮށްލަން އެމްޑީޕީގެ ތެރޭގައި އޭރު ތިބި ބަޔަކު އިދިކޮޅާ ގުޅިގެން މުޅި ގައުމަށް ވީ ބޮޑު ހިޔާނާތެކެވެ. ތެދެކެވެ. އެކަމުން އިބޫ ނޫން ގޮތެއް ހޯދިއްޖެއެވެ. މަތިހަށި ނަގާފައި އޭރުކާން އުޅުނު ރާކަނިމަސް މިހާރު މިދަނީ ފިހެވެމުން ކެވެމުންނެވެ.