އިންޑިއާ - ރާއްޖެ: އެއްބަޔަކަށް އަނެއްބަޔަކު އައުޓެއް ނުކުރެވޭނެ
ބައިނަލްއަގުވާމީ ގޮތުން ރާއްޖެއާއި އިންޑިއާ ހަރަކާތްތެރިވަނީ އެކުއެކީ
ޒަމާނުއްސުރެ ރާއްޖެއަކީ ގިނަ ކަންކަމުގައި އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. ރާއްޖެއާއި އިންޑިއާގެ ބަދަހި ގުޅުމަކީ ވަކި މީހަކު ވެރިކަމުގައި ހުރުމުން އެ މީހަކާ އޮންނަ ގުޅުމެއް ނޫނެވެ. އެއީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގުޅުމެކެވެ. އޮންނަ ސަރުކާރެއްގެ ގޮތުން ގުޅުންތައް ވަރުގަދަވުމާ ނުވުން އޮންނަނީ އެ ސަރުކާރެއްގެ އަމަލުތައް ހުންނަ ގޮތެއްގެ މައްޗަށެވެ.
އެންމެ ކައިރިން އެންމެ ހަރަދު ކުޑަކޮށް ޒަރޫރީ ބޭނުން ތަކަށް ބޭނުންވާ ގިނަ ބާވަތްތައް ދިވެހިން ހޯދާ ތަނަކީ އިންޑިއާއެވެ. އަލުއްވާއި ފިޔައާއި ކުކުޅު ބިހުން ފެށިގެން ހިލަޔާއި ހިލަވެއްޔަށް ދަންދެން އެތެރެ ކުރަނީ އިންޑިއާ އިންނެވެ. އެންމެ ގިނައިން ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އެތެރެ ކުރަނީ ވެސް އިންޑިއާއިންނެވެ. އަނެއްކޮޅުން އިންޑިއާގެ ކެރެލައާއި ކަރުނާޓަކައާއި މެޑްރާސްގެ މެޑިކަލް ޓޫރިޒަމްގައި ދިވެހިރާއްޖޭގެ ހިއްސާ ނުލާހިކު ބޮޑެވެ.
ރާއްޖޭގައި އިންޑިއާގެ ކުދި ބޮޑު އިންވެސްޓްމަންޓް ތަކާއި ވިޔާފާރިތައް އެހާމެ ގިނައެވެ. ރިސޯޓް ތަކުން ފެށިގެން ގޮސް ކަންމަތީ ފިހާރަތަކާ ހަމަޔަށް ރާއްޖޭގައި އިންޑިއާ ވަނީ ވަކި ހިއްޕާފައެވެ. ބިން ހިއްކުމާ މަގުހެދުން ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގައި އިންޑިއާ ކުންފުނިތައް އެހާ ގިނައެވެ.
ދިވެހި ދައުލަތުގެ ހަރަދު ބަރަދު ހަމަޖެއްސުމުގައި މާލީ އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި މާލީ އެހީތެރިކަން އެންމެ ބޮޑަށް އަދި އެންމެ އަވަހަށް ފޯރުކޮށްދެނީ އިންޑިއާ އިންނެވެ. ހިލޭ އެހީއާއި ލޯނުގެ ގޮތުގައެވެ. އެހެން ގިނަ ގައުމުތަކާ ހިލާފަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން އެހިތެރިވެ ދެނީ އިންޑިއާއިންނެވެ.
ފެށުނީއްސުރެ އަސްކަރީ ގޮތުންވެސް އެންމެ ބޮޑު ގުޅުމެއް އޮންނަނީ ރާއްޖެއިން އިންޑިއާއި އެކުގައެވެ. ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ އުޅަނދު ފަހަރު ހަދިޔާ ކުރުމާއި އަސްކަރީ އާލާތް ދިވެހި އަސްކަރިއްޔާއަށް ފޯރުކޮށް ދިނުމުގައި އެންމެ ބޮޑަށް އެހީތެރި ވެދެނީ ވެސް އިންޑިއާއެވެ. އަސްކަރީ މީހުން ތަމްރީނު ކުރުމާއި އެނޫންވެސް އެތައް ރޮނގަކުން އިންޑިއާ އަސްކަރިއްޔާގެ މަދަދާއި އެއްބާރުލުން އަބަދުމެ ރާއްޖެއަށް ލިބެއެވެ. ހާއްސަކޮށް ގައުމީ ކާރިސާތަކާއީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާ އޮންނަނީ އެންމެ ކައިރީގައެވެ.
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ކަނޑުފޭރުން ހުއްޓުވުމުގައި ރާއްޖެއާއި އިންޑިއާ އަކީ އެއްވިސްނުމުގެ ދެގައުމެވެ. މަސްތުވާ ތަކެތީގެ ވިޔަފާރިއާއި ޓެރެރިޒަމާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ރާއްޖެއާއި އިންޑިއާ ހަރަކާތްތެރިވަނީ އެކުއެކީގައެވެ. ރާއްޖެއާ އިންޑިއާއަކީ އެއްގޮތަށްވުރެ ގިނަގޮތް ގޮތުން ވަކިވެވެން ނެތް ދެގައުމެވެ. ރާއްޖެއަށް އިންޑިއާ އައުޓެއް ނުކުރެވޭނެއެވެ. އިންޑިއާއަށް ރާއްޖެ ވެސް އައުޓެއް ނުކުރެވޭނެއެވެ.