ސައީދު ދެކެ ގަންނަނީ އަމަށަކު ބިރެއް ނޫން
ފެނަކައިގެ ބިޔަ ލަޝްކަރު ދެކެ ވާދަވެރިން ބިރު ގަންނަނީ
ފޯރި އެބަހުއްޓެވެ. އެއްބަޔަކު ފައިސާ ނުދައްކާ ހުރި ތަންތަނާއި ދަރަނީގެ ތަފްސީލު ހޯދަނީއެވެ. އާރުލާ ކަމެއް ނުފެނިގެން ފީ އިލޮއްޓެއްގެ ވާހަކަ ހިފައިގެން ނަމަވެސް އެންޓިކޮރަޕްޝަނަށް ކުދިވެރިން ދުއްވަނީއެވެ. އަނެއް ބަޔަކު ވުޖޫދުގައި ނުވާ ވަޓްސަޕް ގުރޫޕުތަކުން މެންބަރުނަށް ނުފޫޒު ފޯރުވާކަމަށް ބުނެ ދޮގު ފަތުރަނީއެވެ. ސިޔާސީ ފިތުނައިގެ އޮވަރުގެ ތެރެއަށް ފެނަކަ ކޯޕަރޭޝަން ވައްޓާލަން ބަޔަކު އެހާ ފޯރިއެއް ނަގަނީ ކީއްވެހެއްޔެވެ. ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ދެކެ ސިޔާސީވެރިން އެހާ ބިރެއް މި ނަގަނީ ކީއްވެ ހެއްޔެވެ.
ފުވައްމުލައް ސިޓީގައި އަމިއްލަ މީހަކު ހިންގާ މަސްހޫރު ބާބާ ގާޑިޔަލަށް ފެނަކައިން ސޯލާ ޕެނަލެއް ދީގެންނޭ ކިޔައިގެން މީހަކު ލައްވާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިހައް ދުވަހު މައްސަލައެއް ވައްދައިފިއެވެ. އެ މައްސަލައިގައި ކުށަށް ތުހުމަތު ކުރަނީ ރައީސުލްޖުމްހޫރިއްޔާއާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަށެވެ. މައްސަލައިގެ މޯޓިވްއަށް ވިސްނާލުމުން ކަމަކީ ސިޔާސީ ތުހުމަތެއްކަން ސާފެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. ސޯލާއިން ކަރަންޓް އުފައްދާ ކަރަންޓް ދިނުމުގެ ތަޖުރިބާ ތަކެއް ފެނަކައިން ކުރަމުން އެބަދެއެވެ. ބާބާ ގާޑިޔާ ކަހަލަ ގިނަ ބަޔަކަށް ހިދުމަތްދޭ ޒަމާނީ ކޮންސެޕްޓެއްގައި ކާބޯ ތަކެތީގެ ހިދުމަތްދޭ މޯބައިލް އުޅަދަކަށް ބޭނުންވާ ކަރަންޓް އުފައްދާ ފޯރުކޮށް ދިނުމުގެ ތަޖުރިބާއަކީ ފެނަކައިން ކުރާ އައު ތަޖުރިބާއެކެވެ. އެ ފަދަ އުޅަދަކަށް ފެނަކައިން ސޯލާ ޕެނަލެއް ދިނުމުގެ ދެ ބޭނުމެއް ވިސްނެއެވެ. އެއްވިސްނުމަކީ މޯބައިލްކޮށް ކާބޯތަކެތި ގެންގުޅެ ހިދުމަތް ދޭ އުޅަދު ފަހަރު އިތުރު ކުރުމެވެ. ޒަމާނީ ހިދުމަތް ތަކަށް ކާބޯތަކެތި ވިއްކާ އުޅަދުތައް އަހުލުވެރިކުރުވުމެވެ. އެ ޒާތުގެ ހިދުމަތްތައް ކުރިއެރުވުމަށްޓަކައި ނަމޫނާ އުޅަދެއް ރާއްޖެއަށް ތައާރަފް ކުރުމުގެ އިޖުތިމާއީ ޒިންމާ އަދާކުރުމެވެ. ދެވަނަ ވިސްނުމަކީ ސޯލާ އެނަރޖީއަށް ރައްޔިތުން ޝައުގު ވެރިކުރުވާ އެކަމުގެ ތަޖުރިބާ ކުރުމެވެ.
ކަމަކީ އެކިއެކި ޝޯތަކާ މުބާރާތްތައް ސްޕޮންސަރ ކުރުންފަދަ މާކެޓިންގެ ފިޔަވަޅެކެވެ. އެހެނެއް ކަމަކު ތުހުމަތު ކުރާނެ އެހެން ކަމެއް ނެތިގެން ބާބާ ގާޑިޔަލަށް ސޯލާ ޕެނަލެއް ދިނުމަކީ ވެސް ބޮޑުފާފަ އަކަށް ހެދީއެވެ. ބޮޑު ވެގެންވާ ކޮރަޕްޝަނަކަށް ވާދަވެރިންނަށް އެކަން ވެއްޖެއެވެ.
ފެނަކައިން ފައިސާ ދައްކަން ޖެހިފައިވާ ތަންތަނާއި ކަންކަމާއި އަދަދުތައް ވެސް ބަޔަކަށް ނޭނގިގެން ރޫޅި ވެރޭހާ ވެއްޖެއެވެ. އެކިއެކި ފަރާތް ތަކާއެކު ފެނަކައިން އޮންނަ ވިޔާފަރީގެ މަސްލަހަތުތައް ވެސް މަގުމަތީ އަވީލާފައި ހުންނަ ލޮނުމަސްހެން އަވީ ނުލައިގެން ހީވަނީ ރޭނިދި ނުނިދިގެން އުޅޭހެނެވެ. އުޅޭ ފާޑުން ހީވަނީ ފެނަކައިގެ ހުރިހާ ދަރަންޏެއް ދައްކަނީ އެ މީހުންގެ ޖީބުން ހެންނެވެ. ފެނަކައިން ދަރާފައި އޮތް ތަންތަނާއި އަދަދު ބަލާހެން، ފެނަކައަށް ލިބެން ޖެހި ނުލިބި ހުރި ހުރިހާ ފައިސާއެއް ހޯދާ ދޭން އުޅުނިއްޔާ މާ ތާހިރުވާނެއެވެ.
އަނެއްކާ ވުޖޫދު ނުވާ ވަޓްސަޕް ގްރޫޕަކުން މަޖިލިސް މެންބަރުންނަށް ފެނަކަ ސައީދު ނުފޫޒު ފޯރުވާތީ މެންބަރުން އެ ތިބެނީ އަބަދު ކުޑަދޫ ބޭރު ވެފައި ނޫން ހެއްޔެވެ. ހުރިހާ މެންބަރުން އެސްފިޔަ ޖަހަނީ ވެސް ސައީދު ޖަހާ އެސްފިޔައިގެ ފަހަތުންނެވެ. ބޮންޑޭ ވެސް ހުންނަވާނީ އެ ހާލުގައި ތާއެވެ. މަޖިލީހުގެ އަޑުގަދަކުރާ ވެސް ސައީދައިގެން ހުންނަނީ މާވަރެއް ވިއްޔާއެވެ.
އަސްލުގައި ވެގެން އުޅެނީކީ އެހެނަކުން ނޫނެވެ. ސައީދުގެ ކައްޕިތާނު ކަމުގައި ފެނަކަ ޓީމު މާމޮޅަށް ކުޅެ ޖަހާ ގޯލު މާގިނައީއެވެ. ހުއްޓުމެއް ނެތި ރަށްރަށުގެ ނަރުދަމާ އަޅާ ސާފު ބޯފެން ވިއުގަތައް ގުޅާ ނިމޭތަން ބަލަން ވާދަވެރިންނަށް ހަޖަމު ނުވަނީއެވެ. ރަށްރަށުގައި އައިވީހެން ދިން ކަރަންޓް ބޭނުން ވަރަކަށް ރައްކާތެރިކަމާއެކު ރައްޔިތުންނަށް ދޭ ދިނުން ފެނި މޭކަރަނީއެވެ. މަސްދިލަ ޖައްސާ ބަދިގެ ތަކެއްހެން ހުރި އިންޖީނުގެތައް ލައްޕާ ޒަމާނީ އައު އިންޖީނުގެ ބިނާކޮށް ނިންމާ އެ ތަންތަނުން ކަރަންޓް ލިބިގެން ރަށްރަށު މީހުން އުފަލުން އުޅޭތަން ބަލަން ކެތް ނުވަނީއެވެ.
ރަށްރަށުގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ރައީސް ސާލިހުވެ ވަޑައިގަތް ވައުދު ފުރިހަމަވެ ނިމޭތީ ވާދަވެރިން ހަސަދަވެރި ވަނީ މާބޮޑަށެވެ. އަތޮޅު ތަކުގައި އޮތް ފެނަކައިގެ ބިޔަ ލަޝްކަރު ދެކެ ވާދަވެރިން ބިރު ގަންނަނީ އަމަށަކު ވަރަކަށް ނޫނެވެ. ރަށްރަށު ގިނަ ބަޔަކަށް ވަޒީފާ ލިބުމަކީވެސް ބަޔަކު ފިސާރި ރުޅި އަރާ ކަމެކެވެ.
ފެނަކަ ޓީމުގެ ހުނަރުވެރި ކެޕްޓަންގެ ވާގި ނައްތާލަން އިދިކޮޅުޓީމް ތަކުން އުއްޑަކައްކާ ތަށިދުއްވާ ހަދަނީ އެހެންވެއެވެ. ޓީމް އަތް ދަށުލާން ދަހިވެތި ވެފައި ބައިކޮޅު ބެންޗުގައި ތިބި މީހުން ވެސް އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ކެޕްޓަން ދަނޑުން ބާލަން ކުރެވުނު ކަމެއް ކުރާނެތާއެވެ. އެކި ރާގު ރާގަށް މަޖިލީހުގެ ތާޅަފިލި ދޮޅި ކެނޑެންދެން ހުއްޓަނުލާ ގޮވާލަ ގޮވަލާ އެ ހުންނަނީ ފެނަކަ ޓީމު ދެކެ ބިރުނަގާ ވާހަކައެވެ.