ބޭރުގެ އޮޕަރޭޓަރުން ރަޖިސްޓްރީވާން މަޖުބޫރު ކުރުމަކީ ފޫ ނުބެއްދޭނެ ގެއްލުމެއް: އެމްޑީޕީ
ހަލާލް ޓޫރިޒަމްގެ ފަހަތުގައި އޮތް ފިކުރީ މަގުސަދުތަކާ މެދު ބޭރުގެ އޮޕަރޭޓަރުން ސުވާލު އުފައްދާ
ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ ހިދުމަތްތައް ފޯރުކޮށްދޭ ބޭރުގެ ޓުއަރ އޮޕަރޭޓަރުން، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީވާން މަޖުބޫރުކުރުމަށް އެކުލަވާލާފައިވާ އާ ގަވާއިދުތަކުގެ ސަބަބުން، ނިސްބަތުން ބޮޑެތި އިދާރީ ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށް ދެކޭކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. ސަރުކާރުގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ޓެކްސްގެ އުސޫލުތަކާ ހިލާފު، އަދި ބޯޑަރު ހުރަސްކޮށް ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ޚިދުމަތްތަކަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.
ބޭރުގެ ޓުއަރ އޮޕަރޭޓަރުން މީރާގައި ރަޖިސްޓްރީވާން މަޖުބޫރުކުރުމާ ދެކޮޅަށް ނެރުނު ބަޔާން ބުނާ ގޮތުގައި " ބޭރުގެ އޮޕަރޭޓަރުންގެ ދާއިމީ އެއްވެސް މަރުކަޒެއް، އޮފީހެއް ނުވަތަ މުވައްޒަފުންނާއި މުދަލެއް ރާއްޖޭގައި ނުހުރެއެވެ. އެފަރާތްތަކުގެ ވިޔަފާރީގެ މުއާމަލާތްތައް ހިނގަނީ ރާއްޖޭން ބޭރުގެ ބައިނަލްއަގުވާމީ ބާޒާރުތަކުގައެވެ. އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގެ ވީއޭޓީ/ޖީއެސްޓީ އުސޫލުތަކާއި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވިފައިވާ 'ޑެސްޓިނޭޝަން ޕްރިންސިޕަލް' އާ އެއްގޮތްވާ ގޮތުގެ މަތިން، މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ އިހުތިސާސް ލިބިގެންވަނީ އެ ހިދުމަތެއްގެ އެންމެ ފަހުގެ ބޭނުން ހިފާ ގައުމަކަށެވެ. ޚިދުމަތުގެ ބޭނުންކުރުން މުޅިންވެސް ރާއްޖޭން ބޭރުގައި ހިނގާ މުއާމަލާތްތަކުން ޖީއެސްޓީ ނެގުމަކީ ބައިނަލްއަގުވާމީ އުސޫލުތަކާ ފުށުއަރާ ކަމެކެވެ."
މީރާގެ ގަވާއިދުތަކުން ޓެކްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކޮށް، ކޮންމެ މަހަކު ރިޕޯޓް ހުށަހަޅައި، ރާއްޖޭގައި މަންދޫބުން އައްޔަންކުރުމަށް ބޭރުގެ އޮޕަރޭޓަރުންނަށް މަޖުބޫރުކުރާކަމަށާއި މިއީ ބެލެނިވެރި ޖީއެސްޓީ ގާނޫނުގެ އިމުން ބޭރުން، ރާއްޖޭގައި އެއްވެސް ވިޔަފާރީގެ ދާއިމީ ބިނާއެއް ނެތް ފަރާތްތަކެއްގެ މައްޗަށް ބުރަބޮޑު އިދާރީ ނުތަނަވަސް ކަންތައްތަކެއް ކުރިމަތިކުރުވުމެއް ކަމަށްވެސް އެމްޑީޕީގެ ބަޔާން ބުނެއެވެ.
މިގޮތަށް ރަޖިސްޓްރީވުން މަޖުބޫރުކުރުމަކީ 'ޖެނެރަލް އެގްރީމަންޓް އޮން ޓްރޭޑް އިން ސާވިސަސް' (ގަޓްސް) ގެ އުސޫލުތަކާ ހިލާފު ކަމެއްކަމެއްކަން ބަޔާން ކުރަމުން އެމްޑީޕީން ބުނަނީ އެ އެއްބަސްވުން ކަށަވަރުކޮށްދެނީ ގައުމެއްގައި ދާއިމީ އޮފީހެއް ގާއިމުކުރުމަކާ ނުލައި ބޯޑަރު ހުރަސްކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ މިނިވަންކަމަށެވެ. އެކަމަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ހަމަތަކާ ނުބައްދަލު ވިޔަފާރީގެ ހުރަހެއްކަންވެސް އެޕާޓީން ފާހަގަކުރެއެވެ.
އެމްޑީޕީން ގަބޫލުކުރާ ގޮތުގައި، މިފަދަ ހުރަސްތަކުގެ ސަބަބުން ބޭރުގެ އޮޕަރޭޓަރުން ޔޫރަޕިއަން ކޮމިޝަނަށާއި އެ ގައުމުތަކުގެ ސަރުކާރުތަކަށް މައްސަލަ ހުށަހަޅައި، ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިއުޓީއޯ) ގައި ރާއްޖޭގެ ނިންމުމަކީ ތަފާތުކުރުންތަކެއް އެކުލެވޭ، ބައިނަލްއަގުވާމީ ހަމަތަކާ ހިލާފު ނިންމުމެއްގެ ގޮތުގައި ވަކާލާތުކުރާނެއެވެ. މީގެ ނޭދެވޭ އަސަރު ދިވެހި ފަތުރުވެރިކަމަށާއި މުޅި އިގުތިސާދަށް ކުރާނެއެވެ.
ރާއްޖެއިން މި ނިންމުން ދަމަހައްޓާ ނަމަ، ބޭރުގެ އޮޕަރޭޓަރުން އެ ގައުމުތަކުގެ ސަރުކާރުތަކާއި މާލީ އިދާރާތައް މެދުވެރިކޮށް، 'ސްވިފްޓް' ނިޒާމުން ރާއްޖެ ވަކިކުރުމަށް ނުވަތަ ރާއްޖެއަށް އޮންނަ ފުރުސަތުތައް ހަނިކުރުމަށް ބާރުއެޅުމުގެ ފުރުސަތު އޮތްކަންވެސް އެމްޑީޕީން ފާހަގަކުރެއެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލުތަކާ ހިލާފުވުމާއި އިދާރީ އެހީތެރިކަމުގެ އެއްބަސްވުންތައް ނެތުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލެއް ކަމަށާއި ސްވިފްޓް ނިޒާމާ ރާއްޖެ ވަކިވުމަކީ ފަތުރުވެރިކަމުގެ ސިނާއަތް އިނދަޖެހި، ގައުމުގެ އިގުތިސާދަށް އިއާދަނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއްކަމަށްވެސް އެމްޑީޕީން ބުނެއެވެ.
ގާނޫނީ އަދި މާލީ ކަންބޮޑުވުންތަކުގެ އިތުރުން، މި ގަވާއިދުގެ ފަހަތުގައި އޮތް ފިކުރީ މަގުސަދުތަކާ މެދުވެރިކޮށް ވެސް ބޭރުގެ އޮޕަރޭޓަރުން ސުވާލު އުފައްދާކަން ފާހަގަ ކުރަމުން އެމްޑީޕީން ބުނީ މިހާރުގެ ސަރުކާރުން ސަލަފީ ފިކުރުގެ ގްރޫޕުތަކާ ގާތް ގުޅުމެއް ބާއްވާއިރު، އެ ފަރާތްތަކުން ދެކޭ ގޮތުގައި މިހާރު ރާއްޖޭގައި އޮތް ފަތުރުވެރިކަމުގެ މޮޑެލްއަކީ ހަރާމް މޮޑެލެއްކަން ދޭހަވާކަން ފާހަގަ ކުރިއެވެ.
ފަހަކަށް އައިސް ސަރުކާރުގެ އިސްވެރިން "ހަލާލް ޓޫރިޒަމް" ފުޅާކުރުމަށް ވާހަކަދައްކަވައި، އެ ފިކުރަށް ބާރުދޭ ސިޔާސަތުތައް ތައާރަފުކުރަމުން ދާ ދިއުމުން، މި ރަޖިސްޓްރީވުމުގެ މަޖުބޫރުކަމަކީ ހަމައެކަނި ބޭރު ފައިސާ ހޯދުމުގެ ވަސީލަތެއް ނޫން ކަމަށާއި، އެއީ މިހާރު އޮތް ފަތުރުވެރިކަމުގެ ނިޒާމު ރޫޅާލައި، ވަކި ފިކުރީ އުސޫލުތަކަކަށް ބަދަލުކުރުމަށް ރޭވިގެން ހިންގާ އަމަލެއް ކަމުގައި ބައިނަލްއަގުވާމީ ފަރާތްތަކަށް ސިފަކުރެވިދާނެކަމަށް ވެސް އެމްޑީޕީން ދެކެއެވެ. ޔޫރަޕްގެ ގައުމުތަކުގައި މިކަމާ ދެކޮޅަށް ކުރެވޭ ވަކާލާތުތަކުގައި، މިއީ ހަމައެކަނި ޓެކްސްގެ ނިންމުމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ތާރީހީ ފަތުރުވެރިކަމުގެ މޮޑެލްއާއި ބައިނަލްއަގުވާމީ އިންވެސްޓަރުންގެ މަސްލަހަތަށް އޮތް ސިޔާސީ ނުރައްކަލެއްގެ ގޮތުގައި ފާހަގަކުރެވޭނެ ކަމެއްކަންވެސް އެމްޑީޕީގެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބޭރުގެ ޓުއަރ އޮޕަރޭޓަރުން، މީރާގައި ރަޖިސްޓްރީވާން މަޖުބޫރުކުރުމަކީ ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރީގެ ހަމަތަކުން ބޭރު، ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމެއް ކަމަށް ބަޔާން ކުރަމުން އެމްޑީޕީން ބުނަނީ އޮޕަރޭޓަރުން ގާނޫނީ ގޮތުންނާއި، ޑިޕްލޮމެޓިކް އަދި މާލީ ދާއިރާއިން މިކަމާ ދެކޮޅަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެ ގުޅިގެން ކުރެވޭ މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރަކީ ބައިނަލްއަގުވާމީ ފަރާތްތަކަށް ހުޅުވިފައިވާ، އަދި ނުބައްދަލު ބުރަތަކެއް ނެތް ތަނެއްގެ ގޮތުގައި ދެމެހެއްޓުމާއެކު، މި ނިންމުމުގެ ފަހަތުގައިވާ ފިކުރީ މަގުސަދުތައް ހާމަކުރެވޭނެކަމަށް އެމްޑީޕީން ބުނެއެވެ. މި މައްސަލައަކީ އިގުތިސާދީ އަދި ސިޔާސީ ނުރައްކަލެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ސިފަކުރުމުން، ދިވެހި ސަރުކާރުގެ މިފަދަ ނިންމުންތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ޕްރެޝަރު އިތުރުކުރެވޭނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.




