ބާލަންޏާ ބާލަންވީ ސިފައިންނެއް ނޫން- އެސްބީއައި
އިންޑިއާ ސިފައިން ބާލާފާ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ނުކުރޭ
ހެޔޮ ނިޔަތުގައި ކޮށްދޭ ރަނގަޅު ކަންކަން ބަލައިނުގަނެ ޝައްކުގެ ނަޒަރުން ބަލާ ބަޔަކާ މެދު ދެކޭގޮތް އެނޫން ބަޔަކާ އެއްގޮތެއް ނުވާނެއެވެ. ނަމެއްގައި އޮންނަ ގާތް ރަހުމަތްތެރިކަމަކާ އިތުބަރާ ޔަގީން ކަމާއެކު ދަމަހައްޓާ ގުޅުމަކާ އެއްގޮތެއް ނުވާނެއެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރުކޮށްގެން އުފައްދާ ގާއިމުކޮށްފައި އޮންނަ ގުޅުމުގެ ތެރެއިން ކުރެވިފައި ހުންނަ ކަންކަން ރޫޅާލާ ކުރާ އިތުބާރު ކުޑަވާ ގޮތަށް ކަންކަން ކުރަމުން އިހުއޮތް ގުޅުން އެގޮތުގައި އޮންނާނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ.
އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ފާރަވެރިވުމަށާއި ރާއްޖޭގައި ހިންގާ ރެސްކިއު އޮޕަރޭޝަންތަކަށް އެހީތެރިވުމަށް ވައިގެ މަގުން ހިނގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށްޓަކާ އެއްބަސްވުމެއްގެ ދަށުން ދެތިން އުޅަދާއި އެކަމާގުޅޭ މަސައްކަތުގައި ކޮންމެހެން ތިބެންޖެހޭ މަދު ބަޔަކު ތިބި ތިބުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވާންޖެހޭ ސަބަބެއް ނެތެވެ. އެހެން ނަމަވެސް އެ މީހުނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ކެންޕޭނު ހިންގާ އިންތިހާ ދަރަޖައަށް ދެކޮޅުވެރިކަން ފާޅުކޮށް އެމީހުން ބޭރު ނުކޮށް ކުރާނެ އެހެން ކަމެއް ނެތް ވަރަށް އެ މީހުންނާ މެދު ބިރުވެރިކަން ފެތުރުމަށް ފަހު ވެރިކަން ލިބުމުން އިންޑިއާ އައުޓް ކޮށްފާ އިންޑިއާ އެކު ރަނގަޅު ގުޅުމެއް ބޭއްވި ދާނެކަމަށް ހިކުރުން ބުއްދިވެރިއެއް ނޫނެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ރާއްޖޭގެ މިނިވަންކަން ގެއްލޭކަމަށް ވެގެން އެ މީހުން ބާލާފާ އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރުމަކީ ވެސް މޮޔަކަމެކެވެ. އެކިފަހަރު މަތިން ދީފައިވާ ލޯނު ތަކަށް ލުއިދީ ބޭނުންވާ ހުރިހާ ކަމެއް އެދޭހާ ގޮތަކަށް ކޮށްދޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ކޮށްދިނިއްޔާ ކޮށްދޭނީ ނުނެއްޓެވޭވަރުގެ އެހެން މަޅިއަކަށް މެހޭ ގޮތަށެވެ.
ބުނަން ހެއްޔެވެ. ރާއްޖޭއަށް އިންޑިއާއިން ނުފޫޒު ފޯރުވަންޏާ ފޯރުވަނީ އަސްކަރީ ގޮތަކުން ނޫނެވެ. އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ދަންޏާ ދާނީވެސް އަސްކަރީ ނުފޫޒަކުން ނޫނެވެ. އަސްކަރީ ގޮތުން ރާއްޖެ އަޅުވެތި ކުރަން އިންޑިއާ ބޭނުންނަމަ އެކަމަކީ އެމިހުނަށް އެހާ އުދަނގޫ ކަމަކަށް ނުވާނެއެވެ.
އެހެނެއް ނޫނެވެ. ރާއްޖޭން އިގުތިސޯދީ މަންފާތައް ކިތަންމެހާވެސް ބޮޑަކަށް އިންޑިއާ ނަގައެވެ. އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުންނެވެ. ރާއްޖޭގެ އިގްތިސާދުގެ ކޮންޓްރޯލު އިންޑިއާ އަތުގައި އޮންނަތާ ކިތަންމެ ޒަމާނެކެވެ. އަދި އަދަށްވެސް އެކަމަކަށް ހުއްޓުމެއް ނާދެއެވެ.
ގައުމީ ބޭންކެއް އުފެދުމުގެ އެތައް ޒަމާނެއް ކުރިއްސުރެ ފެށިގެން ރާއްޖޭގެ މާލީ ނިޒާމުގެ އެންމެ ބޮޑު ބައިވެރިއަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ. ރާއްޖޭގައި ހިންގާ އެންމެ ބޮޑެތި ވިޔާފާރިތަކުގެ ބޭންކިންގ ޕާޓްނަރަކީ ވެސް ހަމަ އިންޑިއާއެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އުނގުތެރޭގައި ނެތް ބޮޑު ވިޔާފާރިއެއް އިންވެސްޓްމެންޓެއް ނެތޭ ބުނުމަކީ ދޮަގަކަށް ނުވާނެއެވެ.
ތިބިކަމަށް ބުނާ ސިފައިން ބޭލިޔަސް އިންޑިއާ ކިބައިން ރާއްޖެ ސަލާމަތް ވާކަށް ނެތެވެ. ރާއްޖޭގެ މާލީ ބާރުވެރިކަން އޮތީ އިންޑިއާ މުށުތެރޭގައެވެ. އިންޑިއާގެ ކިބައިން ރާއްޖެ ސަލާމަތްވާން ބޭނުންނަމަ ސިފައިން ބޭލުމުގެ ކުރީން ކެރެންޏާ އެންމެ ފުރަތަމަ އިންޑިއާ ބޭންކް ރާއްޖެއިން ބާލާށެވެ.