ބިދޭސީން ވަޒަންވެރިވުމުން ގައުމުގެ ބާރާއި ނިޒާމު ގެއްލިގެންދޭ
އުސްމާނީ ދައުލަތުން ފިލާވަޅެއް
އުސްމާނީ ދައުލަތަކީ ދުނިޔޭގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ބާރުގަދަ އަދި އެންމެ ދިގު މުއްދަތަކަށް ދެމިއޮތް އިސްލާމީ ވެރިކަމެވެ. ގާތްގަނޑަކަށް 600 އަށްވުރެ ގިނަ އަހަރު މި ދައުލަތް ދެމިއޮތެވެ. އެހެންނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ބާރު ކުޑަވެ އެންމެ ފަހުން ދައުލަތް ވެސް ނެތި ދިޔައީ އެވެ.
އެކަމުގެ ބައެއް ސަބަބު ތަކަކީ
އުސްމާނީ ދައުލަތުގެ ބާރާ ނުފޫޒު ގަދަ ދުވަސްވަރުގައި، ޔޫރަޕްގެ ޤައުމުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތަކެއް ހެދިއެވެ. އެއްބަސްވުންތައް ތަންފީޒު ނުކުރެވުމުގެ ނަތީޖާއަކީ ދައުލަތް ބަލިކަށިވާން ފެށުމެވެ. އެ ހިސާބުން ޔޫރަޕްގެ ބާރުތަކުން މި އެއްބަސްވުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، އުސްމާނީ ދައުލަތުގެ ތެރޭގައި އެމީހުންގެ އަމިއްލަ ޤާނޫނުތައް ހިންގަން ފެށިއެވެ. އެ މީހުންނަށް ވަކިން ހާއްސަ ކޯޓްތައް ހަދާ ޔޫރަޕްގެ ފަޑިޔާރުން ކޯޓް ތަކަށް ޢައްޔަން ކުރަން ފެށިއެވެ.
ދައުލަތް ހިންގުމަށާއި ހަނގުރާމަތަކަށް ޔޫރަޕްގެ ބޭންކުތަކުން ބޮޑެތި އަދަދުތަކުން ލޯނު ނެގިއެވެ. ދަރަނި ނުދެއްކުމުގެ ސަބަބުން، ދައުލަތުގެ އާމްދަނީ ލިބޭ މައިގަނޑު ވަސީލަތްތައް ބޭރު މީހުންގެ ކޮންޓްރޯލްގެ ދަށަށް ދިޔައެވެ. އިޤްތިޞާދީ މިނިވަންކަން ގެއްލިގެން ދިޔައެވެ.
އިޤްތިޞާދީ މިނިވަންކަން ގެއްލުމަކީ ސިޔާސީ މިނިވަންކަން ގެއްލުމުގެ ފެށުމެވެ.
ވިޔަފާރި އާއި ތަފާތު އެކިއެކި ބޭނުންތަކުގައި އުސްމާނީ ދައުލަތުގެ އެކި ހިސާބުތަކުގައި ބިދޭސީންނަށް ވަޒަންވެރި ވުމުގެ ފުރުޞަތުތައް މަގުފަހިވެގެން ދިޔައެވެ. ބޭރުމީހުންގެ ނުފޫޒު ގަދަވަމުންދިޔަ ވަރަކަށް، ދައުލަތުގައި ވަޒަންވެރިވެގެން އުޅުނު ބިދޭސީ ވިޔަފާރިވެރިންނާއި އެކި ނަސްލުތަކުގެ މީހުން އުސްމާނީ ގާނޫނުތަކަށްވުރެ ބޮޑަށް އެމީހުންގެ އަމިއްލަ ޤައުމުތަކުގެ (ޔޫރަޕްގެ ބާރުތަކުގެ) ޙިމާޔަތް ހޯދަން ފެށިއެވެ. ނަތިޖާއެއްގެ ގޮތުން ދައުލަތުގެ ތެރޭގައި "ވަކި ދައުލަތްތަކެއް" އުފެދުނެވެ.
ބިދޭސީން ވަޒަންވެރިވުމުގައި މުޖުތަމަޢުގެ އަސާސީ ސަގާފަތާއި ދީނަށް އިޙްތިރާމްކުރުމުގެ ބަދަލުގައި، އެމީހުންގެ އަމިއްލަ ސިޔާސީ އެޖެންޑާތައް ކުރިއެރުވުމަށް މަސައްކަތްކުރުމުން ދާހިލީ ހަމަނުޖެހުންތައް އިތުރުވިއެވެ.އުސްމާނީ ދައުލަތުގެ ފަހުކޮޅުގައި، ޔޫރަޕްގެ ބާރުތަކުގެ އެހީތެރިކަމާއެކު ޒަޔަނިސްޓުން ފަލަސްޠީނުގެ ބިންތައް ގަނެ، އެތާނގައި ބިދޭސީންގެ ގޮތުގައި ވަޒަންވެރިވާން ފެށިއެވެ.
ސުލްތޯން ޢަބްދުލްހަމީދު ދެވަނަ މިކަމާ ދެކޮޅު ހެއްދެވި ނަމަވެސް، ދައުލަތުގެ ދަރަންޏާއި ބޭރުގެ ސިޔާސީ ނުފޫޒުގެ ސަބަބުން އެކަން މުޅިން ހުއްޓުވޭގޮތެއް ނުވިއެވެ. މިއީ މިއަދު މުޅި އިސްލާމީ އުންމަތް ތަޙައްމަލު ކުރަމުންދާ ބޮޑު މުޞީބާތުގެ ފެށުމެވެ.
ބިދޭސީން ވަޒަންވެރިވުމަކީ ގައުމެއްގެ ބާރާއި ނިޒާމު ގެއްލިގެންދާނެކަމެކެވެ. ގައުމުގެ ކޮންޓްރޯލް ގެއްލި، ބިދޭސީންގެ އާބާދީއާއި ނުފޫޒު ގައުމުގެ އަސްލު ރައްޔިތުންނަށްވުރެ ގަދަވާން ދޫކޮށްލައިފިނަމަ، އެއީ ގައުމުގެ ސިޔާދަތާއި، ސަގާފަތް އަދި މުސްތަޤްބަލް ބަދަލުކޮށްލާނެ ނުރައްކާތެރި ހަތިޔާރެކެވެ.




