ޗައިނާ ބިނާކުރި މީހުން ސަލާންޖަހަން މަގުމަތީގަ!
ޕެންޝަނުގެ ގޮތުގައި ލިބެނީ މަހަކު 17 ޑޮލަރު
ޗައިނާގައި އާބާދީ މުސްކުޅިވަމުންދާ ވަރަކަށް އިޖްތިމާޢީ ހިދުމަތްތަކަށް އޮތް ޑިމާންޑްވެސް ދަނީ ވަރަށް ބާރަށް އިތުރުވަމުންނެވެ. ޗައިނާގެ އުމުރުން ދުވަސްވީ މީހުން އުޅެމުންދަނީ ދިގުދެމިގެންވާ ނިކަމެތި ދިރިއުޅުމެކެވެ. އުމުރުންދުވަސްވެ ގިނަ އަދަދެއްގެ ހިޖުރަވެރި މަސައްކަތްތެރިން އެނބުރި އަމިއްލަ ވަޒަނަށް އަންނަމުންދާއިރު ބައެއް މީހުން ކުޑަ މުސާރައެއް ލިބޭ ވަޒީފާތައް ލިބެއެވެ. އެމީހުން ސަލާމަތްވުމަށް ލިބޭން އޮތް ނިކަމެތި ގޮތަކީ އެއީއެވެ.
ޗައިނާގެ އަސާސީ ޕެންޝަނަށް ބަރޯސާވެގެން ދުވަސްވި މީހުނަށް ބަނޑުފުރާނަ މުއްތި ކުރެވޭ ވަރު ނުވެއެވެ. ގިނަ ބަޔަކު އާމްދަނީ އިތުރު ކުރަނީ ސިޓީތަކުގައި މަސައްކަތްކޮށްގެން ނުވަތަ ބައެއް ބާވަތްތައް ވިއްކައިގެން ނަމަވެސް ވޯލްޑް ބޭންކުން ބުނާ ގޮތުން އެމީހުނަށް ދުވާލަކު 3.65 ޑޮލަރުވެސް ނުލިބެއެވެ.
ޗައިނާގެ އެންމެ ފަހުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް 94 މިލިއަން މުސްކުޅި މަސައްކަތްތެރިން އުޅެއެވެ. އެއީ ޗައިނާގެ 734 މިލިއަން ހިމެނޭ ލޭބަރ ފޯސްގެ ގާތްގަނޑަކަށް %12.8 އެވެ. ޖަޕާނާއި ދެކުނު ކޮރެއާއަށް ވުރެ ނިސްބަތް ދަށް ނަމަވެސް ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި އިތުރު 300 މިލިއަން ޗައިނާ މީހުން 60 އަށް އަރާނެ ކަމަށް ބެލެވެއެވެ.
ޗައިނާގެ ކޮހޯޓްގެ ތިންބައިކުޅަ އެއްބައި މީހުންނަކީ މުސްކުޅި ހިޖުރަވެރިންނެވެ. އެމީހުންނަކީ އިގްސާދެއް މައްޗަށް ދިއުމަށް އުންމީދުކުރާ އިގްތިސާދަކަށް ބޭނުންވާ ޒާތުގެ ޕްރޮފެޝަނަލް ހުނަރު ނެތް ބައެކެވެ. އެތަނުން ކޮންމެ މީހަކަށް 4،000 ޔުއާން (552 ޑޮލަރު) މަހުން މަހަށް ލިބެނީ ސާފުކުރާ މީހުންގެ ގޮތުގައި 13 ގަޑިއިރުގެ ޝިފްޓްތަކުގައި މަސައްކަތް ކޮށްގެންނެވެ.
ކޮހޯޓް މީހުންނާއި ޗައިނާގައި ކުރިއަށް އޮތް 10 އަހަރު ތެރޭގައި ރިޓަޔަރމަންޓް އުމުރަށް ވާސިލްވާ 100 މިލިއަން ހިޖުރަވެރިންގެ ތެރެއިން ގިނަ ބަޔަކަށް އޮތް ގޮތަކީ އެނބުރި އަވަށަށް ގޮސް ކުޑަ ބިންކޮޅަކާއި މަހުން މަހަށް ލިބޭ 123 ޔުއާން (17 ޑޮލަރު) ގެ ޕެންޝަނުން ދިރިއުޅުމެވެ.
ޗައިނާގެ އުމުރުން ދުވަސްވީ އުންމީދު ކެނޑިފައި ތިބި މީހުން ބުނަނީ "އަހަރެމެން އެއްވެސް މީހަކަށް ނުބެލޭނެ" ކަމަށެވެ. "އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިންނަށް ބުރައަކަށް ވާކަށް" އަސަރާއެކު އެމީހުން ބުނެއެވެ. އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމުގެ ގޮތުގައި ބުނަނީ "އަހަރެމެންގެ ގައުމުން އަހަރެމެންނަށް ލާރިއެއްވެސް ނުދޭ." ކަމަށެވެ.
މިދިޔަ ގަރުނުގެ ފަހުކޮޅު ޗައިނާގެ ސިޓީތަކަށް އެއްވެ، އިންފްރާސްޓްރަކްޗާ ބިނާކޮށް، ދުނިޔޭގެ އެންމެ ބޮޑު އެކްސްޕޯޓަރަކަށް އެގައުމު ހެދި ޖީލަށް މިހާރު އޮތީ ފެންވަރުދަށް ނިކަމެތި ހިތްދަތި ދިރިއުޅުމެކެވެ. ޗައިނާއިން އެމީހުންނަށް ވަރުގަދަ ރައްކާތެރިކަމެއް އުފާވެރި ކަމެއް ހޯދައެއް ނުދެވުނެވެ. ޗައިނާ ބިނަކުރި މީހުން ތިބީ ސަލާންޖަހަން މަގުމަތީގައެވެ.