ދައުލަތުން ހޭދަ ކުރަންވީ ފަސާދަ އުފައްދަންތަ!
ނޫސްވެރިކަން ކުރިއަރުވަން މިއަށްވުރެ ބޮޑަށް މަސައްކަތްކުރި ސަރުކާރެއްނެތް
ރައީސް މައުމޫނު ވެރިކަމުގައި ނޫހެއްގެ ގޮތުގައި ރާއްޖޭގައި އޮތީ އެންމެ ދެތިން ނޫހެވެ. ހަވީރާއި އާފަތިހާއި މިއަދު އެވެ. އެ ނޫސްތައް އޭރު ދެމިއޮތީ ސަރުކާރުން ސަބްސިޑަރީގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ދީގެންނެވެ. އެއިން ކޮންމެ ނޫހަކީ އޭރުގެ ކޮންމެވެސް ވަޒީރެއްގެ ނޫހެކެވެ. ދޭތެރެ ދޭތެރެއިން އެ ނޫން ނޫސްތަކާއި މަޖައްލާތައް ރަޖިސްޓްރީކޮށްގެން ހިންގޭތޯ ބެލިއެވެ. ހިންގުމުގެ ހަރަދު ދެކޮޅުނުޖެހި ނޫސްވެރިންނަށް އެކަށީގެންވާ އުޖޫރައެއް ނުދެވި ބަގުރޫޓުވެގެން ގިނަ ނޫސްތައް ޖެހުނީ ހުއްޓާލާށެވެ.
ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު އަމިއްލަ ފަރާތްތަކަށް ރޭޑިއޯ ސްޓޭޝަންތަކާއި ޓީވީ ސްޓޭޝަން ހިންގަން ހުއްދަލިބުމުން ގިނަ އަދަދެއްގެ ރޭޑިއޯއާއި ޓީވީތައް އުފަންވިއެވެ. ދުވަހު ނޫސްތަކާއި މަޖައްލާތައް އޭރުވެސް ނެރެން ފެށިއެވެ. އެހެނެއް ކަމަކު އެ ތަނެއްގެ ފަހަތުގައި މުއްސަދި މަހުޖަނަކު ނެތް ޗެނަލްތަކާއި ނޫސް މަޖައްލާތައް ވެސް ޖެހުނީ ކަފުން ކުރާށެވެ. ބަނގުރޫޓުވެ ދަރަނިވެރި ވެގެންނެވެ. އޭރުއްސުރެ ނޫސްވެރިކަމުގެ މަސައްކަތުގައި އުޅުނު ގިނަ މީހުން މަސައްކަތްކުރީ ހޮބީއެއްގެ ގޮތުގައެވެ. ނޫސްވެރިކަން ކޮށްގެން އުޅެލެވޭވަރުގެ އާމްދަނީއެއް މަދު ނޫސްވެރިއަކަށް ނޫނީ ނުލިބެއެވެ.
މަހުޖަނެއްގެ ބަނޑުވާ ހެދިގެން ނޫޅުނު ރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިން ތިބީ އަނގަޔާއި އަތާ ދިމާނުވެ މަގުމަތިވެފައެވެ. މަހުޖަނުން ހިތުހުރި ގޮތަކަށް ނޫސްވެރިން ވަޒީފާއިން ވަކިކޮށް މަގުމަތިކޮށްލާފައި ހުރީ މަދެއްކޮށް ނޫނެވެ. ނޫސްވެރިކަން ކޮށްގެން ނޫސް އެޖެންސީތަކަށް ދެކޮޅުޖެހޭ އާމްދަނީއެއް ލިބޭނެ އެއްވެސް ގޮތެއް ނޯވެއެވެ. އަމިއްލަ ވިޔާފާރި ތަކުން ސްޕޮންސަރއެއް ދިއްކޮށްލެވެނީ މަދު ބަޔަކަށެވެ. ސަރުކާރުން އަޅާ ނުލައިފިނަމަ ނޫސްވެރިކަން ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ގޮތެއް ރާއްޖެއަކު ނޯވެއެވެ. އެވަރުގެ ފުރުސަތުތަކެއް ނެތެވެ.
ނޫސްވެރި ކަމަކީ ނުފޫޒު ހުރި މީހުން އެ މީހުން ބޭނުންވާ ވަގުތެއްގައި ބޭނުން ވާހަކައެއް ފަތުރަން ބޭނުންކުރާ ހަތިޔާރަކަށް އޮތީ ހަދާފައެވެ. އެބަޔަކު ބޭނުން ނުވާ ގޮތަކަށް ވާހަކައެއް ގެނެސްދޭ ކޮންމެ ނޫހަކާއި ނޫސްވެރިއަކު ވިކިފައި ހުންނަކަމަށްވެ އަބަދުވެސް ނޫސްވެރިން ތިބެނީ ކަނޑިއެއްގެ މިޔަމަތީގައެވެ. ވަކި ބަޔަކު ބޭނުން ނުވާ ގޮތަކަށް ހަބަރެއް މައުލޫމާތެއް ގެނެސްދީފިނަމަ އެދެން ކަމާ ޖެހުނީއެވެ. ނޫސް އިދާރާތަކުގައި ރޯކޮށް ގައުއުކާ ނޫސްވެރިންގެ ފުރާނައަށް ނުރައްކާކޮށްފައި އޮތީ މަދެއްކޮށްނޫނެވެ.
ނޫސްވެރިންނާއި ނޫސްތަކަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭއިރު ނޫސްވެރިކަމަށް ކުރާ ފުރައްސާރައާއި ނުރައްކާ އިންތިހާއަށް ބޮޑުވިއެވެ. މިލޔަނުން ނޫސްތައް ޖޫރިމަނާ ކުރުމާއި އަބުރުގެ ގާނޫނުގެ ދަށުން ނޫސްވެރިން އަތުން ބަދަލު ހޯދުމުގައި ސަރުކާރު އޮތީ ލަވަ ކިޔާލާފައެވެ. ނޫސްވެރިކަން ކުރިއަރުވަން އެހީތެރިވެ ނުދޭތާ ތަފާތު ހިޔާލުގެ ނޫސްތައް ވުޖޫދުން ފުހެލުމަށް ސަރުކާރު އޮތީ އަތުކުރި އޮޅާލާފައެވެ. އެހާލަތު ދިވެހި ނޫސްވެރިން 2018 ނޮވެންބަރ 17 އާއި ހަމައަށް އައީ ތަހައްމަލު ކުރަމުންނެވެ.
ރައީސް ސޯލިހުގެ ތަފާތު ނުކުރުމުގެ ސިޔާސަތު އާއްމުވެފައި އޮތީ ވަކި އެއް ދާއިރާއަކަށް ނޫނެވެ. އެހެން ދާއިރާ ތަކެކޭ އެއްގޮތަށް ނޫސްވެރިކަން ކުރިއަރުވާ ދެމެހެއްޓުމަށް ރައީސް ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. ނޫސްވެރިންގެ ހައްގުތައް ކަށަވަރު ކޮށްދެއްވުމަށް ގިނަގުނަ މަސައްކަތްޕުޅު ތަކެއް ފެއްޓެވިއެވެ. އަބުރުގެ ގާނޫނު އުވާލާ ނޫސްވެރިންނަށް މިނިވަން ކަމާއެކު ބަސްބުނުމުގެ ހައްގު ހޯއްދަވައި ދެއްވިއެވެ. ސަރުކާރަށް ކުރާ ފުރައްސާރައަކުން ފަތުރާ އިދިކޮޅު ފިކުރަކުން ނޫސްވެރިންނާއި ނޫސްތަކަށް އަދަބެއް ނުދެއްވައެވެ.
ކުޑައެއް ބޮޑެއް ހަގެއް ދޮއްޓެއް ނުބައްލަވާ އެ ނޫހެއްގެ ވަރުން ނޫސްވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ އެއްބާރުލުން ދެއްވަން ފެއްޓެވިއެވެ. އިޖުތިމާއީ ޒިންމާގެ ދަށުން ހަމަޔާއި އުސޫލުގެ ތެރެއިންނެވެ. އާނއެކެވެ. ސަރުކާރުގެ ޒިންމާއަކީ ވަކި ދާއިރާއެއް ބާކީ ނުކޮށް ގައުމުގެ ހުރިހާ ކަންކަމެއް ކުރިއަރުވާ ތަރައްގީ ކުރުމެވެ. ހުރިހާ ދާއިރާއެއް ބާރުވެރި ކުރުވުމެވެ. އެކަމުން ނޫސްވެރިކަންވެސް އިސްތިސްނާއެއް ނުވެއެވެ.
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ރަނގަޅު ހިދުމަތްތަކާއި ސަރުކާރުގެ ސިޔާސަތު ތަކަށް ރައްޔިތުން އަހުލުވެރިކޮށް އެއްބާރުލުން ހޯދުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެކެވެ. ރައްޔިތުންގެ ތެރޭގައި އުފެދޭ ފިތުނަތައް ނައްތާލާ ސުލްހަމަސަލަސްކަން ގާއިމު ކުރުމަކީ ދައުލަތެއްގެ ވާޖިބެވެ. އެކަންކަން ކުރުމަށްޓަކާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތާއި ހޭދަ ސަރުކާރުން ކުރަންޖެހެއެވެ. ނޫސްތަކާއި ނޫނސްވެރިން މެދުވެރިކޮށް ސަރުކާރުން ކުރަނީ އެ މަސައްކަތެވެ. ދިވެހި ނޫސްވެރިކަން ކުރިއަރުވަން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރެވުނު ޒަމާނެއް ރާއްޖެ ނުދެކެއެވެ.
ތެދާ ހަގީގަތް ހާމަކޮށް ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަމެއް ނުކޮށް ދައުލަތުން ހޭދަ ކުރަންވީ ފަސާދަ އުފައްދަން ހެއްޔެވެ. ދައުލަތާ ދެކޮޅަށް އިދިކޮޅުން ފަތުރާ ދޮގުތަކާއި ފިތުނައަށް ގިނަ ނޫސްތަކުން ޖާގަ ނުލިބުމަކީ ނޫސްތައް ވިކިފައި އޮތުމެއް ނޫނެވެ. ކޮންމެ ނޫހަކުންވެސް އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީއާއި އެއްގޮތަށް ހާމަ ކުރަންޖެހޭ އެއްޗެއް ހާމަކުރުމާއި ކުރަން ބޭނުން ނުވާ އެއްޗެއް ހާމަ ނުކުރުމަކީ އެ ނޫހަކަށް ލިބިގެންވާ ހައްގެކެވެ. އިސްލާމް ދީން ކުރިއަރުވަން މަސައްކަތްކުރާ ނޫހެއްގައި ކްރިސްޓިއަން ދީނުގެ މޮޅު ވާހަކައެއް ނުލިޔާ އުސޫލުންނެވެ.