ކުލީ ރަހިމް: އަގުބޮޑު ވިޔަފާރިއެއް

ސަރޮގަސި ހެދުމަކީ ކުއްޖަކު އެޑޮޕްޓް ކުރުން ކަހަލަ ކަމެއް ނޫން

ކުލީ ރަހިމް: އަގުބޮޑު ވިޔަފާރިއެއް

ކުދިން ނުލިބޭ ދެމަފިރިއަކަށް ކުދިން ހޯދުމުގެ ނަމުގައި މިޒަމާނުގެ ސައިންސްގެ އެހީގައި ކުރާ އެއްކަމަކީ ސަރޮގަސީ ހެދުމެވެ. ސަރޮގަސީ ހެދުމަކީ ދަރިމައި ވުމުގެ ކުޅަދާނަކަން ލިބިފައިނުވާ އަންހެނުން އޭނާގެ ބިހާއި އޭނާގެ ފިރިމީހާގެ ދަރިފަނި ނަގައި ލެބޯޓަރީއެއްގައި ގަރުބަ ގެނުވުމަށްފަހު އެ ނުތުފާ އެހެން އަންހެނެއްގެ  ރަހިމުގައި އިންދައިގެން އެ އަންހެނާގެ ބަނޑުގައި ދަރި ބޮޑުކޮށް ވިއްސުމެވެ. 

ރަހިމެއް ކުއްޔަށް ހިފައިގެން ދަރިއަކު އުފަން ކުރުވުމަކީ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި މިހާރު ހިންގާ ވިޔާފާރިއެވެ. އެކަމުން ދަރިން ލިބުމުން މަހުރޫމުވެފާ ތިބޭ ދެމަފިރިންނަށް ދަރިއަކު ހޯދުމުގެ ހިތް ހަމަ ޖެހުން ލިބެއެވެ. ރަހިމް ކުއްޔަށް ދީގެން ދަރިން ވިހާދޭ އަންހެނުންނަށް ސަރޮގަސީއަކީ އެހާމެ ބޮޑުއަގު ލިބޭ ފައިދާ ބޮޑު ވިޔަފާރިއެކެވެ. 

ކިތަންމެ ފައިދާ ބޮޑު ވިޔަފާރި އަކަސް ކުލީ ރަހިމުގެ ވިޔަފާރީގެ ސަބަބުން ބޮޑެތި އިޖުތިމާއީ މައްސަލަތައް އުފަންވެއެވެ. ނަސްލު އޮޅުމަކީ އޭގެ އެންމެ ނުރައްކާތެރި އެއްކަމެވެ. ކުލީ ރަހިމުން އުފަންކުރާ ދަރިފުޅުގެ ދެ މަންމައިން ތިބެއެވެ. އެކަކަށް ދަރިއަކު އުފަން ކުރުވުމުގައި އުފުލަންޖެހޭ މައިވަންތަ ތަކުލީފު ތަކެއް އުފުލާކަށް ނުޖެހެއެވެ. އަނެކަކަށް އޭނާގެ އަމިއްލަ ހަށިގަނޑާ ގުޅުމެއްނެތް. އަމިއްލަ ރަހިމުގައި އުފެދުންނުވާ ނުތުފާއެއް ރަހިމުގައި އިންދައިގެން އުފަންކުރާ ދަރިއަކީ ދަރިއަކަށް ނުވެއެވެ. ބައްޕަ ކަށަވަރު ކުރުމުގައި ވެސް ޝައްކު ތަކެއް އުފެދުމުގެ ފުރުސަތު އެހާމެ ބޮޑެވެ. 

އަމްދުން އިސްލާމީ މުޖުތަމައެއްގައި އެފަދަ ކުއްޖާގެ މައިވަންތަކަމުގެ ހައްގުތައް އެކަށައެޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އިސްލާމު ދީނުގައި މައިވަންތަ ކަމުގެ ހުރިހާ ހައްގެއް އޮންނަނީ ވިހޭ މައިމީހާއަށެވެ. މުދާ ވާރުތަވުން ވެސް އޮންނަނީ އެމަގަށެވެ. ރަހިމު ކުއްޔަށް ދިން މައިމީހާއަށް އޭނާ ވިހޭ ދަރީގެ މައްޗަށް މައިވަންތަކަމުގެ ހައްގު ނެތުމަކީ އިންސާފަކަށް ނުވާނެއެވެ. 

ސަރޮގަސި ހެދުމަކީ ކުއްޖަކު އެޑޮޕްޓް ކުރުން ކަހަލަ ކަމެއް ނޫނެވެ. ހަލާލު އަނބި މީހާ ނުވަތަ އަޅު އަންހެނާގެ ރަހިމުގެ ތެރެއަށް ނޫނީ އެއްވެސް ފިރިހެނެއްގެ ދަރިފަންޏެއް އެހެން އަންހެނެއްގެ ރަހިމުގެ ތެރެއަށް ދިއުމަކަށް އިސްލާމް ދީނުގައި ފުރުސަތެއް ނެތެވެ. އެނޫން ގޮތަކަށް އެކުރެވެނީ ބޮޑުވެގެންވާ ހަރާމް ކަމެކެވެ.

ކަމަކީ ހުއްދަ ކަމެއް ކަމަށް ހަދަން ސިއްހީ ސަބަބުވެރިކަން ހުއްޖަތަކަށް ހަދަން އުޅެފަނެއެވެ. އެހެނަސް ގުރުއާނާ ސުންނަތުން ސަރޮގަސީއަކީ ހުއްދަކަމެއް ކަމަށް ސާބިތު ކުރެވޭނެ ހަމައެއް ނެތްކަމަށް އިސްލާމީ ގިނަ އިލްމުވެރިން އިއްތިފާގުވެއެވެ.