މަށަށް ނުލިބި އެހެން މީހަކަށް ލިބިގެން ނުވާނެ!
ވަލު ދޮރަށީގައި ޓަކި ޖަހާ ނުލެވޭނީ އާރެއް ބާރެއް ނެތް ނިކަމެތި މީހާއަށް
ސަރުކާރުގެ އިދާރާއަކުން ކަމަކަށް ފުރުސަތެއް ހުޅުވާލާއިރަށް މި ތިބަ އުޅެވޭ ގޮތެކެވެ. ކިތަން މެ ރަނގަޅު ހަމަޔަކާ އުސޫލެއް އިއުލާނު ކޮށްފައި އޮތަސް ފަރުވާލެއް ނެތެވެ. އަހަރެން އެ އުސޫލަށް ނުފެތުނަސްހެވެވެ. އެންމެ ފުރަތަމަ އެކަމެއް ވާން ޖެހޭނީ މަށަށެވެ. މަށަށް އެކަމެއް ވެވެން އޮތީ ކޮން ކުރު މަގަކުން ގޮސްގެންތޯ އެހިސާބުން ބެލެއެވެ. އެކަމެއް ވާން އޮތީ ރިޝްވަތު ދީގެންނަމަ އެގޮތަށެވެ. ބައިއަޅައިގެން ނަމަ އެގޮތަކަށެވެ. މަގްސަދަކީ މަށަށް ނުވެ އެހެން މީހަކަށް ނުވުމެވެ.
ފްލެޓްވިޔަސް ގޯތި ވިޔަސް ޕްރޮޖެކްޓެއް ވިޔަސް ވަރިހަމައެވެ. ހަމަޔާ އުސޫލު މުގުރާލާފައިވެސް މަށަށް އެކަމެއް އެދޭގޮތަކަށް ވާންޖެހޭނެއެވެ. އަމްދުން ގޯއްޗާ ފްލެޓްގެ ޑިމާންޑް ވަރަށް ބޮޑެވެ. ދެވެން ހުރި އަދަދަށްވުރެ ބޭނުންވާ މީހުން ގިނައެވެ.
އިއުލާނުކޮށްފައިވާ ޝަރުތުތައް ފުރިހަމަ ކުރުމަށްޓަކާ ކުރަންޖެހޭ ކަމެއް " ބޯ ބަހައްޓައިގެން " ކުރާ މީހުން ނިކަން ގިނައެވެ. ނޫޅޭ ވަޒީފާގައި އުޅުނު ކަމުގެ ލިޔުން ހޯދައެވެ. ނޫލޭ ގޭގޭގައި އުޅުނު ކަމުގެ ހެކި ހޯދައެވެ. ނުއުފަންނަ ދަރިން ބަލާ ކަމަށް ހަދައެވެ. މަތީ މާރކްސް ލިބޭނެ ހުރިހާ ގޮތަކަށް ލިޔެކިޔުން ހަމަކުރެއެވެ. ތެދެއް ދޮގެއް ނުބަލައެވެ. ދޮގު ލިޔުމާ ދޮގު ހެކި ހޯދަނީ އެއްޗެއް ހިތަށް އަރާނުލައެވެ.
ފޯމް ސަބްމިޓް ކުރުމަށްފަހު ދެން ދުއްވައިގަންނަނީ ނުފޫޒެއް ފޯރުވޭނެ ގޮތެއް ހޯދުމަށެވެ. ގޮތް ނިންމޭވަރުގެ ވެރިއަކާ ގުޅުން ހުރި މީހަކު ހޯދައިގެން ހޯދެން އޮތީ ކޮން ގޮތަކުން ކަންތައް ކޮށްގެންތޯ ބަލައެވެ. ވަލު ދޮރާށިން ވަދެވެން އޮތް ވަރަކަށް ވަދެ ހެދުނު އެއްޗެއް ހެދޭތޯ ނުބަލަނީ މަދު މީހެކެވެ. އެހެން ގޮތެއް ނެތިއްޔާ ދާއިރާ މެންބަރު ނަމަވެސް ބްލެކް މޭލު ކުރާނެއެވެ. ފްލެޓް ނޫނީ ގޯތި ނުލިބިއްޖެ ނަމަ މުޅި އާއިލާގެ ވޯޓު ނުދޭނެކަމަށް ބުނެ އިންޒާރު ދޭނެއެވެ.
ގިނަ ފަހަރަށް ވަލު ދޮރަށީގައި ޓަކި ޖަހާ ނުލެވޭނީ އާރެއް ބާރެއް ނެތް ނިކަމެތި މީހާއަށެވެ. ނިކަމެތި އާރެއް ބާރެއް ނެތް މީހާއަށް ހައްގު މާރކްސް ލިބޭ ވަރަށް ފޯމުވެސް އޮންނާނީ ފުރިހަމަ ނުކުރެވިފަވެއެވެ. އޮޅުވާލައިގެން ޑޮކިއުމެންޓެއްދީ ދޮގު ހެކި ދޭނެ މީހަކުވެސް ނިކަމެތި މީހާއަކަށް ނުވާނެއެވެ. އެމީހާ ހުންނާނީ ޝަރުތު ހަމަ ނުވެގެން ތާއަބަދު މަގުމަތީގައެވެ.
ކޮންމެ ސަރުކާރަކުން ކޮންމެ އުސޫލެއް ހަދައިގެން އަމަލު ކުރިޔަސް މިނޫން ވަރެއް ނުވެއެވެ. ކޮންމެ މީހަކު އެ މީހެއްގެ އަމިއްލަ ނަފްސަށް ތެދުވެރި ނުވާ މުޖުތަމައެއްގައި އޮންނާނީ މަށަށް މަށަށް ގޮވުމެވެ. މަށަށް ނުލިބި އެހެން މީހަކަށް ނުލިބުމެވެ. މީ ދެން ފުކެއް ބޮޑުވަރެވެ.