ހަސަން ލަތީފަށް: ހަސަނާ ތިޔައީ ބޮޑުވަރު
އެމްޑީޕީން ވަކިވާން ލިޔުނު ސިޓީ ހޯދައިގެން އަމިއްލައަށް ކިޔާލަ ބަލަ!
ދަރުމަވާނެއެވެ. ވަކި މީހަކަށް ވެރިކަން ހޯދައިދޭން ބޭނުން ވިޔަސް ހަސަނާ ތިޔައީ ބޮޑުވަރެވެ. އެމްޑީޕީގެ މެޖޯރިޓީ ތާއީދު ހަސަނު މެނަށް ގެއްލުނީ ތިޔަ ބުނާ ރައީސަކާއި ހަސަނު ލީޑަރޝިޕްގައި ތިއްބައެވެ. ހިތުހުރި ވާހަކައެއް ދައްކަމުން ހިތުހުރި އެއްޗެއް ހަދަމުން ދިޔައިރު މެންބަރުން ތިބީ ހަނެވެ. ބޮޑުތަނުން ފޭލިވެ މަގުމަތި ވީމާ ތިޔަ ފާޑަށް ތެޅި ބޭލުމަކުން ތާއިދެއް އިތުރެއް ނުވާނެއެވެ.
ސަރުކާރުން އެއްވެސް ކަމެއްގައި އެއްވެސް ހަރުދަނާ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ތިޔަވަނީ ހަސަނުމެން އަމިއްލައަށް ބާކީވެ ގަތުމުންނެވެ. ސިޔާސަތެއް އޮތްކަން ވެސް އެނގޭނީ ސިޔާސަތު އޮތްކަން އެނގޭ ހިސާބެއްގައި ހުރި ނަމަތާއެވެ. ދުރުގައި ހުރެ ވައްވައް ޖެހިޔަސް ކަމެއް އޮތް ގޮތެއް ހިނގާ ގޮތެއް ނޭނގޭނެއެވެ. އެނގުނަސް އެނގޭ ކަމަކަށް ނުވެސް ހަދާނެއެވެ.
އެމްޑީޕީގެ އިސްތުނާފު މަޖިލީހުގެ ފުރަތަ ރައީސްގެ ގޮތުގައި ހުރެ ނަޝީދުގެ ހުދުމުހުތާރުކަން ބޮޑުވެގެން އިސްތިއުފާ ދީފާ އެމްޑީޕީން ބޭރުވީ ވެސް ތިޔަ ހަސަނެވެ. ސޯސަލް ލިބަރަލް ޕާޓީ ހަދައިގެން އިބްރާ ވަރެއް ނެތިގެން އުޅުނީ ވެސް ތިޔަ ހަސަނެވެ. ވަތަން އެދޭ އިއްތިހާދަށް ވެރިކަން ލިބި އިބްރާގެ ސްލޮޓެއްގައި ނަޝީދުގެ ވަޒީރުކަން ހޯދީވެސް ތިޔަ ހަސަނެވެ. ވަޒީރު ކަމާއެކު ނަޝީދު ވަރެއް ނެތިގެން އެމްޑީޕީގެ ތެރެއަށް އަލުން ތޮރުފެގަތީ ވެސް ހަސަނެވެ. ޔޫތު އެންޑް ލޭބަރ މިނިސްޓަރުކަމުގައި ހުރެ ހިންގިހާ ޖަރީމާތަކާ ހުރެ ބްލެކްމެއިލްވެ ނަޝީދަށް އަޅުވެތި ވެގެން ތިޔަ އުޅެނީ ވެސް ހަސަނެވެ. ޑިމޮކްރެޓީކް އެއްވެސް ވެލިއުއެއް ހަމައެއް އިންސާފެއް ގަބޫލު ނުކޮށް ގާނޫނީ ވަކީލުންގެ ޕްރޮފެޝަން ވެއްޔާ މޮޑެނީވެސް ތިޔަ ހަސަނެވެ.
ހަސަން ލަތީފް: އެސްއެލްޕީ ތަމްސީލުކުރަނީ
ލަދުގަނތް ބަލާށެވެ. އެމްޑީޕީން ވަކިވާން ލިޔުނު ސިޓީ ހޯދައިގެން އަމިއްލައަށް ކިޔާލަ ބަލާށެވެ. އޭރު ހަސަނު ހުރީ ހަމައިގައެވެ. މިހާރަކު ކިޔަވައިގެން ހުރި އެއްޗަކާ ހަސަނުގެ އަމަލަކާ ދިމައެއް ނުވެއެވެ. ހަސަނަށް ތެދަކީ ވެސް ދޮގަކީ ވެސް މިހާރު ނަޝީދު ގަބޫލުކުރާ ގޮތެވެ. އެކަމަކު ބުނަން ހެއްޔެވެ. އެމްޑީޕީގެ މެޖޯރިޓީ މިހާރަކު ތިޔަ ވިސްނުމެއް ގަބޫލެއް ނުކުރެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތަކުންނާއި ގައުމީ މަޖިލީހުގެ ނިންމުންތަކުން އެކަން ސާފުވާނެއެވެ.
ޗާގޯސް މައްސަލައިގައި ހަސަނު ތިޔަ ބުނާ ގޮތަށް ސަރުކާރުން ކަމެއް ފޮރުވައިގެނެއް ނޫޅެއެވެ. ރާއްޖޭގެ ހާރިޖީ ވަޒީރާއި ބަންޑާރަ ނައިބު ވަނީކަމުގެ ހަގީގަތް އޮތްގޮތް ވަރަށް ސާފުކޮށް މީޑިއާ ތަކަށް ވިދާޅުވެ ދެއްވާފައެވެ. ގަބޫލު ކުރަން ބޭނުން ނުވާ ބަޔަކަށް ދުވާލު މެންދުރު މެދު އުޑުގައި އިންނަ އިރު ދައްކާފައި އެހެރީ އިރޭ ބުންޏަސް ގަބޫލެއް ނުކުރާނެއެވެ.
ޗާގޯހަކީ އެއްވެސް އިރަކު ރާއްޖޭގެ ބައެއްކަމަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން ގަބޫލު ކޮށްފައި ނެތްކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ހަސަނެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތްކަމަށް ހޮދު ހަސަނު މިހާރު ވެސް ގަބޫލެއް ނުކުރާނެއެވެ. ފުށުއަރާ އިމުގެ މައްސަލައިގައި ރާއްޖޭން އޭރުވެސް މިހާރުވެސް ފުކެއް ދޫނުކުރާކަން ވެސް ރަނގަޅަށް އެގޭނެއެވެ. އެހެނެއް ކަމަކު ހަސަނު ވެސް ބޭނުންވަނީ ފިތުނަ އުފައްދާ ސަރުކާރާ މެދު ޝައްކު އުފައްދާށެވެ. ނަޝީދު ނޫން މީހަކު ރާއްޖޭގައި ވެރިކަން ކުރާކަށް ހަސަނުމެން ނޭދެމު ނޫން ހެއްޔެވެ. ހަސަނުމެންގެ ޑިމޮކްރަސީއަކީ ނަޝީދެވެ.
ހަސަނުމެނަށް ހަގީގަތް ސާފުވާ ކަމަށް ވާނީ ހަސަނުމެން ކުރާ ހަގީގަތެއް ނެތް ތުހުމަތު ތަކަށް ސަރުކާރުން އެއްބަސް ވުމުންނެވެ. ރައީސް ސާލިހު ފަހަތަށް ޖެހި ނަޝީދަށް ވެރިކަމަށް އަންނަ ޖާގަ ދިނުމުންނެވެ. މި ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތް ތަކަކީ ނަޝީދަށްޓަކައި ކޮށްދޭ ކަންކަން ކަމަށް ބުނުމުންނެވެ. ނަޝީދުގެ ފައިދޮންނަ ފެންބޯ ވަރަށް މުޅި އެމްޑީޕީ އަޅުވެތި ވުމުންނެވެ.
ހަސަނާއެވެ. ނަޝީދުގެ ސިޔާސީ ބާރުވެރިކަން ދަމަހައްޓާ ނަޝީދަށް ވެރިކަން ހޯދަން ގެންގުޅޭ ހަތިޔާރަކަށް އެމްޑީޕީ ހެދުނު ޒަމާން ފަހަނައަޅާ ހިނގައްޖެއެވެ. އެންމެންނަކީ ހަސަނު ކަހަލަ މޮޔައިންނެއް ނޫނެވެ. މައުމޫނުގެ ދިގު ތިރީސް އަހަރު ނިންމަން ނިކުތް އެންމެން ނަޝީދަށް ދޫދިނީ މޫލާފައި އޮތް ވެރިކަމެއް ނުނިމި އިތުރަށް ދިގުލާ ހިނގައިދާނެތީއެވެ. މިއަކީ އެ ދުވަހެއް ނޫނެވެ.