ރައީސް ނަޝީދުގެ ދިފާއީވަކީލު އާމާލު ކްލޫނީ ގެދޮރުދޫކޮށް ނިކުމެއްޖެ
ރީތި ގެދޮރު ސަލާމަތްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް: ކްލޫނީ
ފަރަންސޭސިވިލާތުގެ ދެކުނު ސަރަހައްދުގައި ފެތުރެމުންދާ ވަރުގަދަ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އޭނާގެ އަނބިކަނބަލުން އަމާލް ކްލޫނީ އެ ގައުމުގައި ހުންނަ އެބޭފުޅުންގެ ގެދޮރު ދޫކުރައްވާ ރައްކާތެރި ހިސާބަކަށް ބަދަލުވެވަޑައިގެންފިއެވެ.
އިންސާނީ ހައްގުތަކާ ބެހޭ ވަކީލު އަމާލް އާއި ޖޯޖް ކްލޫނީ، އެގޭފުޅުންގެ ދެ ކުދިންނާއެކު ބްރިގްނޯލްސްގައި ހުންނަ އަމިއްލަގެ އާއި މުދާ ދޫކޮށް ވަޑައިގަތީ މި ހަފުތާގެ ކުރީކޮޅުގައެވެ.
މި ހާދިސާއާ ގުޅިގެން އެ ސިޓީގެ މޭޔަރު ޑިޑިއޭ ބްރޭމަންޑަށް ފޮނުއްވެވި ސިޓީއެއްގައި ޖޯޖް ކްލޫނީ ވިދާޅުވީ، މި ބިރުވެރި ދަނޑިވަޅުގައި އެބޭފުޅުންގެ ރީތި ގެދޮރު ސަލާމަތްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. އަދި ކޮންމެ ގޮތެއް ވީނަމަވެސް، އަލިފާނުގެ ހާދިސާއަށްފަހު އެ އަވަށަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް އާރާސްތުކުރުމުގައި އެ ދެމަފިރިކަނބަލުން އެހީތެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ޖޯޖް ކްލޫނީ ދެއްވިއެވެ.
ކްލޫނީގެ އާއިލާ ބްރިގްނޯލްސް އިން ގެއެއް ބައްލަވައިގަނެފައި ވަނީ 2021 ވަނަ އަހަރުގައެވެ. އަދި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ އާއިލާއަށް ވަނީ ފަރަންސޭސިވިލާތުގެ ރައްޔިތުކަން ވެސް ލިބިފައެވެ.
ބީބީސީއާ ވެސް ހިއްސާކުރައްފައިވާ މި ސިޓީގައި ކްލޫނީ އިތުރަށް ވިދާޅުވީ، "ބްރިގްނޯލްސްއިން ފައިބައިގެންދާއިރު ދެ ކަމަކަށް އެދމެވެ. އެއީ މޭޔަރާއި ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަވަށަށް ކޮންމެ ފަދަ ނަތީޖާއެއް ކުރިމަތިވި ނަމަވެސް، އަޅުގަނޑުމެންނަކީ ތިޔަ މުޖުތަމައުގެ ބައެއް ކަމުގައި ދެކިވަޑައިގެން، އަވަށުގެ ހާލަތު ރަނގަޅު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމެވެ."

ފަރަންސޭސިވިލާތުގެ ބައެއް ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް މަތިންދާބޯޓުތަކުން ފެން ޖަހަމުންދާއިރު، ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ނުރައްކާ ވަނީ ބޮޑުވެފައެވެ. ބްރިގްނޯލްސް ކައިރިން އަލިފާން ފެތުރެން ފެށުމުން، ބުދަ ދުވަހުގެ ރޭގަނޑު ބައެއް އަވަށްތަކުން މީހުން ހުސްކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ. ބުރާސްފަތި ދުވަހު މީހުންނަށް އެނބުރި ގެއަށް ދިއުމުގެ ހުއްދަ ދިން ނަމަވެސް، ގަދަ ވަޔާއި ހޫނުމިނުގެ ސަބަބުން ހާލަތު އަދިވެސް ނުރައްކާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
އެމެރިކާގެ ލޮސް އެންޖެލިސް ދޫކުރައްވާ ފަރަންސޭސިވިލާތަށް ދިރިއުޅުއްވުން ބަދަލުކުރައްވަން ނިންމެވި ސަބަބާ ބެހޭގޮތުން ކްލޫނީ ވިދާޅުވީ، އެބޭފޫޅުންގެ ދެ ދަރިން ކަމަށްވާ އެލާ އާއި އެލެގްޒެންޑަރަށް އާދައިގެ ދިރިއުޅުމެއް ހޯދައިދެއްވަން ބޭނުންފުޅުވުން ކަމަށެވެ. ފަރަންސޭސިވިލާތުގެ ދަނޑުވެރި ސަރަހައްދެއްގައި ދިރިއުޅުއްވުމުން، ޓެކްނޮލޮޖީއާ ދުރުވެ، މުޖުތަމައުގެ ތެރޭގައި ދަރިންނަށް މާ ރަނގަޅު ދިރިއުޅުމެއް ލިބޭ ކަމަށް ކްލޫނީ ގަބޫލުކުރައްވައެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކަކަށް މި ދުވަސްވަރު ދަނީ ހޫނުގަދަވުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ކުރިމަތިވަމުންނެވެ. ފަރަންސޭސިވިލާތުގެ ޖިރޮންޑް ސަރަހައްދުގައި ރޯވި އަލިފާންގަނޑަކީ 1949 ވަނަ އަހަރަށްފަހު އެ ގައުމުގައި ހިނގި އެންމެ ބޮޑު މިފަދަ ހާދިސާއެވެ. މީގެ އިތުރުން ގްރީސް އާއި ސްޕެއިންގައި ވެސް ވަނީ މިފަދަ ހާދިސާތައް ހިނގާފައެވެ. ގްރީސްގެ ކްރީޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ ފަޔަރ ފައިޓަރުން މަރުވެފައިވާއިރު، އެހެން ސަރަހައްދެއްގައި ވެސް މީހަކު ވަނީ މަރުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އަމާލް ކްލޫނީ އަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ މަގުސަދެއްގައި ހިންގި ޝަރީއަތެއް ކަމަށް ގިނަ ބަޔަކު ބުނާ މައްސަލައެއްގައި، ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައި ވަގުތު، ބައިނަލްއަގުވާމީ މައިދާނުގައި އެމަނިކުފާނުގެ ދިފާއުގައި އަމާލް ކްލޫނީ ވަނީ ވަކާލާތު ކުރައްވާފައެވެ.


