ކެޓްޝެލްޓަރ މުއިއްޒުގެ ފައިސާޖަހާ މެޝިނަކަށް ހެދުން
ކެޓްޝެލްޓަރ ގާއިމުކުރުމުގައި ސަރުކާރުގެ އެއްވެސް ދައުރެއްނެތް!
ބުޅަލުގެ އުނދަގުލުން މާލޭ ރައްޔިތުން ސަލާމަތް ކޮށްދެއްވުމަކީ މޭޔަރ އާދަމް އާޒިމުގެ އިންތިހާބީ ވައުދެކެވެ. އާޒިމް މޭޔަރުކަމަށް އިންތިހާބު ވުމާއެކު އެންމެ ބޮޑަށް އިސްކަމެއް ދެއްވި އެއްކަމަކީ ކެޓް ޝެލްޓަރ އެއް ގާއިމުކޮށް އެތަނަށް ބުޅާތައް ގެންދިއުމެވެ. އިންތިޒާމެއްގެ ތެރޭން ބުޅަލުގެ އާބާދީއަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމެވެ. މަގުމަތީގައި ގިނަވެގެން އުޅޭ ބުޅާތަކަށް ދިމާވާ އެކްސިޑެންޓްވުމާއި އެކިވަރުގެ އަނިޔާތަކުން ބުޅާތައް ސަލާމަތާއި ރައްކާތެރިކަން ހޯދާދިނުމެވެ. ބުޅަލުގެ ބޮޑު އަބާދީގެ ސަބަބުން ކުރިމަތި ވަމުންދާ އުނދަގޫތަކާއި ދިމާވެދާނެ ސިއްހީ މައްސަލަތަކުން މާލޭގައި ދިރިއުޅޭ މީހުން ސަލާމަތްކޮށް ދިނުމާއި މާލޭގެ ސާފުތާހިރުކަން ކަށަވަރު ކުރުމެވެ.
ކެޓް ޝެލްޓަރގެ ކަންތައްވެސް ރައީސް މުއިއްޒު ވަނީ ކަނދިކަމަނާ މަސްތެލުލުމަށް ދުއްވާލާފައެވެ. ހުޅުމާލޭން ޝެލްޓަރ ހެދުމަށް ބިމެއް ދޫކުރުން ފިޔަވާ ކެޓް ޝެލްޓަރގެ އެއްވެސް ކަމެއް ސަރުކާރަކުން ނުކުރެއެވެ.
ކެޓް ޝެލްޓަރ ހެދުމުގެ ހުރިހާ މަސައްކަތަކާއި ހަރަދެއް ކުރީ މާލޭ ސިޓީ ކައުންސިލުންނެވެ. ވެރިކަމުގެ ފުރަތަމަ އަހަރު ކުރެވުނުކަމެއްގެ ގޮތުގައި ދެއްކުމަށް ކެޓް ޝެލްޓަރގެ މަސައްކަތް މުޅިން ނުނިމެނީސް ސަރުކާރުން ކުރި ކަމެއްގެ ގޮތުގައި ރަސްމީކޮށް އޮޅުހިޔާ ނަމުގައި ބުޅާ ޝެލްޓަރ ހުޅުވީއެވެ.
ކެޓް ޝެލްޓަރ ހުޅުވިއިރު ޝެލްޓަރގެ އޮނިގަނޑުގެ މަސައްކަތް ކުރެވިފައި ހުރި ނަމަވެސް އެތަނުގައި ގާއިމުކުރަން ޖެހޭ އެތައް ފެސިލިޓީއެއް ހުރީ ގާއިމު ނުކުރެވިއެވެ. ޝެލްޓަރގައި ހުންނަންޖެހޭ ފަރުވާ ދިނުމުގެ ނިޒާމާއި ކާން ދިނުމުގެ އިންތިޒާމްތަކާއި އެނޫންވެސް މުހިންމު އެތައް ކަމެއް ހުރީ ގާއިމު ނުކުރެވިއެވެ. ކުޑަ މިނުން ތަން ބަލަހައްޓާނެ މުއައްޒަފަކުވެސް ނެތެވެ. ބުޅަލަށް ފަރުވާދޭނެ ޑޮކްޓަރުންނެއް ކެއަރޓޭކަރުންނެއް ނެތެވެ.
މާލޭ ސިޓީ ކައުންސިލްގެ ހަރަދުގައި ކޮށްފައިވާ އެބުރަ މަސައްކަތަށް އެއްވެސް އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށެއް ނުދެއެވެ. ބަޖެޓެއް ނުދެއެވެ. ކެޓް ޝެލްޓަރ އަށް ހޯދާފައި ހުރި ހަމަ އެކަނި އެނިމަލް ޑޮކްޓަރަކީ ވެސް ސިޓީ ކައުންސިލްގެ މުއައްޒިފެކެވެ. އެހެން އެއްވެސް މުއައްޒަފަކު އަދި ކެޓް ޝެލްޓަރއަކުނެތެވެ.
އެނިމަލް މިނިސްޓްރީން ޒާތްޒާތުގެ އެސްއޯޕީތައް ހަދައިގެން ވަކިގޮތަކަށް ކަންކަން ކުރަން މާލޭ ސިޓީ ކައުންސިލަށް މަޖުބޫރު ކުރާއިރު މާލޭގައި އުޅޭ ބުޅާތައް އެތަނަށް ގެންގޮސްގެން ބެލެހެއްޓޭނެ ގޮތަށް އެތަނުގެ ކަންކަން އިންތިޒާމު ކުރަން ބޭނުންވާ އެއްވެސް އެހީތެރިކަމެއް މާލީ އެހީތެރިކަމެއް ނުދެއެވެ. އެހެން އެކަން އޮވެ ބުޅާ ފެސިލިޓީގައި މަސައްކަތް ކުރާ އެއްވެސް ފަންނީ މަސައްކަތްތެރިއެއް ނެތް ވާހަކައާއި އަލަށް ގެނެވޭ ބުޅާތައް ކަރަންޓީނު ކުރެވޭނެ ކޮށިތައް ނެތް ވާހަކަ ދައްކަން ސަރުކާރުން ލަދު ނުގަންނަކަމެވެ.
މާލެ ސިޓީ ކައުންސިލުން ރާވާފައިވާ ގޮތަށް މަގުމަތީގައި އުޅޭ ބުޅާތައް ކެޓް ޝެލްޓަރއަށް ގެންދިއުން ހުއްޓުވިއިރު ބުޅާތަކުގެ ސިއްހަތަށާއި، ދުޅަހެޔޮކަމަށް ކުރާނެ ނޭދެވޭ އަސަރުތަކުން ސަލާމަތް ކުރުމަށް ފެސިލިޓޭޓް ކޮށްދިނުމަކީ އެހެން ކޮންބައެއްގެ ކަމެއްހެއްޔެވެ.
ސަރުކާރުގެ މުޅި ވިސްނުމަކީ ކެޓް ޝެލްޓަރގެ މައިގަނޑު މަސައްކަތް ސިޓީ ކައުންސިލްގެ ހަރަދުގައި ކުރުވާ އެތަން ސަރުކާރަށް ނަގައިގެން މީމީހުންނާއި ޑީލް ހަދައިގެން ކުރާ ވިޔަފާރިއަކަށް ކެޓް ޝޭލްޓަރ ބަދަލުކޮށްލުމެވެ. އެކި ހުއްޖަށް ދައްކައިގެން އެންމެ ފަހުން ސިޓީ ކައުންސިލުން ކެޓް ޝެލްޓަރ ވަކިކޮށް މުއިއްޒުގެ ޑީލްހަދައިގެން ވިޔަފާރި ކުރާ ފެސިލިޓީ އަކަށް ކެޓްޝެލްޓަރ ބަދަލުކޮށްލީއެވެ.